ދީން

މުންކަރާތްތައް ނަހީކުރުމުގެ މުހިއްމުކަން

Mar 12, 2024

މީސްތަކުން ތެދުމަގަށް ގެންނަން މަސައްކަތް ކުރުމާއި، މުޖުތަމައުގައި ހިނގާ ނޭއްގާނި ކަންތައްތައް ހުއްޓުވަން މަސައްކަތްކުރުމީ، މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ ކަމެކެވެ. މުޖުތަމައުގައި ހިނގާ ނޭއްގާނި ކަންތައްތައް ހުއްޓުވުމުގައި ގެންގުޅެންވީ މިންގަނޑު، އަންގަވައިދެއްވައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީސް ކުރައްވައިފައިވެ އެވެ.

މީސްތަކުން ތެދުމަގަށް އަޅުވަން މަސައްކަތް ކުރުމާއި، މުޖުތަމައުގައި ހިނގާ ނޭއްގާނި ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމީ، މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ ކަމެކެވެ. މިކަން ބަޔާން ކުރައްވަމުން ލޮބުވެތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީސް ކުރައްވާފައިވެ އެވެ.

"مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَـمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَـمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ" (رواه مسلم)

މާނައީ:- "ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، އެކަމެއް އަތުން ހުއްޓުވާށެވެ. އެކަން ނުކުރެވޭވަރު މީހެއްނަމަ، ދުލުން އެކަމަށް އިންކާރުކުރާށެވެ. އެވަރުވެސް ނުވާ މީހާ ހިތުން އެކަމަށް އިންކާރުކުރާށެވެ. އެއީ، އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ".

މުޖުތަމައުގައި ހިނގާ ތަފާތު ބާވަތްބާވަތުގެ މުންކަރާތްތަކާއި ނޭއްގާނި ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރަންޖެހެނީ، އެފަދަ މީހުންގެ ނުބައިކަމުން މުޅި މުޖުތަމައު ސަލާމަތް ކުރުމަށްޓަކަ އެވެ. ހަމައެއާއެކު އެފަދަ ކަންތައް ކުރާ މީހުން ވެސް ތެދުމަގަށް ގެނެވޭތޯ އެވެ. މިކަން މިގޮތަށް ނުކުރެވޭނަމަ، މުޅި މުޖުތަމައު ފަސާދަވެގެން ހިނގައިދާނެތީ އެވެ.

މިކަމަށް އިޝާރާތް ކުރައްވައި ހަދީސް ކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ.

"ދީނުގެ ހައްދުތަކުގެ މަތީގައި ގާއިމުވެ ހުރެ، ހެޔޮކަންތައްތަކަށް އަމުރު ކުރުމުގައި ދެމިހުންނަ މީހާ އާއި، އެ ހައްދުތައް ފަހަނައަޅައިގޮސް މުންކަރާތްތަކަށް އަރައިގަންނަ މީހާ އާއި، މި ދެ މީހުންގެ މިސާލަކީ، ނަވެއްގައި ދަތުރު ކޮށްފައި ދިޔަ ބައެއްގެ މިސާލެވެ.

ގުރުއަތުން، އޭގެ ތެރެއިން ބައެއް މީހުންނަށް ޖެހުނީ، ވަތަށް ފައިބާށެވެ. އަނެއް ބަޔަކު ތިބީ މަތީގަ އެވެ. އަޑީގައި ތިބިމީހުން ފެނަށް ބޭނުންވާ ކޮންމެ ފަހަރަކު ދާންޖެހެނީ މަތީގައި ތިބިމީހުންގެ ތެރެއިން ލާފަ އެވެ. މިހެން ދިމާވާން ފެށުމުން، މަތީގައި ތިބި މީހުންނަށް އުނދަގޫ ނުކުރާންވެގެން، އަޑީގައިތިބި މީހުން ކިޔަން ފެށި އެވެ. ކޮންމެ ފަހަރަކު، މިގޮތަށް މަތީގައި ތިބި މީހުންނަށް އުނދަގޫކުރުމުގެ ބަދަލުގައި، އަހުރެމެން މިތިބަ ހިސާބުން، އަޑީގައި ލޯވަޅެއް އަޅައިގެން ފެންނެގިއްޔާ މާރަނގަޅު ވާނެ އެވެ.

ފަހެ، އެބައިމީހުން އެކަންކުރުމަށް، މަތީގައި ތިބިމީހުން ދޫކޮށްލައިފިނަމަ، އެ ދެބައިމީހުން އެކުގައި ނެތިގެން ހިނގައިދާނެ އެވެ. ނަމަވެސް އެމީހުންގެ އަތުގައި ހިފައި، އެކަން ވިޔަނުދީ ހުއްޓުވިއްޖެނަމަ، އެބައިމީހުން ސަލާމަތްވީ އެވެ. އަދި މަތީގައި ތިބި މީހުންވެސް ސަލާމަތްވީ އެވެ." (رواه البخاري)

އެއްވެސް މުޖުތަމައެއްގައި ފާހިޝް ކަންތައް ފެތުރި އާއްމުވެގެން ދިއުމީ، އެ މުޖުތަމައެއްގައި ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަން ފެތުރެން މެދުވެރިވެދާނޭ ސަބަބެއްކަން ޔަގީނެވެ.

ލިޔުނީ: މޫސާ އަންވަރު ހަސަން އެވެ. މިއީ ދީނުގެމަގުން ނަގާފައިވާ ލިޔުމެކެވެ.