ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 19 މާރިޗު 2023 އާ ގުޅޭ )

ރުޅި އައިސްގެން ލައިލީ އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށް ހީކުރެވުނީއެވެ. ދަރަކް އަވަހަށް މަޢާފަށް އެދުނެވެ. ރޭގައި އޭނާއަށް ނާދެވުނީމައެވެ. އެހާ ދިގު އިންތިޒާރެއް ލައިލީއަށް ކުރާން ޖެއްސުނީތީއެވެ. ނަމަވެސް ދަރަކް އިތުރަށް ސިއްސުވާލީ ލައިލީ އޭނާ ދުރުކޮށްލީމައެވެ. ވާހަކައެއްދައްކާނޭ ފުރުޞަތެއް ލައިލީ ނުދިނެވެ. ލައިލީއަށް އައިސްފައި ހުރި ބަދަލު ދަރަކްއަށް ފާހަގަވިއެވެ. މީ ދެމަފިރިންގެ ގުޅުން ނިމެންއުޅޭ ކަމުގެ އިޝާރާތެކޭ ދަރަކްއަށް ޤަބޫލުކުރެވުނެވެ.

އެރެއަށް ލައިލީ ތައްޔާރުވެފައި ހުރިވަރު ފެނުމުން ދަރަކްގެ ހިތުގައި ޖެހުނެވެ. ލައިލީގެ އިސްތަށިގަނޑު ކޮށާލައި ސްޓައިލްކޮށްލާފައި އޮތްގޮތް ނުހަނު ހިތްގައިމެވެ. އާންމުކޮށް ލާ އުޅޭ ޖިންސާއި ޓޮޕުތަކުގެ ބަދަލުގައި ހެދުމެއް ލާފައި ހުރީ ވެސް ދަރަކްއަށް ޓަކައި އެރޭގެ ޚާއްޞަކަމުންކަން އެނގެއެވެ. އަނބިމީހާގެ ރީތިކަމަށް ބަދަލެއް ނާންނަކަން ދަރަކްގެ ހިތް އެއްބަސްވެއެވެ. އެއީ އަދިވެސް އޭނާގެ ލޯބިލޯބި ލައިލީއެވެ. އެރެޔެއް ޚާއްޞަކޮށްގެން އަޅާފައި ހުރި ކޭކު ހުރި ގޮތަށް އައިސްއަލަމާރީގައި ހުރިއިރު ރެޔަށް ތައްޔާރުކުރި ކާއެއްޗެހީގައި ވެސް އަތްނުލާކަން ދަރަކްއަށް ފާހަގަވިއެވެ. ގެއްލުނު ވަގުތު އަނބުރާ ނުހޯދޭނޭކަން ދަރަކްގެ ޟަމީރު ހަނދާންކޮށްދިނެވެ. އޭނާގެ މުޅި ނަފްސު ލަދުވެތިކަމުގެ ސާލެއްގައި ފޮރުވިގަތީ އަނބިމީހާއާ ކުރިމަތިލާނެ ހިތްވަރުގެއްލިގެންނެވެ. އެރޭގެ ފަހުން ލައިލީ ބަދަލުވެއްޖެކަން ދަރަކްއަށް އެނގެއެވެ. ބަސްމަދުވެ ދަރަކްއާ ދުރުވެއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. ދެމަފިރިންގެ ދެމެދުގައި ދައްކާނޭ ވާހަކަތައް ހުސްވީ ކަހަލައެވެ. ލައިލީ އިސްވެ އަނގައިން ބުނަނީ ހާލަކުން ފަހަރެއްގައެވެ.

