ބޮލީވުޑް

ރޯދަ މަހާ ދިމަކޮށް ހީނާ ޚާން އުމްރާއަށް

ޓީވީ އަދި ފިލްމު އެކްޓަރު ހިނާ ޚާން އޭނާގެ މަންމަ އާއި ކޮއްކޮ އާއެކު މިދިޔަ އަންގާރަ ދުވަހު އުމްރާއަށް ފުރައިފި އެވެ.

މާތް ވެގެންވާ މައްކާގައި އުމުރާގެ އަޅުކަމުގައި އުޅެމުން ނަގާފައިވާ ފޮޓޯތަކެއް ވެސް ހީނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. ހީނާ ލިޔެފައިވާ ގޮތުގައި މި ފަހަރު އޭނާ މިވީ ހަޔާތުގައި ވީ ފުރަތަމަ އުމްރާ އެވެ. މިއީ ވަރަށް ކުރިއްސުރެ ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ވެސް ހީނާ ބުނެފައި ވެއެވެ.

ހީނާގެ މި ވީޑީއޯ އަށް ވަރަށް ގިނަ ފޭނުން ވަނީ މަރުހަބާ ކިޔައި ހެޔޮ ދުއާ ފޮނުވައި، ކޮމެންޓްތައް ކޮށްފަ އެވެ.

ހީނާ އާއެކު ރިއަލިޓީ ޝޯ "ބިގް ބޮސް"ގައި ބައިވެރިވި މުސްލިމް އެކްޓަރުންގެ ތެރެއިން އާސިމް ރިއާޒް އާއި އަލީ ގޯނީ ވެސް ދާދިފަހުން އުމްރާ ވެފައި ވެއެވެ.

ހީނާ އެންމެ ބޮޑަށް ވިދާލީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި ކުޅުނު އަކްޝަރާގެ ރޯލުންނެވެ. މި ސިލްސިލާގައި ހަތް ވަރަކަށް އަހަރު އޭނާ މަސައްކަތް ކުރުމަށްފަހު ޝޯ ދޫކޮށްލީ މާ މުސްކުޅި ރޯލެއް ކުޅެން ޖެހިގެންނެވެ. ފަހުން އޭނާ ވަނީ "ކަސޯޓީ ޒިންދަގީ ކޭ"ގެ އާ ސީޒަންގައި ކޯމަލިކާގެ ރޯލު އަދާކޮށްފަ އެވެ.

ހީނާ އެންމެ ފަހުން ކުޅެފައިވަނީ "ޝަޑްޔަންތުރަ" ކިޔާ ވެބް ސީރީޒް އެކެވެ. މި ސީރީޒްގައި ހީނާ އާއެކު ބައިވެރިވެފައިވަނީ ކުނާލް ރޯއީ ކަޕޫރާއި ޗަންދަން ރޯއީ ސާންޔާލް އެވެ.

މީގެ އިތުރުން "ރާންޖްނާ"، "ބާރިޝް ބަންޖާނާ" ފަދަ ބައެއް މިއުޒިކް ވީޑިއޯތައް އޭނާ ކުޅެފައި ވެއެވެ.