( 21 މާރިޗު 2023 އާ ގުޅޭ )
ފާއިތުވި ދުވަސްތަކުގައި ދަރަކްގެ ހިތުގައި އަބަދުމެ އޮތް ބިރުވެރިކަމަކީ އޭނާއާއި ލައިލީގެ ދެމެދަށް ސިޔާ ވަދެދާނޭކަމުގެ ބިރެވެ. އެއްފަހަރު އޭނާ ހިތަށް ނޭރީ އޭނާގެ ރީތި އަނބިމީހާއާ މެދު އެހެން ފިރިހެނެއްގެ ޝައުގުވެރިކަން ހުއްޓިދާނޭކަމެވެ. ލައިލިއާ މެދު ފަރުވާކުޑަކުރެވުމުގެ ނަތީޖާބާއޭ ދަރަކްގެ ހިތަށް އެރުމުން އިހުނަށްވުރެ އެހިތަށް ލިބުނު ހިތްދަތިކަން އިތުރުވެއްޖެއެވެ.
ލައިލީއަށް ދަރަކް ގޮވާލީ އަނބިމީހާގެ ސަމާލުކަން އަތުލުމަށެވެ. ލައިލީގެ ބަލާލުމުގައިވީ ސިހުން ދަރަކްއަށް ވެސް ފާހަގަވިއެވެ. އޭނާ ފަދައިން ލައިލީ ވެސް އެތަނުން ދެމީހުން ބައްދަލުވެދާނޭކަމަށް ހިޔެއްނުކުރާކަން އެ މޫނުގައިވާ އަސަރުން ދަރަކްއަށް ދޭހަވިއެވެ. ވާހަކަދައްކަމުން އަނބިމީހާގެ ގައިގާ ދަރަކްއަށް އަތްޖައްސާލެވުނީ އެ ޒުވާނާއަށް ލައިލީއަކީ ދަރަކްގެ ހައްޤެއްކަން ބުނެދޭން ބޭނުންވެފައި ހުރިވަރުންނެވެ. ހަމައެއާއެކު ލައިލީ އަވަހަށް ގެއަށް ފޮނުވާލަން ވެސް ދަރަކް ބޭނުންވިއެވެ. އެ ޒުވާނާއާއެކު އަނބިމީހާ މާގިނައިރު އެކަނި އިނުން ރަނގަޅެއްނުވާނޭ ދަރަކްގެ ހިތްބުނަނީއެވެ. އޭނާ އެކަމަށް ވެސް މޮޅު އުކުޅެއް ހެދިއެވެ. އެރޭގެ ކެއުމަށް "ޗިލީ ބީފ" ހަދަން ދަރަކް ޚިޔާލުފާޅުކުރީ ލައިލީއަށް ދެކޮޅުހަދަން ނުކެރޭނެކަން އެނގޭތީއެވެ. އަނެއްކޮޅުން އެ ހަދަން ލައިލީއަށް ވަގުތު ބޭނުންވާނޭކަން ވެސް އެނގިހުރެއެވެ.
އެނބުރި އައިސް އަފްރާހާއި ސަމައިރާ ތިބި މޭޒުގައި ދަރަކް އިށީނެވެ. އެއާއެކު އަފްރާހު ނިކަން މަޑުމަޑުން ވާހަކަދެއްކިއެވެ.
"އަނބިމީހާ ބިޓެއް ގޮވައިގެން އިންދާ ބަސްޓުވީތަ؟." އަފްރާހު ބުންޏެވެ.
"އެއީ ލައިއާ އެއްތަނެއްގައި މަސައްކަތްކުރާ ޒުވާނެއް." ދަރަކް މިހެން ބުނުމާއެކީ އަފްރާހު ޖަހާލީ މާނަވީ ހިނިގަނޑެކެވެ. ދަރަކްގެ ނަޒަރު ސީދާ އަފްރާހަށް އަމާޒުކޮށްލިއެވެ. އެ ހުނުމުގެ މާނައަކީ ކޮބާތޯ އަހާލާ ފަދައިންނެވެ.