ދަރަކްގެ ދިރިއުޅުމަށް ބިންދާލި ރާޅުގެ ސަބަބުން އޭނާއަށް ރަނގަޅަށް ނުނިދެއެވެ. ކައިވެނީގެ ހަޔާތުގައި ރެނދުލައި ތަޅައިގެންދާ މަންޒަރުތައް ބިރުވެރި ހުވަފެންތަކުގައި ފެންނަނީއެވެ. ލައިލީގެ ހިމޭންކަމުގައިވަނީ ރުޅީގެ ހޫނުކަމޭ ދަރަކްއަށް އަބަދުމެ ހީވަނީއެވެ. ކުއްޖަކު ހޯދަން ލައިލީ ކުއްލިއަކަށް ޚިޔާލުފާޅުކުރުމުން އެކަމަށް ދަރަކްގެ ނަފްސު ތައްޔާރު ނޫނަސް އެއްބަސްވީ އެހެންވެއެވެ. އިތުރަށް ލައިލީ ހިތްހަމަނުޖެހޭހެން ކަންތައްތައްވާން ނޭދޭތީއެވެ. ދަރިއަކު ލިބިއްޖެނަމަ ދެމަފިރިންގެ ދެމެދަށް އައިސްގެން އުޅޭ ދުރުކަން ނެތިގެން ހިނގައިދާނެބާއޭ ދަރަކްގެ ހިތަށް ވެސް އޭރު އެރިއެވެ. އަނެއްކޮޅުން ދަރިއަކު ލިބޭތަނުން ދަރަކްގެ ކައިރިން ލައިލީ ވަކިވާން ބޭނުންވެއްޖެއްޔާ ދެން ހަދާނީ ކިހިނެއްބާއޭ ވެސް ދަރަކް ހިތަށް އެރިއެވެ. ޔަގީނުން ވެސް އިތުރު ހާސްކަމެއް އެ ނިންމުމުގެ ސަބަބުން ދަރަކްއަށް ލިބުނެވެ. އެންމެ ފަހުވަގުތު އެކަން ވެސް ދަރަކްއަށް ފުރިހަމައެއް ނުކުރެވުނެވެ.

"އައި އޭމް ދަ ވޯސްޓް... ބަޓް އައި ޑޯންޓް ވޯންޓް ޓު ފައިޓް އެނީމޯ." ދެ އަތުން ބޮލުގައި ހިފަހައްޓާލައިގެން ހުރިއިރު ދަރަކްއަށް ހިތާހިތުން ކިޔުނެވެ. އޭނާގެ ކައިވެނީގައި ސިޔާއޭ ކިޔުނު ކަތުރުފަނި އެޅީއެވެ. ހިތާއި ސިކުނޑި ކަމުންދަނީއެވެ. ލައިލީއާއެކު ހަމަޖެހޭ ދިރިއުޅުމެއް ދަރަކްއަށް ނޫޅެވޭނެއޭ ސިޔާ ބުނި ބަސް އެ ދެމަފިރިންގެ ކައިވެނީގެ ހަޔާތަށް ޖެހުނު އެސްފީނާއަކަށްވެ ނިމެނީއެވެ. އަނބިމީހާދެކެ ކިތަންމެ ލޯބިވީ ނަމަވެސް ކައިވެނި ސަލަމަތް ކުރެވިދާނޭކަމުގެ އުންމީދު ދުވަހަކަށްވުރެ ދުވަހެއް އައީ ފަނޑުވަމުންނެވެ. ދަރަކް ކަންބޮޑުވެ މާޔޫސްވަނީ އެހެންވެއެވެ.

ލޯބިވެރީންގެ ދުވަހު ސިޔާ މެސެޖުކުރީ ދަރަކްގެ އޮފީސް ކައިރިއަށް އައިސްއެވެ. އޮފީހަށް ވަދެފައި ވެސް ދަރަކް ނުކުތީއެވެ. އޮފީސް ކައިރީ ހުރި ރެސްޓޯރެންޓުން ސިޔާއާ އޭނާ ބައްދަލުކުރިއެވެ.

"އަހަރެން ވަރަށް ބިޒީ. ތިގޮތަށް އަހަރެން ހޯދަން ނައިސްފާނަންތަ؟." ސިޔާގެ ކުރިމައްޗަށްވާހެން މޭޒުދޮށުގައި އިށީން ގޮތަށް ދަރަކް ބުނެލިއެވެ.

"އަހަރެން ޕްރެގް." ސިޔާ އިއްވާލިއެވެ. ދަރަކްއަށް ލިބުނު ސިހުމުގައި އެތެރެއަށް ދިޔަ ކުޅުތިކި އަރުގައި ތާށިވެ ކޮށިއަރައިފިއެވެ. އެހިނދު މޭޒުގައި ވެއިޓަރު ބަހައްޓާފައި ދިޔަ ކުޑަ ފެންފުޅި ކަނޑާލުމާއެކު ބިއްލޫރި ތަށްޓަށް ސިޔާ ފެންފޮދެއް އަޅާލައި ދަރަކްގެ ކައިރިޔަށް ތަށި ޖައްސާލިއެވެ. ނަމަވެސް ސިޔާގެ އަތުން އެޅި ފެންތަށްޓެއް ވީމާ އެ ބޯން ދަރަކް އަމިއްލައަށް މަނާވެގަތީއެވެ.

