ރާއްޖެ ކުޅިވަރު

އަމްދާނަށް ޕީޑީއާރުއެމް އިން ލިބުނު ފުރުސަތު ގެއްލިއްޖެ

މާޒިޔާ އާއި ގައުމީ ޓީމުގެ އިތުބާރު ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަށް މެލޭޝިޔާގެ ޕީޑީއާރުއެމްއިން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ ޕީޑީއާރުއެމްއިން މިހާރު ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމަށް ކުޅޭނެ ބިދޭސީ ހަތަރު ކުޅުންތެރިން ފައިނަލް ކޮށްފަ އެވެ. އެއީ ދަގަނޑޭ އާއި ބްރެޒިލްގެ ފޯވަޑް އެންޑަޒީނިއޯ އާއި ސިންގަޕޫރުގެ ޑިފެންޑަރު ސަފްވާން ބަހަރުއްދީނާ އާއި މާލީގެ ޑިފެންޑަރު ސުލައިމާން ކޮނާޓޭ އެވެ.

މަޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) މިއަދު ބުނީ އަމްދާނަށް ފުރުސަތު ގެއްލުނު މައިގަނޑު ސަބަބަކީ ޕީޑީއާރުއެމްއިން ފުރުސަތު ލިބުނު ދުވަސްވަރު ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕަށް ދާން ޖެހުން ކަމަށެވެ.

"ދެން އެމީހުން ގެންދިޔަ މާލީ ޑިފެންޑަރު ރަނގަޅުވީމަ އެމީހުން ނިންމީ (އެޑިފެންޑަރު) ބަހައްޓަން،" ކޮކީ ބުންޏެވެ.

ޕީޑީއާރުއެމްއާ ގުޅެން އަމްދާނަށް ފުރުސަތު ލިބުނީ އެންމެ ފުރަތަމަ އެ ޓީމުގެ ޓްރަޔަލްގައި ބައިވެރިވުމަށެވެ. އޭނާ އަކީ މިހާރު ރާއްޖޭގައި ތިބި ޑިފެންޑަރުންގެ ތެރެއިން ފަހަކަށް އައިސް ގައުމީ ޓީމުގެ ފަހަތުގައި އެންމެ އިތުބާރާއެކު ކުޅެމުން އަންނަ ކުޅުންތެރިޔާ އެވެ.