"ދަރަކް ކަލޭ ހަމަ ގަމާރީތަ؟. ފެންނަ މަންޒަރު ކިޔަން ދަސްކޮށްބަލަ. ލައިލީ ބުނިތަ އޮފީސް މޭޓަކާއެކު މިއަދު ކޮފީއަކަށް އަރަން އުޅޭ ވާހަކަ... ނުބުނޭ ދޯ. ބަލާލަން ހުތުރެއް ވެސް ނޫން އޭނާ." އަފްރާހުގެ ވާހަކަ ނުނިމެނީސް ދަރަކް ވާހަކަދެއްކިއެވެ.
"ދެޓްސް އިނަފް. އަފްރާހު ތިވާހަކަނުދެއްކިޔާ މާރަނގަޅު. އަފްރާހު އުޅޭހާ ތަނަކާއި ކުރާހާކަމެއް ރޫހީއަށް އެނގޭތަ." ދަރަކް ބަދަލުކޮށްލީ ތޫނު ނަޒަރުގައިވީ ތަފާތު ނުރައްކާތެރިކަމެކެވެ. ލައިލީއާ ދެކޮޅަށް އެންމެ ލަފުޒެއް އަފްރާހު ބުންޏަސް ދަރަކް މަޑުންނީންނާމަމޭ ބުނާ ކަހަލައެވެ.
އަފްރާހަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަނބިމީހާގެ ނަމާއެކު އަފްރާހު އަބަދުވެސް ހިމޭންވާނެއެވެ. އޮފީހުގެ މުހިންމު ކަންކަން ނޯޓުކުރާ ފޮތް ހުޅުވާލައިގެން އެއަށް ބަލަން ދަރަކް އިނެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ހިނގަމުންދިޔައީ ލައިލިގެ ޚިޔާލުތަކެވެ. ލައިލީއާމެދު ދަރަކްއަށް ޢަމަލުތައް ބެހެއްޓެމުންދިޔަ ގޮތާމެދު ފުންކޮށް ވިސްނުނެވެ. ލައިލީގެ ލޮލުން ކަރުނަ އަންނަހާ އަނބިމީހާގެ ހިތަށް ދަތިކުރެވޭކަން އެނގޭއިރު ވެސް މިވީ ދުވަސްތަކުގައި ދަރަކް އައީ އޭނާގެ އަމިއްލަ އެދުން އިސްކުރަމުންނެވެ. ލައިލީ މަޑުމަޑުން ދުރުވާން ފެށީ ޚުދު ދަރަކްގެ ސަބަބުންކަން ވެސް އެނގެއެވެ. އެ ޚިޔާލުތަކުގައި އިންދާ ލައިލީ ނުކުމެގެން ދިޔައިރު ވެސް ދަރަކްއަށް ނޭނގުނެވެ. އެ ޒުވާނާ ލައިލީއާއެކު ގެއާ ހަމައަށް ދާނެބާއޭ ދަރަކް ހިތަށް އަރަމުންދިޔައެވެ.