"ދަރަކްއަށް އަހަރެން ޕްރެގްއީ. އަހަރެން ބޭބީ ބޭނުން... އަހަންނާ އިންނަންވީނު." ސިޔާ ބުންޏެވެ.

ދަރަކްގެ ދޫ ބަންދުވިއެވެ. ސިކުނޑީގެ މަސައްކަތް ކުރުން ވެސް ހިނދުކޮޅަށް ހުއްޓުނު ކަހަލައެވެ. ބުނަންވީ ކީކޭކަން ނޭނގުނީ އެހެންވެއެވެ. ވިސްނުމުގެ ބާރު ގެއްލުނީމައެވެ. މީހާ ގަނޑުވެފައި އިނދެވުނީއެވެ. ކަށިކުބުރު އޮފިތަކެއް ފައިންފެށިގެން ގައިގާ އޮޅެމުން އައިސް ކަރާ ހަމައަށް އަރައި އޭގެ ތެރޭ ދަރަކްގެ ނަފްސު ފިސްކޮށްލަން އުޅޭ ފަދައެވެ. އަނގަހުޅުވި ދެ ލޯ ބޮޑުވެފައި އޭނާ އިންދާ ސިޔާ ކުރިޔަށް ދަމާލި ކަނާއަތްތިލަ ގެނެސް ދަރަކްގެ މޫނުގައި ޖައްސާލިއެވެ. ތުނިކޮށް ހުރި ތުނބުޅީގައި އޭނާ މަޑުމަޑުން ފިރުމާލިއެވެ. އެބީހުން ދަރަކްގެ ކެތްތެރިކަން ގެއްލުވާލިއެވެ. އަލިފާނުގެތެރެއަށް އަމިއްލައަށް ގޮސް ފުންމާލުމެކޭ އެއްވަރުވުމުން ސިޔާގެ އަތުގައި ޖަހައި ފޮޅުވާލެވުނީ ނިކަން ބާރަށެވެ. މޭޒުމަތީ ހުރި ބިއްލޫރި ތަށީގައި ސިޔާގެ އެ އަތް ޖެހި ތަޅުން މައްޗަށް ތަށި ވެއްޓި ތަޅައިގެން ދިޔަ އަޑު އިވުނެވެ.

"އައްދޯއި! ތަދުވެއްޖޭ." ކަނާއަތުގެ ކުޑަހުޅާ ހިސާބުގައި ވައަތުން ހިފަހައްޓާލަމުން ސިޔާ ބުނެލިއެވެ.

"މިރޭ... އަހަރެން މިރޭ މެސެޖު ކުރާނަން. އަހަރެން ބުނާ ތަނަކަށް އާދޭ." ދަރަކް މޭޒުދޮށުން ތެދުވީއެވެ. ވޮލެޓުން ފައިސާ ނަގައި މޭޒުމަތީ ބެހެއްޓުމަށްފަހު އޭނާ އެންމެ މިނެއްޓެއް ވެސް މަޑެއްނުކުރިއެވެ. ހަލުވި ފިޔަވަޅުގައި ރެސްޓޯރެންޓުން ނުކުމެގެން ދިޔައީއެވެ.

ކުއްލިއަކަށް ހަދާނޭގޮތެއް ދަރަކްއަށް ނޭނގުނީއެވެ. ސިޔާ އެ ދިނީ ނުބައިގެންވީ ޚަބަރެކެވެ. ވިސްނަން ދަރަކް ވަގުތު ބޭނުންވީއެވެ. ސިޔާއާ ކުރިމަތިލާން ގަސްދުކުރީ އޭގެ ފަހުގައެވެ.

ދެމީހުންނަށް އެކަހެރިކޮށް ވާހަކަދައްކާލެވޭނެހެން ޕާޓިޝަން ޖަހާފައި ހުރި ކެފޭއަކަށް ދަރަކް އައިސް އިނެވެ. ސިޔާ ކައިރީ އެތަނަށް އަންނަން ބުނެފައެވެ. އޭރު ވެސް ދަރަކް އިނީ ވިސްނުމަކަށް ގެއްލި ފިކުރުބޮޑުވެފައެވެ. ސިޔާ އެތަނަށް ވަދެ ގުޅުމުން ދަރަކް އިން މޭޒު ކިޔާދިނެވެ.

"ދޮގު ނުހަދާ ތެދަށްބުނޭ. ސިޔާ އަސްލަށް ވެސް ޕްރެގްތަ؟." ދަރަކް ސުވާލުކުރިއެވެ.

