ރައްޔިތުންގެ މަޖިލިސް

މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަށް ގާނޫނެއް ހަދަނީ

މަސައްކަތްތެރިންގެ ޔޫނިއަންއާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމަށްޓަކައި އަމަލު ކުރާނެ ގާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލު މަޖިލީހަށް ތައާރަފް ކުރުމެވެ.

"އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލު" ގެ ނަމުގައި މަޖިލީހަށް ހުށަހެޅި މި ބިލަކީ މަސައްކަތްތެރިންގެ ޔޫނިއަންއާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި ހިންގުމަށް މަގުފަހި ކޮށްދިނުމަށްޓަކައި ކަމާއި ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހެޅި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށް ލިބޭ މަސައްކަތްތެރިންގެ ޔޫނިއަންއާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުމެވެ.

މީގެ އިތުރުން ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމުގެ އުސޫލުތައް ކަނޑައަޅާ، ޔޫނިއަންތައް ބާރުވެރިކުރުވައި، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި ޖެހޭ މައްސަލަތައް ޔޫނިއަން މެދުވެރިކޮށް ހައްލު ކުރުމަކީވެސް މި ބިލުގެ މަގުސަދުތަކެވެ.

މި ބިލުގައި ވާގޮތުން ޖުމުލަ ދެ ބާވަތެއްގެ ޔޫނިއަންތައް ރާއްޖޭގައި އެފެއްދޭނެ އެވެ. އެއީ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކެވެ.

މި ބިލު ފާސްވެއްޖެ ނަމަ ޔޫނިއަންތައް ރަޖިސްޓަރީ ކުރުމަށް ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވާނެ އެވެ. ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ ދައުރެއްގެ ދިގުމިނަކީ ފަސް އަހަރެވެ.

މި ބިލާއިއެކު ހަޅުތާލުކުރުމާއި އިންޑަސްޓްރިއަލް ފިޔަވަޅުތައް އެޅުމުގެ ހައްގު ކަށަވަރުވެގެން ދާނެ އެވެ. މިގޮތުން އިންޑަސްޓްރިއަލް ފިޔަވަޅުގެ ގޮތުގައި އެޅިދާނެ ފިޔަވަޅުތައް މި ބިލުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި މަސައްކަތުން ދުރުހެލިވުން ނުވަތަ މަސައްކަތް ހުއްޓާލުން ނުވަތަ މަސައްކަތުގެ ދުވެލި މަޑުކޮށްލުން އަދި ސުލްހަވެރިކަމާއި އެކު ޝުއޫރު ފާޅު ކުރުމަށް ބާއްވާ ހިނގާލުންތަކާއި ސުލްހަވެރި ހަޅުތާލުތައް ހިމެނެ އެވެ.