ސައި ނިންމާފައި އެނބުރި އޮފީހަށް ވަނުމުގެ ބަދަލުގައި ދަރަކް އަވަހަށް އައީ ގެއަށެވެ. ލައިލީ ފެނުމުން ދަރަކްގެ އިޙްސާސްތައް ހިފަހައްޓަން އުނދަގޫވިއެވެ. ލައިލީއަކީ އަދިވެސް އޭނާގެ ހައްޤެއްކަން އެނގިހުރެ ވެސް އަމިއްލަ ނަފްސަށް ޔަގީންކޮށްދޭން ދަރަކް ބޭނުންވިއެވެ. އަކިޔަލްއާ މެދު ލޯބީގެ ނަޒަރަކުން ލައިލީ ނުދެކޭކަން ޔަގީންކޮށްދިނެވެ. ކުއްލި ބޭނުންވުމަކުން ދަރަކްގެ ހަށިގަނޑު އަނބިމީހާއަށް އެދެންފެށިއެވެ. އެ ބޭނުންވުމުގައި ބެހިގެންދާން ދަރަކްގެ ނަފްސު ދޫކޮށްލިއެވެ. އަހަރުތަކަކަށްފަހު އަނބިމީހާގެ ގާތުން ދަރަކްގެ ކަރުހިއްކުން ފިލައިގެން ދިޔަ ފަދައެވެ. އެއާއެކު އޭނާއަށް ވިސްނާލެވުނެވެ. ލައިލީގެ މަޑުމައިތިރި މިޒާޖާއި ރަނގަޅު އަޚުލާޤެވެ. ދަރަކްއަށް އެންމެ ކައިރިން ފެންނަމުންދާ ދެ އަންހެނުންނަކީ ސިޔާއާއި ސަމައިރާއެވެ. އުމުރުން ސަމައިރާ ހަގަސް އޭނާގެ ވެސް އުޅުމެއްނެތްކަމުގައި ދަރަކް ޤަބޫލުކުރެއެވެ. ސިޔާއަކީ އަންހެނުން ވެސް ހުރި ހުތުރެއްކަމުގައި ދަރަކް ދެކެއެވެ. އެމީހުންނާ އަޅާބަލާއިރު އޭނާއަށް ލިބިފައިވަނީ ޖަވާހިރެއް ފަދަ އަނތްބެއްކަން ދަރަކް ޤަބޫލުކުރެއެވެ.
ސޯފާގައި ދަރަކްގެ އަތުގެތެރޭގައި ލައިލީ އޮތީ ލަދުންކަން އެނގެއެވެ. އަނބިމީހާ އިހުނަށްވުރެ ގާތްކޮށްލުމާއެކު ދަރަކް ވާހަކަދެއްކިއެވެ.
"ލައި... އެނގޭތަ. ތީ ހަމަ ބެސްޓް." ދަރަކްއަށް ބުނެވުނެވެ. ނަމަވެސް އޭނާއަށް ބުނެވުނު އެއްޗަކާމެދު ލައިލީ ގަޔާނުވި ކަހަލައެވެ. ލައިލީގެ ޠަބީޢަތައް ބަދަލު އައިކަން ދަރަކްއަށް ފާހަގަވިއެވެ. އަވަސްއަވަހަށް ދަރަކްގެ ކައިރިން ލައިލީ ދުރަށްދާން ބޭނުންވިކަން އޭނާގެ ހަރަކާތުގައި ވިއެވެ. ސުވާލު އުފެދިފައި ދަރަކްއަށް އަނބިމީހާއަށް ބަލާލެވުނީއެވެ. ވީގޮތެއް ދެނެގަންނާނޭ ފުރުޞަތެއް ވެސް ލައިލީ ނުދިނެވެ. ބުނަން ނުވާ ކަހަލަ އެއްޗެއް ބުނެވުނީކަމެއް ވެސް ދަރަކްއަކަށް ނޭނގުނެވެ.
އެރޭ ލައިލީގެ އެކުވެރިޔަކަށް ކަމެއްދިމާވެގެން ހުޅުމާލެއަށް ދާން ޖެހުނެވެ. ދެމަފިރިންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ދަރަކްއަށް އޮޅުންފިލީ ހުރިހާކަމެއް ނިމި ލައިލީއާއި ދަރަކް އެނބުރި ހުޅުމާލެއިން އައިފަހުންނެވެ. ލައިލީ ގޮވައިގެން ދުއްވާލަން ނުކުމެ އުޅެނިކޮށެވެ. އެކުވެރިޔާގެ ދިރިއުޅުމާ ބެހޭގޮތުން ލައިލީ ވަރަށް ގިނަ ވާހަކަދެއްކިއެވެ. ދަރަކް ފަރުވާތެރިކަމާއެކު ލައިލީ ދައްކަމުންދިޔަ ކޮންމެ ވާހަކައެއް އަޑުއެހިއެވެ. މަޑުމަޑުން ލައިލީގެ ވާހަކަ އެހެން މިސްރާބަކަށް ދީލައިލާހެން ދަރަކްއަށް ހީވާންފެށިއެވެ. އޭނާއަށް ކުއްލިއަކަށް ސައިކަލު މަޑުކޮށްލެވުނެވެ. ލައިލީ ބުނި އެއްޗަކުންނެވެ. އެއީހަމަ ލައިލީގެ ވިސްނުންބާއޭ ދަރަކް ހިތަށް އެރިއެވެ. އިންތިހާއަށް ދަރަކް ކަންބޮޑުވެ ހާސްވިއެވެ.