"ދޮގެއްނޫން. އަހަރެން ކުރީން ދުވަހަކު ކުލިނިކަކުން ޓެސްޓު ވެސް ކޮށްފިން." ހިތްހަމަނުޖެހުނު ފަދައަކުން ދެއަތްއުރާލައި ގޮނޑީގައި ސިޔާ ލެނގިލިއެވެ.

"ކިހިނެއް އެނގެނީ އަހަންނަށްކަމެއް ޕްރެގްވީ." ދަރަކް ބުންޏެވެ.

"ދަރަކްއަށް ހަމަ ނޭނގިގެންތަ ތިހެން ތިއަހަނީ. ބަލަ ޕްރެގްވާ ގޮތަށް އަހަންނާއެކީ ދަރަކް ނޫޅެންތަ؟." ރުޅިވެރިކަމާއެކު ސިޔާ ބުންޏެވެ.

"އެ ދުވަހު އަހަރެމެންނާއެކީ ސަޔަށް ގޮސް ސިޔާ އަހަންނަށް ކަމެއްކުރީ. ޔަގީނުން ވެސް އަހަރެން ކެއި ހެދިކާގައި މީހަކު އަތްލާފައެއްނެތް. އެހެންވީމަ އަހަރެންގެ ސައިތަށްޓަށް އެއްޗެއް އެޅީ ދޯ." ދަރަކް އެހެން ބުނީ އެ ދުވަހު ދަރަކްގެ ޚަބަރު ހުސްވަންވީ ގޮތަކާމެދު ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައެވެ.

"ވާއޮ! ފިލްމުތަކާއި ސީރީޒްތައް ބަލާކަން އެނގޭ. އަހަރެން އެހާ ކުޅަދާނައީތަ؟. އަހަރެން އެކަންޏެއްނޫން ދޯ އިނީ. އަހަންނާއެކީ އަފްރާހު ވެސް އިން. އެހެންވީމަ އޭނާ ވެސް ދަރަކްއަށް ގޮތެއްހަދަން އަހަރެންނާ އެއްބައިވީތަ." މޭޒުގައި ވިއްދާލި ކަނާއަތަށް ދަތްދޮޅިދެމުން ސިޔާ ވާހަކަދެއްކީ ޒާތެއްގެ ހިންޏެއް އައިސްފައި އިނދެއެވެ.

"ކުއްލިއަކަށް ވާނުވާ ނޭނގެންވީ ސަބަބެއްނެތް. ލޭމައްޗަށް ދިއުމެއް ހަކުރު ބަލި ނޫނީ ކޮލެސްޓްރޯލް ކީއްކުރަން އެއްވެސް ކަހަލަ ބައްޔެއް އިރާދަކުރެއްވިއްޔާ ނެތް. ޑީހައިޑްރޭޓް ވެގެން ވެސް އަނބުރައިގަންނަ ވަރެއް ނުވާނެ. އެ ދުވަހު އެއްވެސް ކަހަލަގެ ވަރުބަލިކަމެއް އަހަންނަށް ލިބިފައެއްނޫން ހުރީ. ސިއްޙަތު ރަނގަޅަށް ހުރި މީހަކު ކުއްލިއަކަށް ނުވެއްޓޭނެ. އޭގެ ފަހުން އަހަރެން ޑަކްޓަރަށް ވެސް ދެއްކީ. ހެޔަށް ގޮތްވާންޖެހޭ އެއްވެސް ބައްޔެއް ހުރިކަމަކަށް ޑަކްޓަރު ނުބުނޭ." ދަރަކް ވާހަކަދެއްކިއެވެ.

"މިކަމެއްވީސުރެ ދަރަކް ތިއުޅެނީ މީ ނުވާކަމެއްކަމަށް ހެދޭތޯ. ގެއަށް ގެންގޮސްދޭން އުޅުނީމާ އަހަރެން ކައިރީ ރޫމެއް ނަގަން ބުނީ ވެސް ދަރަކް. އެތަނަށް ދެވުނީމާ ދެން އުޅުނީ އެހެންކަމެއް ބޭނުންވެގެން. މިހާރު އެއްވެސް ކަމެއް ހަނދާންނެތޭ ބުނީމަ ދަރަކްއަށް މިކަމުން ސަލާމަތްވެވޭނެކަމަށް ހީނުކުރާތި. ދަރަކް އަހަންނަށް ފޯސްކުރީ ފުރަތަމަ. އެހެންވެ އަހަރެން މިހާރު މި އިން ހާލުގައި އިންނަން ޖެހުނީ. އަދިވެސް... އަދިވެސް ތިއުޅެނީ ހުރިހާކަމެއް ދޮގުކުރަން. އަހަރެންގެ ޕްރެގްނެންސީ ވެސް ދޮގުކުރާނީތަ." ސިޔާގެ އަޑު ބާރެވެ.

