ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއިން ހުރަސްއެޅި ހަތަރު މީހެއްގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ރޭގެ ވަގުތެއްގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަަދު ހާޒިރުކުރުމުން އަންހެން މީހާ އާއި އެއް ފިރިހެނެއްގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. އަނެއް ދެ ފިރިހެނުންގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ވެސް ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ޝިޔާމު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި ޝިޔާމު ރޭ ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މުޒާހަރާކޮށް އަދި ޝިޔާމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އައިސް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.
ޕީޕީއެމް އިން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާއިން ނުވަ އަންހެނުންނާއި އަށް ފިރިހެނުންނާ އެކު ޖުމްލަ 17 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ޝަރުތުތަކެއް ކުރުމަށްފަހު ކޯޓުން ވަނީ މި އެންމެން ދޫކޮށްލާފަ އެވެ.
މިއެންމެންވެސް ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބު އދާކރުމަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.
ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަލާމާތީ އިދާރާތަކުގެ ވެރިން ފެއިލްވުމުން އެކަން ފޮރުވުމަށެވެ.
އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.