ޕީޕީއެމް

ޝިޔާމު ދޫކޮށްލައިފި، އަދިވެސް އެތައް ބަޔަކު ބަންދުގައި

Mar 21, 2023
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއިން ހުރަސް އެޅުމާ ގުޅިގެންނާއި ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 22 މީހުންގެ ތެރެއިން ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ދޫކޮށްލުމަށްފަހު އެހެން މީހުން ބަންދުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޝިޔާމު ރޭ ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މުޒާހަރާކޮށް އަދި ޝިޔާމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އައިސް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.

ނަމަވެސް ޖިނާއީ ބޮޑު ތުހުމަތެއް ޝިޔާމަށް ކުރުމަށްފަހު ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބަންދުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 11 ފިރިހެނަކާއި 10 އަންހެނުން އަދިވެސް އެބަތިއްބެވެ.

ޕީޕީއެމް އިން ބުނާ ގޮތުގައި ފުލުހުންގެ ބަންދުގައި ތިބި ގިނަ މީހުންނަކީ މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމުގެ ކުރިން ބަންދުކުރި ބައެކެވެ.

ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަލާމާތީ އިދާރާތަކުގެ ވެރިން ފެއިލްވުމުން އެކަން ފޮރުވުމަށެވެ.

އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.