މީހުން

މުސްލިމު އިލްމުވެރިޔާ އިބްނު އަލް ނާފިސް

އިބްނު އަލް ނާފިސް އުފަންވެވަޑައިގެންފައިވަނީ ސީރިއާގެ ދިމިޝްގްގައި މީލާދީ ގޮތުން 1213 ވަނަ އަހަރުގަ އެވެ.

އަލް ނާފިސް ތައުލީމް އުނގެނިވަޑައިގެންފައިވަނީ ނޫރައްދީން އަލް ޒަންޖީ ގާއިމުކުރި ކޮލެޖްގަ އެވެ. އެތަނަކީ އެޒަމާނުގައި ބޭސްވެރިކަމުގެ ރޮނގުންވެސް ކިޔަވައި ދެމުން އައި ކޮލެޖެކެވެ.

އަލް ނާފިސް ވަނީ މެޑިސިން އާއި ތިއޮލޮޖީ އަދި ލިޓްރޭޗާގެ ރޮނގުން ހާއްސަވެ ވަޑައިގެންފަ އެވެ. އޭނާ އަކީ ޝާފިއީ މަޒްހަބްގެ އުސޫލުތަކުގެ މާހިރެއްގެ އިތުރުން މޮޅު ފިޒިޝަނެކެވެ.

އަލް ނާފިސް ވަނީ ޝަރުއީ ދާއިރާއާއި ބޭސްވެރިކަމުގެ ރޮނުގުން ކުރިއަރައި ފަހުން މިސްރުގެ ގާހިރާއަށް ވަޑައިގެން އެތާނގެ ނަސްރީ ހޮސްޕިޓަލުގެ ޕްރިންސިޕަލްގެ މަގާމަށް އައްޔަން ކުރެވިފަ އެވެ. އެތަނުގައި ގިނަ ދަރިވަރުންތަކަކަށް އޭނާ ތައުލީމު އުނގަންނައި ދެއްވި އެވެ. އެއިގެ ތެރޭގައި މަޝްހޫރު ސާޖަން އިބްނު ގުފް އަލް މަސީހީ ހިމެނިވަޑައިގަނެ އެވެ. އޭނާވަނީ ކައިރޯގެ މަންސޫރިއްޔާ ހޮސްޕިޓަލްގައިވެސް ހިދުމަތްކުރައްވާފަ އެވެ.

އަލް ނާފިސް ވަނީ އޭނާ އުޅުއްވި ގެ އާއި އޭނާގެ ލައިބްރަރީ އަދި ކްލިނިކް މަންސޫރިއްޔާ ހޮސްޕިޓަލަށް ވަގުފްކޮށްފަ އެވެ.

އަލް ނާފިސް އެންމެ ބޮޑު އިލްމީ މަސައްކަތެއް ކުރެއްވި ދާއިރާއަކީ ބޭސްވެރިކަމުގެ ދާއިރާ އެވެ. އަލް ނާފިސް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކުރީގެ އިލްމީ ލިޔުންތައް މޮޅަށް ދިރާސާ ކުރައްވައި އެތަކެތި ފުރިހަމަކޮށް އަލުން ލިޔުއްވުމުގަ އެވެ. އެގޮތުން އަލް ނާފިސް އަކީ ހަށިގަނޑުގައި ލޭ ދައރުވުމުގެ ނިޒާމު އެންމެ ފުރަތަމަ ހޯދި އިލްމުވެރިޔާ އެވެ. މޮޑަން ސައެންސަށް ބްލަޑް ސާކިއުލޭޓަރީ ސިސްޓަމްގެ މިމަސައްކަތް އަލުން ހޯދިފައިވަނީ އަލް ނާފިސްގެ މި ހޯދުމަށް އެއިގެ ތިން ވަރަކަށް ގަރުނު ފަހުންނެވެ.

ބޭސްވެރިކަމުގެ ރޮނގުން އިންސާނާގެ މޭގެ ބައިތަކާއި ނޭވާލާ ނިޒާމާއި އެނިޒާމްގައި ވައިގެ ދައުރުވުމާއި މިބައިތައް ވަކިކޮށް އެ ގުނަވަންތައް މަސައްކަތްކުރާ ތަފްސީލް ގޮތްތަކާއި އަދި ލޭގެ ނާރުތަކުން ހިތުގެ މަސްގަނޑަށް ލޭ ފޮނުވުމުގެ ތަފްސީލްތައް މުޅީން އަލަށް އޭނާ ގެނެސްދީފައިވެ އެވެ.

އަލް ނާފިސްގެ އިލްމީ ލިޔުންތަކުގެ ތެރޭގައި އަލް ޝާމިލް ފީ އަލް ތިބް އަކީ 300 ވޮލިއުމްގެ މައްޗަށް އެކުލެވޭ އެންސައިކްލޮޕީޑީއާ އެކެވެ.

އޭނާގެ އެންމެ މަޝްހޫރު ފޮތަކީ މުޖާޒް އަލް ގާނޫނެވެ. އެފޮތުގެ މައްޗަށް އެތައް އިލްމުވެރިންނެއް ދިރާސާ ކުރައްވާފައިވެ އެވެ. މީގެ އިތުރުންވެސް އޭނާ ލިޔުއްވި ކިތާބުލް މުހްތާރު ފިލް އަގްދިޔާ އަކީ ކެއުމުގެ އުސޫލްތަކާއި ސިއްހީ ކަންކަމުގެ އެކި ދާއިރާތަކަށް އަލިއަޅުވާލައްވައި ލިޔުއްވާފައިވާ ފޮތެކެވެ.

އަލް ނާފިސްގެ އިލްމީ ބޭސްވެރިކަމުގެ ހޯދުންތަކަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ބޭސްވެރިކަން ކުރިއެރުމުގައި ބޮޑު ނުފޫޒެއް ގެނުވައި މެޑިކަލް ސައެންސް އިތުރަށް ތަރައްގީ ކުރުވި އިލްމީ ހޯދުންތަކެކެވެ.