ބޭރު ކުޅިވަރު

އަށް މަސް ދުވަހަށް ފަހު ހަޒާޑް ގޯލެއް ޖަހައިފި

ފާއިތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި އެޑެން ހަޒާޑު ޖެހި ފުރަތަމަ ގޯލާއެކު 5-1 އިން މިލްޓަން ޑޮންސް ބަލިކޮށް ޗެލްސީ އެފްއޭކަޕުގެ އަނެއް ބުރަށް ދަތުރުކޮށްފި އެވެ.

މި މެޗުގައި ހަޒާޑް ގޯލު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭނާ އެންމެ ފަހުން ގޯލެއް ޖެހީ މިއީ މިދިޔަ އަހަރު މެއި މަހު އެވެ. އަދި ގޯލެއް ޖަހާފައިވަނީ 31 މެޗުގެ މެދުކެނޑުމަކަށް ފަހު އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ތިން ގޯލު ޖެހީ ބްރެޒިލްގެ އޮސްކާ އެވެ. މިއީ ކޯޗު ހޯސޭ މޮރީނިއޯގެ ދުވަސްވަރު ފޯމު ކަޓާފައިހުރި ކުޅުންތެރިޔާ ފަހަކަށް އައިސް މޮޅަށް ކުޅެ ގޯލު ޖެހި ފުރަތަމަ މެޗެވެ. ޗެލްސީގެ ފަހު ލަނޑު ޖެހީ ބާޓްރަންޑް ޓްރައޯރޭ އެވެ.

އެފްއޭކަޕުގައި ރޭ އެވަޓަން އާއި ޗާލިސްލޭ ޔުނައިޓެޑް ކުޅުނު މެޗު 3-0އިން ކާމިޔާބު ކުރީ އެވަޓަން އެވެ.

އިނގިރޭސި ބޮޑެތި ކުލަބުތަކުގެ ތެރެއިން މެންޗެސްޓާގެ ދެ ޓީމާއި އާސެނަލް އަދި ޓޮޓެންހަމް ވެސް އެފްއޭކަޕުގައި އިއްޔެރޭ ކާމިޔާބު ހޯދާފައިވާއިރު އެއްވަރުވީ ލިވަޕޫލް އެކަންޏެވެ.