"ދަރަކް... އަހަރެން... ވަރަށް ބޮޑަށް ލޯބިވޭ ދަރަކްދެކެ. ހަމަ ވަރަށް ބޮޑަށް. އެކަމަކު... އަހަންނަށް ދަރަކްއަށް އިތުބާރު ނުކުރެވޭ ދުވަހެއް އަތުވެއްޖެނަމަ، އަހަންނަކަށް ނޭނގެ ބުނާކަށް މުޅި އުމުރު އަހަރެމެން އެކީގައި އުޅޭނެކަން." ދަރަކްގެ ވައަތު މުލައްދަނޑީގައި ލައިލީ ހިފާލައި ބާރުކޮށްލިއެވެ.
ދަރަކްގެ މޫނުން ކުލަ ފަނޑުވެގެންދިޔައެވެ. ކުއްލިއަކަށް ދަރަކްގެ ކަންފަތު ދޮށުން ސިޔާގެ އަޑު އިވުނު ފަދައެވެ. ބޭވަފާތެރިއަކަށް ދުވަހަކުވެސް ލައިލީ މަޢާފެއްނުކުރާނޭ ސިޔާ ބުންޏެވެ. އެ އަޑު ކަންފަތުގެ ހިނދިރީތެރޭ ގުގުމަމުންދާހެން ދަރަކްއަށް ހީވެއެވެ. މަޑުމަޑުން ހިންދިރުވާލުމާއެކު ދަރަކް ނަފްސު ހަމައަކަށް އަޅުވައި ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. ލައިލީގެ އެ ބުނުމުގެ ސަބަބުން ދަރަކްއަށް ހަޤީޤަތް ހާމަކުރާކަށް އަދިއަމުދުން ދެން ނުކެރޭނެއެވެ. ސިޔާއާ ދެމެދު ކަންތައްވީގޮތް ލައިލީއަށް އެނގިއްޖެނަމަ ދަރަކް ދޫކޮށްލާފައި ލައިލީ ހިނގައިދާނޭކަމުގެ ބިރު އިންތިހާއަށް ބޮޑުވެއްޖެއެވެ. ތެދުހާމަކޮށްގެން ލައިލީ ގެއްލުމަށްވުރެ ހުރިހާކަމެއް ލައިލީއަށް ސިއްރުކުރުން ބުއްދިވެރިކަމުގައި ދަރަކް ނިންމިއެވެ. އެހެންވެ ލައިލީއަށް ޓަކައި އޭނާ އެވަގުތު ވީ ވަޢުދަކީ ތެދުވެރިކަމެއްނެތް އޮޅުވާލުމެއްކަން ޔަގީނެވެ. ދުވަހަކުވެސް ލައިލީގެ އިތުބާރު ގެއްލޭވަރުކަމެއްނުކޮށް ވޭތޯ ބަލާން ދަރަކް ވަޢުދުވީއިރު އެކަންވަނީ ކުރެވިފައޭ ބުނާނެ ދުލެއް ދަރަކްގެ ނެތެވެ. އެހިތްވަރެއް ވެސް އޭނާގެ ނެތެވެ.