"އެންމެ ރަނގަޅު. އަހަރެން ވެސް އެނގެން ބޭނުންވާ ކަންކަން އެބަހުރި. އޭގެ ފަހުގައި ދެން އަހަރެމެން މިކަމާމެދު މަޝްވަރާ ކުރާނީ." ދަރަކް މިހެން ބުނެ އޭނާގެ ފައިކައިރީ ގޮނޑީގައި ބާއްވާފައި އޮތް ބޮޑު ސިޓީއުރަ ނެގިއެވެ.

"މިހާރު ތީ ކޯއްޗެއް. އަނެއްކާ ވެސް ޑަކްޓަރެއްގެ އަތުން ހޯދައިގެން އުޅޭ ލިޔުމެއްތަ؟." ސިޔާއަށް ސިޓީއުރަ ފެނުމާއެކު ބުނެލިއެވެ.

"މީ މިވަގުތު މާލޭގައި ހުރި އެންމެ މޮޅު ފާޓިލިޓީ ކުލިނިކް. އެތަނުން ޑީއެންއޭ ޓެސްޓް ހަދައިދޭ. މީ އެކަމަށް އެދޭ ފޯމް. ޓެސްޓް ހަދަން ސިޔާ އެކަނި ދާކަށް ނުޖެހޭނެ. އަހަރެން ސިޔާއާއެކީ ހުންނާނަން." ދަރަކް ބުންޏެވެ.

"ޑީއެންއޭ... ދަރަކް ޤަބޫލުނުކުރިޔަސް މީ ދަރަކްގެ ދަރިއެއް." ސިޔާ ބުންޏެވެ.

"ޓެސްޓު ނުހަދާ އަހަންނަށް ޔަގީންކަމެއްނެތް." ދަރަކް ސާބިތުވެ އިނދެ ބުންޏެވެ.

"ޔޫ އާ ދަ ވޯސްޓް. އަހަންނަށް އެނގޭ މިހާލުގައި ވެސް ދަރަކް އަހަރެން ބަލައިނުގަންނާނެކަން. މީހަކާ އިނދެގެން ހުރެ އެއްވެސް ފިރިހެނަކު ބޭނުމެއްނުވާނެ ޤަބޫލުކުރާކަށް. އަހަރެން ބަދުނާމުވިޔަސް މި ދަރިފުޅު ދުނިޔެއަށް އުފަންކުރީމަ އެންމެންނަށް ވެސް އެކުއްޖާ ދަރަކްއާ ވައްތަރުވެގެން އެ ވާހަކަދައްކާ އަޑު އަހަން ކެރޭނެތަ؟. ބުނޭ ބައްޕަނެތް ކުދީން އެންމެ ވައްތަރުވާނީ ވެސް އެކުދީންގެ ބައްޕައާއޭ. އަހަރެން ހުރީ ދަރަކްގެ ކައިރިޔަށް ނާންނަން. އެކަމަކު މިހެންވީމަ އަންނަން ޖެހުނީ. ދަރަކްއަށް ވެސް އެނގެން ޖެހޭނެތީ. މީ ޕްލޭންކޮށްގެން ވީކަމެއް ނޫން. މިހެންނެއްނޫން ދަރިއަކު ލިބެން އަހަރެން ވެސް ބޭނުންވީ. ދަރަކްއަށް އަހަރެން މުހިންމުނުވިހެން މި ދަރިފުޅު ވެސް މުހިންމެއްނުވި. ލައިލީއަށްވުރެ އެކަކުވެސް ދަރަކްއަށް މުހިންމެއްނޫންކަން އެނގިއްޖެ. އެންމެ ރަނގަޅު... އަހަރެން އެބޯޓްކޮށްލަފާނަން. އެޔެއްނު ދަރަކް ބޭނުންވާ ގޮތަކީ." ސިޔާ ބުންޏެވެ.

