ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި މަގު ހުރަސް ކުރާ މީހުންނަށް ޖާގަ ނުދޭކަމުގެ ޝަކުވާ އަބަދުމެ ކުރެވެ އެވެ. އެ ޝަކުވާތަކުގެ އަޑު އިތުރަށް ގަދަވެފައިވަނީ، މިއަހަރު ތެރޭގައި ހިނގި ދެ އެކްސިޑެންޓެއްގައި މަގު ހުރަސްކުރި ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެންނެވެ.
ސެނެހިޔާ ކައިރީ ރިންގްރޯޑްގެ ކަފިހިހުރަހެއްގެ މަތިން މަގު ހުރަސް ކުރަނިކޮށް ކާރަކުންޖެހި ދެ މީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެ ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ދެ އަހަރަށް ހިފަހައްޓާފަ އެވެ. އޭގެ ފަހުން، ހުޅުމާލޭގައި މާބަނޑު އަންހެނެއް ގައިގައިޖެހި ބޯ ފަޅައިގެން ދިޔަ ހާދިސާއެއް ވެސް ހިނގާފައިވެ އެވެ.
މާލޭގައި ބޮޑު މަގަކުން ހުރަސް ކުރަން އުޅެންޖެހޭ ހާލަށް ބަލާއިރު، އެކްސިޑެންޓްވާވަރު މަދޭ ބުނުމަކުން ގޯހެއް ނެތެވެ. މަގު ހުރަސްކުރުމުގެ ނިޔަތުގައި، ކަފިހިހުރަސް ކައިރީ ހުއްޓިލާއިރު، ދުއްވާ މީހުންނަށް އިތުރު ފޯރިއެއް އަރާ ކަހަލަ އެވެ. އުޅަނދުގެ ދުވެލި މަޑުކޮށް، ހުރަސް ކުރަން އުޅޭ މީހުންނަށް ޖާގަ ދިނުމުގެ ބަދަލުގައި، އެމީހުންގެ ކުރިން ދެވޭތޯ އަވަސްވެ ގަންނަތަން ފެނެ އެވެ.
އެ މައްސަލަ ބޮޑުވެގެން، ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވަނީ ވަރަށް ތަފާތު އުކުޅެއް ބޭނުން ކުރަން ފަށައިފަ އެވެ. ޓްރެފިކް އެންމެ ބާރު ބޮޑު ސަރަހައްދުތަކުގައި، ބޮޑު އަގު ދީގެން ތްރީޑީ ކަފިހިހުރަސްތަކެއް ވަނީ ގާއިމުކޮށްފަ އެވެ.
އޭގެ ބޭނުމަކީ، ދުއްވާ މީހުންނަށް ކަފިހިހުރަސްތައް ކައިރީގައި ދުވެލި މަޑު ކުރަން ބާރު އެޅުމެވެ. ތްރީޑީ ކަފިހިހުރަސްތައް ކުރަހާފައި ވަނީ ދުއްވާފައި އަންނަ މީހާއަށް ބިމުން މައްޗަށް ބްލޮކްތަކެއް އުފުލިފައި ހުންނަ މަންޒަރު ފެންނަގޮތަށެވެ.
އެ ބްލޮކުތަކުގައި ޖެހިދާނެ ކަމުގެ ބިރަށް، ބޭއިހުތިޔާރުގައި ނަމަވެސް، އުޅަނދު ހުއްޓުމަށް ބާރު އެޅުމުގެ ނިޔަތުގައި އެވެ.
އޭގެ ކަފިހުރަހެއް މަތިން ހުރަސްކުރާ މީހާއަށްވެސް ހީވާނީ، ބިމުގައި ނުޖެހިހުރި "ފްލޯޓިންގް" ބޮލްކްތަކެއްގެ މަތީން ހިނގާފައިދެވޭ ހެނެވެ.
މިކަހަލަ ކަފިހިހުރަސްތައް އިނގިރޭސި ވިލާތުގެ އިތުރުން، އައިސްލެންޑާއި، އޮސްޓްރޭލިއާ އަދި ނިއު ޒީލަންޑުގައި ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.
މިއީ ރާއްޖެއިން ވެސް ނަކަލު ކުރެވިދާނެ އުކުޅެކެވެ.
އެހެނަސް، ހުދުކުލާގައި ހުއްޓަސް، ރީނދޫ ވިޔަސް، އަދި ތްރީޑީކޮށް ހުއްޓަސް، ކޮންމެ މީހަކުވެސް ކަފިހިހުރަސް ކައިރިއަށް ދުވެލި މަޑުކޮށް ހުރަސްކުރާ މީހުންނަށް ޖާގަދޭށެވެ.