ހަފްތާ ބަންދުގައި އޮފީހުގެ މަސައްކަތެއްގައި އައްޑޫއަށް ދަރަކް ގޮސްފައި އެނބުރި އައެވެ. ލައިލީ ހުރީ އޭނާގެ މަންމަ ކައިރިޔަށް ގޮހެވެ. ދަރަކް ހީކުރީ އޭނާ އެނބުރި އައުމުން ލައިލީ ގެއަށް އަންނާނޭ ކަމަށެވެ. ލައިލީގެ މަންމަ ބަލިވެ އުޅޭތީވެ މަންމަ ކައިރީ މަޑުކުރާން ލައިލީ ނިންމީއެވެ. އެހެންވެ އެނބުރި ގެއަށް ލައިލީ އަންނާނޭ ދުވަހެއް ޔަގީނެއްނުވެއެވެ. އަނެއްކޮޅުން ލައިލީ ގޭގައި ނެތުމުން އެ ފަޅުކަން ދަރަކްއަށް އުނދަގޫކުރެއެވެ. އެކަނި ކަންކަން ކުރާންޖެހިގެން އުނދަގުލެއް ވަނީއެއްނޫނެވެ. ހުރިހާ ވެސް ހިތް ނުތަނަވަސްވުމަކީ އަނބިމީހާގެ އިޙްސާސް ގާތުން ނުކުރެވުމެވެ. ކައިރީގައި ލައިލީ ފެންނަން ނެތުމެވެ.
އެކިއެކި ވިސްނުން ދަރަކްގެ ޚިޔާލުތައް ގެންދިޔައީ އެންމެ ނުބައި މިސްރާބަށެވެ. ލައިލީ ގެއަށް އަންނަން ބޭނުންނުވަނީއޭ ވެސް ދަރަކްއަށް ހީވެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ. އަލަމާރީގައި ބެހެއްޓުނު ކޮތަޅުގެ މަތިން ކުއްލިއަކަށް ދަރަކް ހަނދާންވީ ކީއްވެކަމެއް ނޭނގެއެވެ. އެހެންވިޔަސް އޭނާ އެނދުގައި އޮވެފައި ފުންމައިގެން ތެދުވިއެވެ. ހަލުވިކޮށް އައިސް އަލަމާރި ހުޅުވާލިއެވެ. އެންމެ މަތީބައިގައި ބަހައްޓާފައި ހުރި ސިޔާ ދިން ކޮތަޅު ނަގަން ދަރަކް އުޅުނެވެ. ނަމަވެސް އޭގެ ކުރީން އެ ބަހައްޓާފައި ހުރި ގޮތަށް ބަދަލެއް އައިސްފައި ހުރިކަން ފާހަގަވިއެވެ. ދަރަކްގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އަވަހަށް ކޮތަޅު ނަގައި ބަލާލިއެވެ. އެތެރޭގައި ހުރި އެއްޗެއް ކުރީން ވެސް ހުރި ގޮތަށް ހުއްޓެވެ.
"ލައިލީ ބަލާފަތަ މިހުރީ. ސިޔާގެ ނަން ނުޖެހިޔަސް ކާޑުގައި އެސްއަކުރު އިނީމަ އަނެއްކާ ލައިލީ ޝައްކުނުކުރާނެބާ ސިޔާއަށް... އަހަރެން ބެހެއްޓި ބޭސްތައް. އަނެއްކާ އެ ކޮބާބާ؟." ދަރަކް އިންތިހާއަށް ހާސްވިއެވެ.
ފޮތްހަރުގަނޑުގައި ހުރި ފޮތެއްގެތެރެއަށް އޭނާ ފާމަސީއަކުން ގަތް ބޭސްކާޑު އެ ލާފައި އޮތް ކަރުދާސް އުރައާއެކު ކޮށްޕާލި ހަނދާން ހުއްޓެވެ. އަވަސްއަވަހަށް މަތީގައި ހުރި ރެކުން ފޮތްނަގައި ބަލަންފެށިއެވެ. ނަސީބަކުން ފޮތް ތެރޭން އެ ފެނުނެވެ. އެކަމަކު އެ ވެސް އޮތީ ދަރަކް އެ ފޮތްތެރެއަށް ކޮށްޕާލި ގޮތަކަށްނޫނެވެ.
"ސިޔާ ބުނިހެން ލައިލީ ހަމަ ރަނގަޅަށް ވެސް އަހަރެންނަށް ޝައްކުކުރަނީ. އަހަރެން ހީކުރީ ސިޔާ ދޮގު ހަދަނީކަމަށް. އެކަމަކު ކޮންއިރަކުން ފެށިގެން... އެނިވަރސަރީގައި ކަންތައްވީގޮތުގެ ފަހުންތަ؟. ލައިލީ ވަރަށް ބަދަލުވެއްޖެކަން އެނގޭ. ހުރިހާކަމެއް އެނގުނީތަ؟. އެހެންވެތަ އެރޭ ބުނީ އިތުބާރުގެއްލޭވަރު ކަމެއް ނުކުރައްޗޭ." ހާސްވެގެން ދަރަކް ގޮތްހުސްވާގޮތްވިއެވެ. އޭނާ ފޯނުނެގިއެވެ. ސިޔާއަށް ވަގުތުން ގުޅިއެވެ.
