ބޭރު ކުޅިވަރު

ޖޯން ޓެރީ ޗެލްސީއާ ވަކިވަނީ

އުމުރުން 14 އަހަރުގައި ޗެލްސީއާ ގުޅުނު އެ ޓީމުގެ މިހާރުގެ ކެޕްޓަން ޖޯން ޓެރީ މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން ތައްޔާރުވާން ފަށައިފި އެވެ.

ޗެލްސީއާއެކު ތިން ފަހަރު ޕްރެމިއާ ލީގު، ފަސް ފަހަރު އެފްއޭކަޕް އަދި ޔޫރޮޕާ ލިގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ 35 އަހަރުގެ ޑިފެންޑަރު ކުލަބު ދޫކޮށްލަނީ މި ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް އާނުކުރަން ޗެލްސީން ނިންމާފައިވާތީ އެވެ.

"އަސްލު އަހަރެން ހުންނަން ބޭނުން. އަހަރެން ރިޓަޔާ ކުރަން ބޭނުންވަނީ ޗެލްސީގައި. އެކަމަކު ކުލަބު ދަނީ އެހެން މިސްރާބަކަށް،" ޓެރީ ބުންޏެވެ.

މި މައްސަލާގައި ޗެލްސީން ބުނީ މިވަގުތު އާކޮންޓްރެކްޓެއް ހުށަނާޅާނެ ވާހަކަ ޓެރީގާތު ވެސް ބުނެފައިވާނެ ކަމަށާއި ނަމަވެސް އަންނަ ސީޒަނަށް ޓީމާ ހަވާލުވާ ކޯޗެއްގެ ގޮތުން ކަންތައްތައް ބަދަލުވެދާނެ ކަމަށެވެ.

ނަމަވެސް ކުރީގައި ބައިގައި އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމަން ޓެރީ ބޭނުންވެ އެވެ.

"ޕްރެމިއާ ލީގުގެ އެހެން ކުލަބަކަށް އަހަރެން ނުކުޅޭނަން. އެއީ ޔަގީން ކަމެއް. އަހަރެން ކުޅެން ބޭނުން ޗެލްސީ އަށް،" ޓެރީ ބުންޏެވެ.

ޗެލްސީ އަށް މިހާތަނަށް 696 މެޗު ކުޅެދީފައިވާ ޗެލްސީއާ ބެހޭ ގޮތުން އެކުލަބުން ބުނީ އޭނާއަކީ ކުލަބަށް ވަރަށް އަގުހުރި ހިދުމަތްތެރިއެއް ކަމަށާއި ހަމައެހާމެ ރަނގަޅު ކެޕްޓަނެއް ކަމަށެވެ.