ކުށްކުރުން

ފިލައިގެން އުޅުނު ފައިހް އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

Mar 21, 2023

ފުލުހުން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މިރޭ އޭނާ ހައްޔަރުކޮށްފި އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ފުލުހުން އޭނާ ހޯދަން އިއުލާންކުރީ މިދިޔަ މަހު 15 ގައެވެ. އެހެންކަމުން އޭނާ ހޯދަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފައިހްއަށް ތުހުމަތުކުރާ މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި މައްސަލައެއްގެ ތަހުގީގަށެވެ.

ފައިހް ފުލުހުންނާ ހަވާލުވެފައި މިވަނީ އޭނާ ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. ނަމަވެސް މީގެތެރެއިން ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.