"ކޮބާ މީޓުވާންވީތަ؟." ދަރަކްގެ ކޯލު ނެގުމާއެކު ސިޔާ އަހާލިއެވެ.
"އަހަރެން ކުރާ ސުވާލަށް އިހަށް ޖަވާބުދީ." ދަރަކް ހުރީ ރުންކުރުވެފައެވެ.
"ކިހިނެއްވީ؟." ސިޔާ ވެސް ސުވާލު އުފުދުނީއެވެ.
"ލައިލީ ކައިރީ އަހަރެމެންގެ ވާހަކަދެއްކީތަ؟." ދަރަކް ސުވާލުކުރިއެވެ.
"ވަޓް. އަނެއްކާވެސް މަގޭ ބޮލަށް ކަމެއް ކަނޑާލަންތަ ތިއުޅެނީ." ސިޔާ ހިތްހަމަނުޖެހުނުކަން އޭނާގެ ރާގުން އެނގުނެވެ.
"އެހެންވީރު ލައިލީ ގެއަށް ނާންނަންވީ ކީއްވެ؟. ކަލޭ އޭނާ ކައިރީ ކޮންމެވެސް އެއްޗެކޭ ކީދޯ." ދަރަކްއަށް ބުނެވުނެވެ. އެއާއެކު އިވިގެންދިޔައީ ސިޔާގެ ބާރު ހުނުމުގެ އަޑެވެ.
"ލައިލީ ކަލޭ ދޫކޮށްލާފައި ދިޔައީތަ؟." ހެމުންހެމުން ސިޔާ ބުނެލިއެވެ.
"އަހަންނަށް އެނގުނޭ ކަލޭ ކަމެއްކުރީކަން." ދަރަކް ޔަގީންކުރިއެވެ.
"ޑޯންޓް މޭކް މީ ލުކް ބޭޑް. އަހަރެން އެކަމާބެހޭ އެއްވެސް އެއްޗެއް ލައިލީ ކައިރީ ނުބަނަން. އެކަމަކު އަހަންނަށް އެނގޭ ދަރަކްއަށް ލައިލީ ޝަކުކުރާކަން. އޭނާއަށް އެނގިފައި އޮތީ އެހެން އަންހެނަކާ ދަރަކްގެ ކަމެއް އޮތީކަން." ސިޔާ ބުންޏެވެ.
"ކިހިނެއް..." ދަރަކްއަށް ބުނެވުނެވެ.
"ހާސްނުވޭ. ލައިލީއަކަށް ނޭނގޭ ކާކާކަމެއް ދަރަކްއާ ގުޅުން އޮތީ. އޭނާ ދެ ލޯ ދުޅަވަންދެން ރޮއެރޮއެފާ ތިމީހުންގެ އެނިވަރސަރީގައި އޭނާ އެހާ ރެޑީވީމާ ވެސް ދަރަކް އަންނާނަމޭ ކިޔާފައި ވެސް ނައޭ. ހެނދުނުވީފަހުންނޭ ގެއަށްއައީ." ސިޔާ މަލާމާތުގެ ހިންޏަކާއެކު ކިޔާދިނެވެ. ފޯނުގައި ހުރި ދަރަކްއަށް ދެ ލޮލާއި ނިތްކުރީގައި ހިފަހައްޓާލެވުނެވެ.
