ދީން

ރަމަޟާން މަހާ ބައްދަލުކުރާނީ ފަހެ ކޮން ހާލެއްގައިތޯ؟

Mar 23, 2023

މުސްލިމުން ރަމަޟާން މަހާ ބައްދަލުކުރާއިރު އެބައިމީހުންގެ ތެރޭގައި ތިން ހާލެއްގެ ބަޔަކު އުޅެ އެވެ. ފުރަތަމަ ބަޔަކީ އުނދަގޫކަމާ އެކު ނޫނީ އެ މަހާ ކުރިމަތި ނުލައި މީހުންނެވެ. އެ މީހުން ތިބެނީ ކުރިމަތިވަމުން އަންނަ މައްސަރުގެ ބުރަކަމާއި ބޮޑުކަން ހިތް މައްޗަށް ގެނެސް ސިކުނޑި ތަކުލީފުން ފުރައިގެންނެވެ.

ކެއިންބުއިމާ ދުރުވުން އެއީ ކުރެވޭވަރު ކަމެއް ކަމުގައި އެ މީހުން ނުދެކެ އެވެ. ޝަހުވަތްތަކާއި ފާފަތައް ދޫކޮށްލާކަށް ނޭދެ އެވެ. ހަޑިހުތުރު ބަސްތަކާއި އާޑަފުރައްސާރަ ކުރުމާ އެކަހެރިވެ ތިބުމަށް ނުރުހެއެވެ.

ރަމަޟާން މަސް ފެށިއްޖެނަމަ އެ މަހުގެ ދުވަސްތައް ނުނިމިގެން، ވަގުތު ދިގުވެގެން އެ މީހުން އުޅެ އެވެ. އެ މަހުގެ ކޮންމެ ދުވަހަކީ އެފަދަ މީހުންނަށް ބޮޑުވެގެންވާ ބުރައެކެވެ. މުޖުތަމައުގެ އެހެން އަފުރާދުންނާ އިދިކީލިވެވެން ނޯންނާތީ މަޑުން ތިބެނީ އެވެ. އެ މީހުންނަށް ރޯދަމަހުގެ ބަރަކާތުން ލިބޭނީ ވަރަށް މަދު މިންވަރެކެވެ.

ދެވަނަ ވައްތަރުގެ ބަޔަކީ ރަމަޟާން މަސް އައުމެކޭ ނައުމެކޭ ދީނީ ގޮތުން މާބޮޑު ތަފާތެއް ގެންގުޅޭ ބައެއް ނޫނެވެ. އެ މީހުންގެ އާންމު ދިރިއުޅުމުގައި ލުއިފަސޭހަކަމާ އެކު އުޅެމުން އަންނަ ބައެކެވެ. ދީނީ ކަންކަންވެސް ހަމަ އެ ބީދައިންނެވެ.

ރޯދަހިފާ ދުވަހެއް ބައްދަލު ވެއްޖެއްޔާ ރޯދަހިފަނީ އެވެ. ނުހިފާ ދޫކޮށްލެވެން އޮތިއްޔާ އެ ގޮތް ވެސް އެންމެ ރަނގަޅެވެ. ނަމާދު ވަގުތު ވަނުމުން ނަމާދު ވެސް ކުރާނެ އެވެ. އެހެން ކަމެއް ދިމާވެއްޖެއްޔާ ނަމާދު ފަސްކުރަމުން ގޮސް ނުކޮށް ދޫކޮށްލައި ވެސް ފާނެ އެވެ. ދީނީ އެއްވެސް ކަމަކަށް އެބައިމީހުން އިންކާރެއް ނުކުރާނެ އެވެ. ދުނިޔަވީ ކަންކަމާ ދީނީ ކަންކަމާ ދެމެދު މާ ބޮޑު ފަރަގެއް ވެސް ނުގެންގުޅޭނެ އެވެ.

ރަމަޟާން މަހާ ބައްދަލުކުރުމަށް ދުނިޔަވީ ބައެއް ކަންކަން ތަރައްގީކޮށްލައި ހަދާނެވެ. ރޯދަމަހަކީ ކެއުމުގެ އިޙްތިފާލެއް ކަމުގައި އެ މީހުން ދެކޭ ކަހަލަ އެވެ. ބަދިގެ ތަރައްގީކުރުމާއި އައު ވައްތަރުވައްތަރުގެ ކާނާއަށް ފުރުސަތު ފަހިކުރެ އެވެ.

ތިންވަނަ ވައްތަރުގެ މީހުންނަކީ ރަމަޟާން މަހަށް އިސްތިގުބާލުކުރާ މީހުންނެވެ. މުހިއމު ފަރާތަކަށް ތަހުނިޔާ ކިޔާ ފަދައިން އެ މަހަށް މަރުހަބާ ކިޔާ މީހުންނެވެ. އެ މީހުން ތިބެނީ އެ މަސް ނައިސް ލަސްވެފަ އެވެ. އަންނާނެ ވަގުތެއްގެ އިންތިޒާރީގައި ދުވަސް ގުނަގުނަ އެވެ. އެ މަހާ ބައްދަލު ނުވެ މަރުވެދާނޭތީ ހިތާމަކޮށްކޮށެވެ. އިއްޔެއަކު މިއަދަކު ނޫނެވެ. ހައެއްކަ މަސް ކުރީއްސުރެ ދެކޭ ހުވަފެނަކީ އެއީ އެވެ.

އެބައިމީހުން ރަމަޟާން މަސް ދެކެނީ މަދުން ނޫނީ ނުލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ. އަގުބޮޑު ޖަވާހިރެއް ކަމުގަ އެވެ. އެ މަހުގެ ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން ހޯދޭނެ ހުރިހާ ގޮތެއް ބަލައި އެކަމަށް ކުރިޔާލައި ތައްޔާރުވެ އެވެ. ދުވާލުގެ ރޯދަޔާއި ރޭގަނޑުގެ ތަރާވީސް ނަމާދާއި ރޭއަޅުކަމެވެ. އަދި މުޅި މަހުގެ ބަރަކާތާއި އަޖުރު ހޯދުމަށެވެ.

މި ތިން ހާލުގެ ތެރެއިން ތިބާ ރަމަޟާން މަހާ ބައްދަލުކުރާނީ ފަހެ ކޮން ހާލެއްގައިތޯ އެވެ؟ މާދަމާގެ ކުރިން މިއަދު ގޮތެއް ނިންމާށެވެ.

ލިޔުނީ: އައްޝައިހް މުހައްމަދު އަފްޒަލް އެވެ. މިއީ ދީނުގެމަގުން ނަގާފައިވާ ލިޔުމެކެވެ.