ދުނިޔެ

ފަލަސްތީން މީހުންނަކީ އުޅޭ ބައެއް ނޫން: އިޒްރޭލުގެ މިނިސްޓަރެއް

ފަލަސްތީނަކީ ތާރީޚެއް ސަގާފަތެއް އޮތް ތަނެއް ނޫން ކަމަށާ އެއީ އަމުދުން އުޅޭ ބައެއް ވެސް ނޫން ކަމަށް ވިދާޅުވެ އިޒްރޭލުގެ މިނިސްޓަރަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ މާލީ ވަޒީރުކަންވެސް ކުރައްވާ އަދި އިޒްރޭލުން އިސްތިއުމާރުކޮށްފައި އޮތް ފަލަސްތީންގެ ހުޅަނގު އައްސޭރީގެ ބަނޑޭރިކަންވެސް ކުރައްވާ ބެޒަލެލް ސްމޮތުރިޗް މީގެ ކުރިންވެސް ފަނީ ފަލަސްތީނަށާއި ފަލަސްތީން މީހުންނަށް އިހާނެތި ބަސްތައް ވިދާޅުވެފަ އެވެ.

އޭނާ މިދާކަށް ދުވަހު ފްރާންސަށް ކުރެއްވި ދަތުރެއްގައި ދެއްކެވި ވާހަކަތަކެއް މީޑިއާއަށް ވަނީ ލީކުވެފަ އެވެ.

ފަލަސްތީނަކީ ފޮހެލައި ނައްތާލަން ޖެހިފައި އޮތް ތަނެއް ކަމަށް އޭނާ ވިދާޅުވާތީ އެ އޯޑިއޯ ކްލިޕްގައި އިވެ އެވެ. އޭނާ ދެއްކެވި މި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަނީ މުޅި ދުނިޔޭގެ ފާޑުކިޔުމާއި ނަފުރަތު އަމާޒުވެފަ އެވެ.

އިޒްރޭލުގެ ސަރުކާރާ ހަވާލުވެ ވަޑައިގެން ތިއްބެވި ވަޒީރުންނަނީ އިޒްރޭލުގެ ހަޔާތުގައި އެއްމެ ގޮތެއް ނެތް ވަޒީރުން ކަމަށް ވަނީ ލޭބަލްކުރެވިފަ އެވެ.

ނަތަންޔާހޫ ސަރުކާރުގެ ވަޒީރުންގެ ވާހަކަތައް މިހެން ހުރި ނަމަވެސް، އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ އަރާރުންތައް މައިތިރިކޮށް އަންނަ ރޯދަމަހަކީ ފަލަސްތީންގެ އާންމުންނަށް ހިނގާބިނގާވެ އުޅެލެވޭ ވަރުގެ ދުވަސްތަކެއް ގޮތުގައި ހެދުމަށް މަޝްވަރާތައް މިހާރުވެސް މިސްރުގައި އެބަ ހިނގަ އެވެ.

ފަލަސްތީންގެ އާންމުން މަސްޖިދުލް އަގްސާއަށް އަޅުކަމަށް ހާޒިރުވުމަށް ހުރަސް ނޭޅުމަށާއި ރަމަޟާން މަހުގެ ދުވަސްތައް އަޅުކަމުގައި ހޭދަކުރުމަށް ޖެއްސުން ނުކުރުމަށް އިޒްރޭލަށް ވަނީ ގޮވާލާފަ އެވެ.

ފަލަސްތީނަށް މަސްލަހަތު އޮވެގެން ނޫން ގޮތަކަށް އިޒްރޭލަށް ވެސް މަސްލަހަތު ނޯންނާނެ ކަމަށް ފަލަސްތީންގެ ހިމާޔަތުގައި ވާކާލާތުކުރާ ޖަމާއަތްތަކުން ބުނެ އެވެ.