"ކަލޭ އޭނާއަށް މާ ހެޔޮ އެދޭ ގާތް ރަޙުމަތްތެރިއަކަށްވެ ހުރެ އެ ވާހަކަތައް އަޑުއަހާފައި އޭނާގެ ހިތުގައި ޝައްކު އުފެއްދީ. ތިހެން ރައްޓެހިން ތިބޭނީ. ކަލެއަށް ތިކުރެވެނީ ވަރަށް މޮޅު މާތްކަމެއް." ދަރަކް މިހެންބުނިއިރު ރުޅިއާ އެއްވަރަށް ހުރީ ދެރަ ވެސް ވެފައެވެ.
"އަހަރެންގެ ސަބަބަކުންނޫން މިހެންވެގެން މިއުޅެނީ. އެހެންވީމަ އަހަންނަށް ބްލޭމްކުރާން އުޅޭނެކަމެއްނެތް. ދަރަކްގެ ބަހާއި ޢަމަލާ ދިމާނުވުމުގެ ސަބަބުން ލައިލީއަށް އެހެންވެގެން އެ އުޅެނީ. އޭނާ ޝައްކުކުރާން ފެށީ ވެސް. އަހަންނާ ވާހަކަނުދައްކާތާ ވެސް ދުވަސްކޮޅެއް ވެއްޖެ. މި ދެ ދުވަހު އަހަރެން ގުޅީމާ ވެސް ފޯނެއް ނުނަގާ. ހިތަށް އަރާ ލައިލީގެ ހާލަކީ ކޮބާބާއޭ. އޭނާ މިހާރުއްސުރެ ބިޓެއް ނަގައިފިކަން އެނގޭ. ނިކަން ޒުވާން ސޮރެއް ގޮވައިގެން އުޅެނީ. ދަރަކް ކައިރިން ވަރިވާން އެ ތައްޔާރުވަނީ." ސިޔާ ބުންޏެވެ.
"ތިހެދީ ބޮޑު ދޮގެއްކަން އެނގޭ." ދަރަކް ނިކަން ބާރަށް ބުންޏެވެ.
"ޝައްކުވެގެން ގެއިން ނުކުމެގެން އެދިޔައީ. އަދި އަހަރެމެންގެ ކަންތައް ފަޅާއެރީމާ ވާނެގޮތް ހިތަށް އަރުވާލަބަލަ. ހަމަ ޔަގީން ލައިލީ ނުހުންނާނެކަން. ދަރަކް ކައިރިން އޭނާ ވަގުތުން ވަރިވާން ބޭނުންވާނެ." ސިޔާ ބުނެލިއެވެ.
"ކަލެއާ ވާހަކަދައްކާކަށް ބޭނުމެއްނޫން. ގުޅުނު މޮޔަ ހިތަށް އަރައިފި." ދަރަކް ފޯނުކޯލު ކަނޑާލަން އުޅުނެވެ. ނަމަވެސް ހަމައެވަގުތު ކޯލު ކަނޑާލައިގެންނުވާނޭ ކިޔާ ސިޔާ ހަޅޭލަވައިގަތެވެ.
"ކޮބާ އެއްބަސްވުން. ދަރަކް މަޑުކުރާށޭ ބުނީމާ އަހަރެން މިހުންނަނީ. ކޮންއިރަކުން އަހަންނަށް ފައިސާ ދޭނީ. އަހަންނަށް އެނގޭ ދަރަކްއަށް އެވަރު ނުދެވިއެއް ނުހުންނާނޭކަން." ސިޔާ ބުންޏެވެ.
"އަހަރެން އެއްވެސް އެއްޗެއް ނުދޭނަމޭ ބުނެފިއްޔާ؟." ދަރަކް ބުނެލިއެވެ. އެއާއެކު ސިޔާއަށް ލިބުނު ސިހުން އޭނާގެ އަޑުން ނުކުތް ރާގުން ދޭހަވެއެވެ.
"އަހަރެން ލައިލީއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން. ލައި މަޢާފްކުރަންދެން އަހަރެން މަޢާފަށް އެދޭނަން. އެގޮތުގައު އުމުރު ހުސްވާންޖެހުނަސް ހެޔޮ. އަހަންނަށް އެނގޭ ކޮންމެވެސް ދުވަހަކުން ލައި އަހަންނަށް މަޢާފްކުރާނެކަން." ދަރަކް ބުންޏެވެ.
(ނުނިމޭ)