އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް އަބުރުގެ ކުށް ސާބިތުވެ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވީ ގުޖުރާތު ސޫރަތު ސިޓީ ކޯޓުންނެވެ.
ރާހުލް ގާންދީގެ މައްޗަށް އަބުރުގެ ދައުވާކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްވާ ގޮތަށް -- އަދި މޯދީ އަކީ ވަގެއް ކަމަށް ދޭހަވާ ގޮތަށް 2019 ގައި ކަރުނާޓަކާގައި އޮތް ކެމްޕޭން އެއްވުމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ރާހުލްގެ ވާހަކަތަކުގައި ނަރެންދުރަ މޯދީ އަކީ ވަގެކޭ ވިދާޅެއް ނުވެ އެވެ. އެހެންނަމަވެސް ވާހަކަތައް އަޑުއަހާ މީހުންނަށް އެކަން އެގޮތަށް ދޭހަވާންވީ އެވެ. ރާހުލްގެ ވާހަކަތައް އިބާރާކޮށްފައި ހުރީ ވެސް އަތްނުލައި އައްދޮ ކިޔުއްވާ ގޮތަށެވެ.
ރާހުލްގެ ވާހަކަތަކުގައި ސުވާލުކުރެއްވީ މީހެއްގެ ނަމުގެ ފަހަތަށް މޯދީ އަތުވެއްޖެނަމަ އެ މީހަކު ވަގަކަށް ވަނީ ކީއްވެތޯ އެވެ. މި ސުވާލަށް ދެއްވާނެ ފަސޭހަ ވަކި ޖަވާބެއް ނެތް ނަމަވެސް މިކަން މިގޮތަށް ހިނގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލު ޖައްސަވަމުން ރާހުލް ވިދާޅުވީ ފުރަތަމަ ނަމުގެ ފަހަތަށް މޯދީ އަންނަ ބައެއް މީހުންގެ ނަންތަކެވެ. އެއީ ނިރާވް މޯދީ އާއި ލަލިތު މޯދީ އެވެ. މި ދެ މީހުންނަކީ ވެސް އެ މީހުންގެ މަސައްކަތާއި ވިޔަފާރީގައި ވަގުހަދައި އޮޅުވާލުގެ ބޮޑެތި ކުށްތައް އޮތް ދެ މީހުންނެވެ.
އެހެންކަމުން، ރާހުލްގެ ވާހަކަތައް އަޑުއަހާ މީހަކަށް ދޭހަވާންވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ވެސް އެ ފަދައިން ކުށްތަކުގެ ރެކޯޑް އޮތް ބޭފުޅެއް ކަމަށެވެ. ރާހުލްގެ ވާހަކަތަކުގެ އަސްލު ބޭނުންފުޅަކީ މިއީ އެވެ. އެހެން ނަމަވެސް، ކޯޓުގެ ހުކުމުން ދިފާއުވެ ވަޑައިގަތުމަށް ރާހުލް ވިދާޅުވީ މޯދީގެ ނަން އެ ގޮތަށް ބޭނުންކުރެއްވި ނަމަވެސް، ވަކި މީހަކަށް އަމާޒު ނުކުރައްވާ ކަމަށެވެ.
ރާހުލްއަށް އިއްވި ހުކުމާ ބެހޭ ގޮތުން ބައެއް މީހުންގެ ނަޒަރިއްޔާ އަކީ، ކޯޓުން އިއްވީ ރާހުލްއަށް އިއްވިގެން ވާނެ ހުކުމެއް ނޫން ކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންޑިއާގައި އޮތް ކަމަށް ބުނާއިރު އަބުރުގެ ކުށް ސާބިތުވުމަށް ވަކި މީހެއްގެ އަބުރާ ބެހުނުކަން ބަހުސެއް ނެތް މިންވަރަށް އެ މީހަކަށް ނިސްބަތްވާން ޖެހޭ ކަމަށެވެ.
ރާހުލްއަށް ހުކުމް އިއްވި ނަމަވެސް އަދި ޖަލަށް ވަޑައިގަންނަވާކަށް ޖެހިވަޑައި ނުގަންނަވާނެ އެވެ. އޭނާ ވަނީ ކަފާލާތުގެ ދަށުން 30 ދުވަހަށް ދޫކޮށްލާފަ އެވެ. އެހެންކަމުން މަތީ ކޯޓެއްގައި އިސްތިއުނާފުކޮށް މައްސަލައިން ސާފުވެވަޑައިތުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.