މީހުން

ސައުދީ ބަދަލުކޮށްލުމުގެ ސިކުނޑި ޕްރިންސް މުހައްމަދު

ސައުދި އަރަބިއާގެ ވަލީއަހްދު ނުވަތަ ޕްރިންސް މުހައްމަދު ބިން ސަލްމާނަކީ ސައުދީ އަރަބިއާގައި ދެވަނައަށް އެންމެ ބާރުވެރި ބޭފުޅާ އެވެ. ސަލްމާން ރަސްގެފާނަށް ފަހު ސައުދީގެ ވެރިކަން ލިބިވަޑައިގަންނަވާނީ ޕްރިންސް މުހައްމަދަށެވެ.

މުހައްމަދު ބިން ސަލްމާން ނުވަތަ މަޝްހޫރު ނަމުންނަމަ އެމްބީއެސް އަކީ ސަލްމާން ރަސްގެންފާނުގެ ހަތްވަނަ ފިރިހެން ދަރިކަލުންނެވެ. އެމްބީއެސް އަކީ އުމުރުފުޅުން 30 އަހަރުގައި ދުނިޔޭގެ ގައުމެއްގައި އެންމެ ޒުވާން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅާ އެވެ.

ވަލީ އަހުދު ކަނޑައެޅުމަކީ ރަސްގެފާނުގެ މަސްއޫލިއްޔަތަކާއި ޒިންމާ އެކެވެ. ނަމަވެސް ރަސްކަމުގެ ދަރުބާރުގެ ތެރޭގައި ބާރުތައް ބެހުމަށް ހައިޔާތުލް ބައިޔަތު ނުވަތަ އެލީޖިއަންސް ކައުންސިލެއް ޑިސެމްބަރު 2007 ގައި އޭރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ގާނޫނަކުން ކަނޑައެޅުއްވި އެވެ.

މި ކައުންސިލްގައި ރަސްކަލުންގެ ފިރިހެން ބޭފުޅުންނަށް ވާރުތަވާގޮތުގެ މަތިން ހިމަނުއްވަ އެވެ. އެގޮތުން ކުރީގެ ރަސްރަސްކަލުންގެ ދަރިކަލުންގެ ތެރެއިން 34 ބޭފުޅަކު މިކައުންސިލްގައި ހިމެނެ އެވެ. އަދި އަލް ސައުދުގެ މުނިކާފަ ދަރިކަލަކުވެސް ހިމެނެ އެވެ. މީގެތެރެއިން މުހައްމަދު ބިން ސަލްމާނަށް ތިން ބޭފުޅަކު ފިޔަވައި 31 ބޭފުޅަކު ރުހުން ދެއްވި އެވެ.

ޕްރިންސް މުހައްމަދު ބިން ސަލްމާނަކީ ސައުދީ އަރަބިއާގެ ސަގާފަތަށް ބޮޑެތި ބަދަލުތައް ތައާރަފްކޮށް ސައުދީ މުޖުތަމައު ބަދަލުކޮށްލުމަށް ހުޅުވާލައްވާފައިވާ ބޭފުޅެކެވެ. ސައުދީ އަންހެނުންނަށް މީގެ ކުރިން ހިފެހެއްޓިފައިވާ އެތައް ހައްގެއް ވަނީ ދޫކޮށްލައްވާފަ އެވެ. އެއިގެ ތެރޭގައި އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމާއި، ވިޔަފާރިކުރުމާއި، އަސްކަރިއްޔާގައި މަސައްކަތްކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެ އެވެ.

ސައުދީގައި ސިނަމާތައް ހުޅުވުމާއި ކުޅިވަރު އީދުތައް ބޭއްވުމާއި މިޔުޒިކް ހަރަކާތްތައް ބޭއްވުންފަދަ މީގެ ކުރިން ބަޔަކު ހިތައްވެސް ނުގެނެވޭފަދަ އިޖުތިމާއީ ބަދަލުތަކަށް ސައުދީގެ ޒުވާން ޕްރިންސް މިވަނީ އިޖާބަ ދެއްވާފަ އެވެ. އެހެންގޮތަކަށް ދަންނަވާނަމަ ސައުދީގެ ގަދީމީ ވައްހާބިޒަމްގެ އާދަކާދަ ދޫކޮށް ޒަމާނީ ސަގާފަތަކަށް ބަދަލުވުމަށް ހުޅުވާލައްވާފަ އެވެ.

ޕްރިންސް މުހައްމަދު ބިން ސަލްމާނަކީ 2018 ގައި ޓައިމް މަޖައްލާއިން ހޮވި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.