އަބޫ ޖައުފަރު މުހައްމަދު އިބްނު މުހައްމަދު އިބްނު އަލް ހަސަން ނާސިރުއްދީން އަލް ތޫސީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 1201 ގައި މިއަދުގެ އިރާނުގެ ހުރާސާން ގެ ތޫސް ކިޔުނު ހިސާބުގަ އެވެ.
ނާސިރުއްދީން އަލް ތޫސީ ވަނީ ސައެންސާއި ފިލޯސޮފީއާއި މެޑިސިން އަދި މެތަމެޓިކްސް އިތުރުން އެސްޓްރޮނޮމީގެ ދާއިރާއިން އިލްމު އުނގެނިވަޑައިގެންފަ އެވެ. މީލާދީން 1256 ގައި އަލްމޫތަށް މޮންގޯލުން އަރައި ހިފުމާއެކު މޮންގޯލުންގެ ވެރިޔާ ހުލާގޫ ގެ ހިދުމަތަށް އޭނާ ގެންދެވުނެވެ. ހުލާގޫ ހާނަށް ނާސިރުއްދީންގެ އިލްމުވެރިކަމާއި ވަކިން ހާއްސަކޮށް އެސްޓްރޮލޮޖީ ގެ ގާބިލްކަން ފެނިވަޑައިގަތުމުން އޭނާގެ ވަޒީރުކަމަށް އައްޔަންކުރި އެވެ.
ނާސިރުއްދީން ތޫސީ ގެ ޒުވާން ދުވަސްވަރަކީ ޖެންގީސް ހާން އިރުމައްޗާއި ހުޅަނގަށް އަތްގަދަ ކުރުމުގެ ވަރުގަދަ ހަނގުރާމަތައް ހިންގަމުން ދިޔަދުވަސްވަރުކަމުން މުސްލިމުންގެ ރައްކާތެރި ތަންތަނަށް އެއްތަނުން އަނެއްތަނަށް ގިނަގިނައިން ހިޖުރަކުރަން އޭނާއަށް ޖެހުނެވެ. އެހެން އުޅުއްވުމުގެތެރޭގައިވެސް ލޮޖިކްއާއި ފިލޯސޮފީ ގެ އިތުރުން މެތަމެޓިކްސް އަދި އެސްޓްރޮނޮމީގެ އިލްމީ މަސައްކަތް އޭނާ ކުރެއްވި އެވެ. އެގޮތުން މީލާދީން 1232 ގައި ފުރަތަމަ ލިޔުއްވި ފޮތަކީ އަހުލާގު އަލް ނާސިރީ އެ ފޮތެވެ. އެފޮތުގައި އަހުލާގުގެ މައްޗަށް ފުންކޮށް ލިޔުއްވައި ސުލްތާން ނާސިރުއްދީން އަބްދުއްރަހީމް އަށް އަރުވާފައިވެ އެވެ.
ނާސިރުއްދީން ތޫސީ ވަނީ މިދުވަސްވަރުގެ އިރާން އާޒަރްބައިޖާންގެ ސަރަހައްދަށްވާގޮތުގައި އޮންނަ މަރަގާ ގައި ފަޒައީ އިލްމު ދިރާސާ ކުރުމަށް އޮބްޒަވޭޓަރީ ގާއިމްކުރުމާއި ތަރައްގީ ކުރުމުގައި އިސްރޯލެއް އަދާކުރައްވާފަ އެވެ. އެތަނުގައި ވަރަށް ސީދާ ކޮށް ކައުނުގައި ޕްލެނެޓްތައް ދައުރުވުމާއި ޕްލެނެޓް ތަކުގެ މަގާމްތަކާއި ނަންތައް ފާހަގަކުރައްވައި އަގުހުރި މަސައްކަތް ކުރައްވާފައިވެ އެވެ. އެގޮތުން 12 އަހަރުވަންދެން އޮބްޒަވޭޓަރީގައި ތަހުލީލުތައް ކުރެއްވުމަށްފަހު އޭނާގެ ޒީޖް އަލް އިލްހާނީ އެދިރާސާތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވި އެވެ. އެސްޓްރޮނޮމީގެ އިލްމް އެހިސާބުން އިތުރަށް ތަރައްގީ ވަމުން އައުމުގައި ނާސިރުއްދީން ތޫސީ ކުރެއްވި މަސައްކަތް ދުނިޔޭގައި ފާހަގަވެގެންގޮސްފައިވެ އެވެ. މަޝްހޫރު އެސްޓްރޮނޮމީގެ އިލްމުވެރިޔާ ކޮޕާނިކަސް ވަނީ ނާސިރުއްދީން ތޫސީގެ އެ މަސައްކަތް ނަކަލުކޮށްފަ އެވެ. ހަމައެހެންމެ ނާސިރުއްދީން ތޫސީ ވަނީ އެސްޓްރޮނޮމީ އާބެހޭގޮތުން އަލް ތަޒްކިރާ ފީ އިލްމުލް ހަޔާތުގައިވެސް މުހިންމު އިލްމީ މަސައްކަތްތަކެއް ގެނެސްފަ އެވެ.
ނާސިރުއްދީން ތޫސީ ވަނީ ގްރީކް ބަހުން ލިޔެފައިވާ އެތަކެއް އިލްމީ ފޮތްތަކުގެ މައްޗަށް ދިރާސާ ހައްދަވައި އެ ފޮތްތަކުގެ އިލްމު އިތުރަށް މުއްސަނދި ކުރައްވާފަ އެވެ. މީލާދީން 1247 ގައި ތަހްރީރުލް މަޖިސްތީ ލިޔުއްވައި ޓްރިގޮނޮމެޓްރީގެ އައު ތިއަރީތަކެއް އޭނާ މުޅިން އަލަށް ތައާރަފް ކުރެއްވި އެވެ.
އެސްޓްރޮނޮމީގެ ތަހުލީލްތަކުގައި ޓޫލް އެއްގެ ގޮތުގައި ޓްރިގޮނޮމެޓްރީ ބޭނުންކުރަމުން އައި އައުން ބަދަލުކޮށް އެއީ ހިސާބް އިލްމުގެ ހާއްސަ ބައެއްގެ ގޮތުގައި ހަމަޖެއްސީ ނާސިރުއްދީން އަލް ތޫސީ އެވެ. ނާސިރުއްދީން އަލް ތޫސީގެ ފަރާތުން ދަރިވަރުވި އިލްމީ އެތަކެއް ބޭފުޅުން ފާހަގަކޮށްލެވެ އެވެ. އެގޮތުން އެއް ބޭފުޅެއްކަމުގައިވާ ކުތުއްބުއްދީން އައްޝިރާޒީ އަކީ އެންމެ ފުރަތަމަ ވިއްސާރަދުނި ހިސާބް އިލްމު ބޭނުންކޮށްގެން ޝަރަހަ ކޮށްދިން އާލިމެވެ.
ނާސިރުއްދީން ތޫސީ ވެފައިވަނީ ހާއްސަކޮށް އެސްޓްރޮނޮމީ އަށް އަރައި ހުންނެވި ދުނިޔޭގެ އެންމެ މޮޅު އެއް އިލްމުވެރިޔާކަމުގަ އެވެ.