ސައުދި އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
ކަދުރު ރާއްޖެއަށް ހަދިޔާކުރީ މިކަމަށްޓަކައި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް އިއްޔެ ރާއްޖެ ވަޑައިގަތުމަށްފަހު އެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސައުދީ އަރަބިއްޔާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ. ކަދުރާ ހަވާލުވެ ވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.
މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސައުދި އަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިއަހަރުވެސް ހަދިޔާކުރެއްވީ ރަސްގެފާން ސަލްމާންގެ ފަރާތްޕުޅުން ކަމަށެވެ.
ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގުޅުން ދެމިއޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ގައުމުން ހެޔޮއެދޭކަން ސަފީރު ފާހަގަކުރެއްވި އެވެ. އަދި އެ ގައުމާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ޒާހިރު ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް އަދި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކަދުރު ބަހަން އަންނަ ހަފްތާގައި އިއުލާންކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.