ލައިފްސްޓައިލް

ބަހެއްގައި ތިބި ކުދިންތަކެއްގެ ފުރާނަ ސަލާމަތްކޮށްދިނީ 13 އަހަރު ކުއްޖެއް

ދުނިޔޭން އަބަދާ އަބަދު އިވެނީ ނެގެޓިވް ވާހަކަ ތަކެވެ. ޕޮޒިޓިވް ވާހަކަތައް އިވެނީ ވަރަށް މަދުންނެވެ.

ދުނިޔޭގެ މީޑީއާ އިން އިއްޔެ އިވުނު މިފަދަ އެއް ވާހަކައަކީ 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ހިތްވަރާއި އަމިއްލަ އެދުމެއް ނެތް ގުރުބާނީގެ ވާހަކަ އެކެވެ. މި ވާހަކަ ކިޔާލުމުން ކޮންމެ މީހެއްގެ ހިތުގައި ވެސް ޖޯޝު އިތުރުވެގެން ދާނެ އެވެ. އެއީ ކުއްޖާ ހަމަޖެހިލައިގެން ހުރެ ދެއްކި ހިތްވަރުގަދަ ކަމުންނެވެ.

އިނގިރޭސި ވިލާތުގައި ހިނގި މި ހާދިސާގައި ސްކޫލް ކުދިން ގިނަ އަދަދަކަށް ތިބި ބަހެއް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ބަސް ޑްރައިވަރަށް ހާޓް އެޓޭކެއް ޖެހުނީ އެވެ. އަދި ޑްރައިވަރު ޚަބަރު ހުސްވުމުން ބަހުގެ ކޮންޓްރޯލް ގެއްލި ބަސް ވަރަށް ބާރަށް ތެޅެން ފެށި އެވެ. މި މަންޒަރު ފެނުމާއެކު 13 އަހަރުގެ ކުއްޖާ އެދިޔަ ގޮތަށް ގޮސް ބަސް ޑްރައިވަރު އަތުން ބަހުގެ ހުންގާނު އަތުލައި ރައްކާތެރި ހިސާބަކަށް ބަސް މަޑުކުރެ އެވެ. އަދި ޑްރައިވަރަށް ސީޕީއާރްދީ އޭނާ ރަނގަޅު ކުރެވޭތޯ ކުއްޖާ މަސައްކަތް ކުރާ ތަންވެސް ވީޑީއޯގައި ފެނެ އެވެ.

މި ވީޑީއޯ އަކީ ތަންކޮޅެއް ކުރީގެ ވީޑިއޯ އެއް ނަމަވެސް ވީޑިއޯ ވައިރަލް ވެގެން އުޅެނީ ވަރަށް ފަހުންނެވެ. ވީޑިއޯ އަކީ ބަހުގައި ހުރި ސީސީޓީވީ ކެމެރާއަށް ރެކޯޑް ކުރެވިފައިވާ ވީޑިއޯ ކްލިޕް އެކެވެ.

ވީޑިއޯ ބެލި އެންމެން ވެސް ބުނެފައިވަނީ ބަހުގައި ތިބި ކުދިންގެ ފުރާނަ ސަލާމަތްވީ ކުއްޖާގެ ވިސްނުން ރަނގަޅު ކަމުން ކަމަށެވެ.

ބަސް މަގުގެ އެއް ފަރާތަކަށް މަޑުކުރުމަށްފަހު އެ ކުއްޖާ ވަނީ މި ދިމާވެގެން އުޅޭ ގޮތް ބަހުގައި ތިބި ކުދިންނަށް ކިޔައިދީ ހުރިހާ ކުދިން ބަހުން ބާލުވައި އެއް ފަރާތެއްގައި ބައިތިއްބާފަ އެވެ. އަދި އިމަޖެންސީ ނަންބަރަށް ގުޅައިގެން އެމްބިއުލެންސް އައިސް ޑްރައިވަރު ހޮސްޕިޓަލަށް ފޮނުވީވެސް އެ ކުއްޖާ އެވެ.

މި ކުއްޖާ ކެތްތެރިކަމާއެކު މި ކަންތައް ހައްލުކުރި ގޮތް މިއީ ވަރަށް ގިނަ ބަޔަކު ފާހަގަ ކުރި ކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި އެއްގޮތަކަށް ވެސް ހާސްކަމެއް ނެތި ކުއްޖާ މުޅި ހާލަތު ކޮންޓްރޯލް ކުރި ގޮތުން އޭނާ އަކީ "ހީރޯ"އެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރި އެވެ.