"ޒިންމާ ނުނަގާކަށްނޫން. ސިޔާ ބުނެބަލަ. ކޮބާ ހެއްކަކީ ތީ އަހަރެންގެ ދަރިއެއްކަން. ކޮން ކުލިނިކަކުން ޕްރެގްތޯ ޓެސްޓުކުރީ. އެމީހުން ރިޕޯޓެއް ނުދޭތަ؟." ދަރަކް ސުވާލުކުރިއެވެ. ސިޔާގެ ވާހަކަ ފުރަތަމަ ހުރިގޮތުން ހީވީ އޭނާ ބޭނުންވަނީ ބަނޑުބޮޑުވީމާ ދަރިފުޅު ދަރަކްގެ ބޮލުގައި އަޅުވާން ގަސްދުކޮށްގެން އިންހެންނެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ވާހަކައިގެ މިސްރާބު ބަދަލުވެއްޖެއެވެ. މިހާރު ސިޔާ ގަސްދުކޮށްގެން އޭނީ ދަރިވައްޓާލަން ކަހަލައެވެ.

"ދަރިވައްޓާލައިގެން ނުވޭ. އެކަމަކު ހަވާލުވާކަށް ވެސް ބޭނުމެއްނޫން. އެންމެ ކުޑަމިނުން އަހަރެމެން ދެމެދުގައި ކަމެއް ހިނގިކަމަށް ޤަބޫލުކުރާކަށް ވެސް ދަރަކް ބޭނުމެއްނޫން." ސިޔާ މޭޒުގައި އަޅާލި ދެއަތުގެ ތެރޭ މޫނުފޮރުވާލައި ރޯންފެށިއެވެ.

"ކިތައް ފަހަރު އަހަރެން ބުނަންވީ ހެއްކެއްނެތި އަހަރެން އިތުރު ކަމަކަށް އެއްބަހެއްނުވާނަމޭ. ކީއްވެތަ ސިޔާއަށް ހެކިނުދެއްކިގެން ތިއުޅެނީ. ޑީއެންއޭ ޓެސްޓް ހަދުމުން ހުރިހާކަމެއް ސާފުވެ އެނގިގެންދާނެ." ދަރަކްގެ ވާހަކައިން ސިޔާ ބޯހިއްލާލިއެވެ. ލޯ ކައިރި ފުހެލާފައި ދަރަކްއަށް ބަލާލީ ނުރައްކާތެރި ބެލުމަކުންނެވެ.

"ހެކި ހިފައިގެން ލައިލީ ކައިރިޔަށް އަހަރެން ހިނގައިދާނަން. އެގޮތް މާ ރަނގަޅެއްނު. ހެކި އޮތްތަނުގައި ހެކި ބާއްވާ... މިގޮތް މާ ރަނގަޅު. އަހަންނަށް ވަރިހަމަ. އަހަންނަށް އެނގެނީ ލައިލީ ކަލޭގެ ބޭވަފާތެރިކަމަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެކަން. އޭނާ އަދިވެސް ނިއުއިޔާގައި ކަލޭ ކަންތައްކުރި ގޮތުގެ ވާހަކަދައްކާ. އޭނާ ކަލެއާމެދު އޭނާ ޝައްކުކުރޭ." ދަރަކްއަށް އަސަރުކުރާނީ ކިހިނެއްކަން ސިޔާއަށް އެނގެއެވެ. އެ ދެމެދަށް ލައިލީގެ ނަން ވެއްދީ އެހެންވެއެވެ.

"ލައިލީ ކައިރީ އެއްވެސް ވާހަކައެއް ނުދައްކާނަމޭ ކަލޭ ނުބުނަންތަ؟." ދަރަކް ބުންޏެވެ.

"ރޫމުގައި އަހަރެމެން ދެމެދުގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ ކިޔައިނުދެމެންނު. އެކަމަކު ބަނޑުބޮޑުކަން ސިއްރުކުރާނަމޭ ބުނިންތަ؟." ސިޔާގެ ތުންފަތުގައި މިހާރު ވީ ހިނިތުންވުމެކެވެ.

ދަރަކް ވަގުތުން ހާސްވިއެވެ. ލައިލީ ކުއްޖަކު ބޭނުންވެގެން އެކަމަށް ނުހަނު ތައްޔާރުވިއެވެ. ނަމަވެސް އެ ހުރިހާކަމެއް ބޭކާރުވީ ޚުދު ދަރަކްއާ ހެދިއެވެ. ވީއިރު ދަރަކްގެ ދަރިއަކަށް ސިޔާ ބަލިވެ އިން ޚަބަރު ލައިލީގެ ކަންފަތަށް ފޯރައިފިނަމަ އެހިސާބުން އެމީހުންގެ ގުޅުން ނިމޭނެކަން ޔަގީނެވެ.

