އައްޑޫސިޓީގައި އިސްލާމީ މަރުކަޒު ހެދުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އައްޑޫސިޓީ ކައުންސިލް އިދާރާގައި މިއަދު މެންދުރުފަހު މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމުވެސް ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީއެއް ހިމެނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
ނައިބް ރައީސް ފައިސަލް މިއަދު ވަނީ އައްޑޫސިޓީގައި އިސްލާމީ މަރުކަޒު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދު ބައްލަވާލައްވާފަ އެވެ.
ނައިބް ރައީސް ފައިސަލް މިއަދު ވަނީ އައްޑޫސިޓީގެ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް މަސްޖިދުލް ވާލިދައިން ވެސް ހުޅުއްވައިދެއްވާފަ އެވެ.
ހެޔޮއެދޭފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތަކީ މުންނާރާއި ގުއްބު ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައިވާ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރާނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތަކީ 250 މީހުންގެ ޖާގައިގެ މިސްކިތެކެވެ.