"ކަލޭ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ. އެނގޭ ދޯ އަހަރެން ކަލޭ ދެކެ ދުވަހަކުވެސް ލޯތްބެއް ނުވާނެކަން." ދަރަކްއަށް ބުނެވުނެވެ.

"އެނގޭ ލޯތްބެއްނުވާނެކަން. މި ދަރިފުޅާ ހަވާލުވާނޭ ހީކުރިން. އެކަމަކު އެކަމެއްވެސް ނުކުރާނެކަން ސާފުވެއްޖެ. ދަރަކްއަށް އެނގޭނެ އެބޯޝަން ހެދުމަކީ މިކޮޅުން ފަސޭހަކަމެއްނޫންކަން. އަނެއްކާ މީ އަހަރެންގެ ހަށިގަނޑު. މިހުރިހާކަމެއް މިހެންމިވީ ދަރަކްގެ ސަބަބުން. އަހަރެން ބޭނުމީ ހުރިހާކަމެއްގެ ބަދަލު ފައިސާއިން ދޭން." ސިޔާ ބުންޏެވެ.

"ފައިސާއިންނޭ... ކިހާވަރެއް؟." ހައިރާންވެ އިނދެ ދަރަކް އަހާލިއެވެ.

"ހަމަ އެންމެ އެއްލައްކަ ރުފިޔާ." ޝަހާދަތް އިނގިލި އުފުލާލައި ސިޔާ ބުނެލިއެވެ.

"އެއް... އެއްލައްކައޭ..." ދަރަކްގެ ކަރުގައި އަޅައިގެންފައި ބަސްތައް ނުކުތްފަދައެވެ.

"އޮފީހުން ޗުއްޓީނަގަންޖެހޭނެ. ރާއްޖޭން ބޭރަށް ގޮސް މިކަހަލަ ކަމެއް ކުރުން ސޭފްވާނީ. އެކަމަށް ޚަރަދު ހިނގާނެ. ދަރަކް އަހަރެންގެ ކިބައިން ފައިދާ ނެގީ. އަހަރެންގެ ބޭނުން ހިފާލީ. އެހެންވީމަ ބަދަލަކަށް އެވަރު ބޮޑެއްނޫން." ސިޔާ ބުންޏެވެ.

"އެވަރުން ކަލޭގެ ހިތް ފުރޭނެތަ؟. މިހުރިހާކަމަކަށް ނިމުން އަންނާނެތަ؟. މުޅިއުމުރަށް އަހަރެންނާއި ލައިލީގެ ދިރިއުޅުމާ ދުރުގައި ހުރެދާނަންތަ؟." ދަރަކްއަށް ޔަގީންނުވިޔަސް އޭނާ ހިތުގެ އަޑިން ހުރިހާކަމަކަށް ނިމުން އަންނަން އެދުނެވެ. ސިޔާއަށް އެއްލައްކަ ރުފިޔާ ދީގެން ވިޔަސް ދަރަކް ބޭނުމީ ސިޔާ އެކުޅޭ ކުޅިވަރު ނިމުމަކަށް ގެންނާށެވެ.

"މަރާ ހަމައަށް ހުރިހާކަމެއް ސިއްރުކުރާނަން. އެކަކު ކައިރީ ވެސް އަހަރެމެންގެ ވާހަކައެއް ނުދައްކާނަން. އޯކޭ އެއްނު." ސިޔާ ބުންޏެވެ.

ފުންނޭވާއެއް ދޫކޮށްލާފައި ދަރަކް އިންތަނުން ތެދުވީއެވެ. އެހިނދު ސިޔާ ހައިރާންވިއެވެ. އެއްބަސްވުމަކާނުލާ ފައިސާ ހަވާލުނުކުރެވޭނެކަން ދަރަކް ބުންޏެވެ. އެހެންވެ ދެން ދެމީހުން ބައްދަލުވާނީ އެ އެއްބަސްވުމާއެކުގައި ކަމަށް ދަރަކް ބުންޏެވެ. ދަރަކް ނުކުމެގެން ދިއުމުގެ ކުރީން ސިޔާ ހިފައިގެން އެތަނަށް ވަން ކޮތަޅު ދަރަކްއަށް ދިއްކޮށްލިއެވެ.

"ތީ ކޯއްޗެއް؟." ދަރަކް އަހާލިއެވެ.

"ހަދިޔާއެއް. ހެޕީ ވެލެންޓައިންސް ޑޭ." ސިޔާ ބުނެލިއެވެ. ދަރަކްގެ ދެބުމަ ކައިރިވެލިއެވެ. ނުހިފާ ދާން އުޅެފައި ވެސް އޭނާ ހުއްޓުނެވެ. ސިޔާ ބުނިވަރަށް ފައިސާ ދެވެންދެން އޭނާ ރުއްސާފައި ބެހެއްޓުން އެއީ އެންމެ ބުއްދިވެރިގޮތޭ ދަރަކްގެ ހިތަށް އެރީއެވެ.

"ޕްލީޒް... ދެން ހިފާބަލަ." ސިޔާ ބުނެލިއެވެ. އެއާއެކު ދަރަކް އެތަނުން ނުކުތީ ސިޔާ ދިން ކޮތަޅު ހިފައިގެންނެވެ.

ވަކީލަކާ ވާހަކަދައްކާލުމަށް އޮފީހުން ބޭރުގައި އުޅެފައި ދަރަކް އައިސް އޮފީހަށް ވަން ވަގުތެވެ. އަފްރާހު ކައިރީ ހަވީރުގެ ސަޔަށް ދާން ސަމައިރާ ކިޔަމުންދިޔައެވެ. ދަރަކް އައުމުން އޭނާގެ ކައިރީ ވެސް ސަމައިރާ ކިޔަންފެށިއެވެ. އެ ދުވަހު އަފްރާހާއި ސަމައިރާއާއެކީ ސަޔަށް ދިޔައީތީ ތަފާތު މަންޒަރެއް ދަރަކްއަށް ފެނުނެވެ. މޭޒެއްގެ ދޮށުގައި އެހެން ފިރިހެނަކާއެކު ލައިލީ އިންތަން ދުށުންވީ ދަރަކްއަށް ވެސް އާ މަންޒަރަކަށެވެ. ލައިލީގެ ހިނިތުންވުން ނުފެންނަތާ މަސްތަކެއްވެފައި ވަނިކޮށް އެހެން ފިރިހެނެއްގެ ކުރިމަތީ ލައިލީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް ފަދައިން ހޭތަން ފެނުމުން ދަރަކްގެ ހިތުގައި ރިއްސާލިއެވެ. އޭނާ ލައިލީގެ ކައިރިއަށް އަންނަކަމެއް ލައިލީ ނުދެނަހުއްޓެވެ. ނަމަވެސް ދަރަކްގެ ފިޔަވަޅު މަޑުޖެހޭ ގޮތްވީ ލައިލީގެ ކުރިމަތީ އިން ޒުވާނާގެ ތައުރީފުގެ ބަސްތައް އިވިފައެވެ. އުމުރުން ތިރީސް އަހަރުވިޔަސް ލައިލީގެ ރީތިކަން ފުރިހަމަވެފައި އުމުރާ ނުބައްދަލުކަން އެ ޒުވާނާ ބުނެލިއެވެ. އޭނާގެ ބެލުމާއި ވާހަކަދެއްކުމާއި ކޮންމެ ހަރަކާތަކުން ދަރަކްއަށް ދޭހަވީ އޭނާގެ އަނބިމީހާއާ މެދު އެ ޒުވާނާ ޝައުގުވެރިވެފައިވާ މިންވަރެވެ. ފާއިތުވި ދުވަސްތަކުގައި ދަރަކްގެ ހިތުގައި އަބަދުމެ އޮތް ބިރުވެރިކަމަކީ އޭނާއާއި ލައިލީގެ ދެމެދަށް ސިޔާ ވަދެދާނޭކަމުގެ ބިރެވެ. އެއްފަހަރު އޭނާ ހިތަށް ނޭރީ އޭނާގެ ރީތި އަނބިމީހާއާ މެދު އެހެން ފިރިހެނެއްގެ ޝައުގުވެރިކަން ހުއްޓިދާނޭކަމެވެ. ލައިލިއާ މެދު ފަރުވާކުޑަކުރެވުމުގެ ނަތީޖާބާއޭ ދަރަކްގެ ހިތަށް އެރުމުން އިހުނަށްވުރެ އެހިތަށް ލިބުނު ހިތްދަތިކަން އިތުރުވެއްޖެއެވެ.

(ނުނިމޭ)