މިއުޒިކް

120 ކިލޯ ލުއިކުރީ ޑޮކްޓަރު އިންޒާރު ދީގެން: އަދުނާން

މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ ބަރުދަނުގައި ކުރިން 230 ކިލޯ ހުއްޓެވެ. އަދި މިހާ ބަރުވުމުގެ ސަބަބުން އޭނާއަށް ވަރަށް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވެ ޑޮކްޓަރުން އޭނާގެ ސިއްހަތަށް ވަރަށް ނުރައްކާ ކަމަށް ބުނެ އިންޒާރުތައް ދިނެވެ.

ދާދިފަހުން އަދުނާން ދީފައިވާ އިންޓަވިއު އެއްގައި ބަރުދަން ލުއިކުރަން ސީރިއަސް މަސައްކަތްތަކެއް ފެށި ސަބަބު ކިޔައިދީފައި ވެއެވެ.

"ކަބީ ތޯ ނަޒަރް މިލާއޯ" އާއި "މުޖްކޮ ބީ ތޯ ލިފްޓް ކަރާދޯ" ފަދަ ރީތި ލަވަތަކުގެ އަޑުގެ ވެރިޔާ އަދުނާން ބުނި ގޮތުގައި 2006 ވަނަ އަހަރު ޑޮކްޓަރުން އޭނާއަށް ވަރަށް ވަރުގަދަ އިންޒާރެއް ދިނެވެ.

"އޭރު އަހަރެންގެ ބަރުދަނުގައި 230 ކިލޯ ހުރި. އަދި ވަރަށް ގިނަ ސިއްހީ މައްސަލަތައް ތަހައްމަލުކުރަމުން ދިޔައީ. ޑޮކްޓަރުން ބުނި އަހަރެން ހިކެން ލިބޭނީ ހައެއްކަ މަސް ދުވަހޭ. އެ މުއްދަތުގައި އަހަރެން އެކަށީގެންވާ މަސައްކަތްތަކެއް ހިކެން ނުކޮށްފިނަމަ ފުރާނަ ސަލާމަތެއް ނުވާނޭ. އޮތީ ދެ ގޮތެކޭ. އެއީ މަރޭ ނުވަތަ ގަދަޔޭ،" އަދުނާންގެ އިންޓަވިއުގައި ބުންޏެވެ.

އަދުނާން ބުނި ގޮތުގައި ކުއްލިއަކަށް އޭނާ އެހާ ބޮޑަށް ހިކުނީ ކިހިނެއްތޯ ވަރަށް ގިނަ ބަޔެއްގެ ހިތަށް އަރާނެ އެވެ. ނަމަވެސް މިއީ ކުއްލިއަކަށް ހިކުނު ހިކުމެއް ނޫން ކަމަށާއި ޑޮކްޓަރުން ދިން އިންޒާރާއެކު އަދި ޚުދު އޭނާއަށްވެސް ދިރިއުޅެން ދަތިވެގެން ނިންމި ނިންމުމެއް ކަމަށެވެ.

އަދުނާން ހިކުނީ ފިލްމު ކުޅޭ ހިތުން ކަމަށްވެސް އޭރު ބައެއް މީހުން ބުނެ އުޅުނެވެ. އަދި އާ މީހަކު ދެކެ ލޯބި ވެވިގެން އެމީހާ އަށް ދަޅަ ދައްކަން ކަމަށްވެސް ވާހަކަ ދެކެވުނެވެ.

"އަހަރެން އެކަން ކުރީ ދިރިހުންނަން ބޭނުންވާތީ. ހިކުން ނޫން އެހެން އެއްވެސް ގޮތެއް ނެތިގެން. ހިކެން މީހަކު މަސައްކަތްކުރަން މިއަށް ވުރެ މަގުބޫލު އުޒުރެއް އޮންނާނެހެނެއް ހިޔެއް ނުވޭ، އަދުނާން ބުންޏެވެ.

އަދުނާން އިތުރަށް ބުނި ގޮތުގައި ވަރަށް ގިނަ މީހުން އޭނާގެ ބަރުދަން ލުއި ކުރެވޭތޯ ވަރަށް ގިނަ މަސައްކަތްކޮށް މާޔޫސްވެގެން އެކަން ހުއްޓާލާފައި ވެއެވެ. އަދި އޭނާއަށް އެކަން ނުވާނެކަމަށް އެންމެން ވެސް އޮތީ ނިންމާފަ އެވެ.

"އަހަރެން އެމީހުންނަކަށް ހިތްބަރެއް ނުކުރަން. ހަގީގަތުގައި ވެސް އަހަރެން ހިކޭތޯ މަސައްކަތް ކޮށްދިނުމަކީ އުސް ފަރުބަދައަކަށް އެރުން ފަދަ ކަމެއް. ޚުދު އަހަރެންނަށް ވެސް އެކަން ކުރެވިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް،" އަދުނާން ބުންޏެވެ.

އަދުނާން ބުނި ގޮތުގައި ހިކެން ސީރިއަސް މަސައްކަތްތަކެއް ފަށަންވީ ވަގުތު އޭނާއަށް ވަރަށް ރަނގަޅު ނިއުޓްރިޝަނިސްޓެއް ލިބުނީ ހަމަ ނަސީބު ރަނގަޅު ކަމުންނެވެ.

އޭނާގެ މަސައްކަތުން ރަނގަޅު ޑައިޓް ޕްލޭން އަކާއި ވޯކްއައުޓް ޕްލޭނެއް ރާވާ ދިނެވެ. އަދި މަޑުމަޑުން ބަރުދަން ލުއި ވަމުން ގޮސް 120 ކިލޯ ލުއި ކޮށްލުމުގައި އަދުނާން ކާމިޔާބު ހޯދި އެވެ. އެއާއެކު އޭނާގެ ހަށިގަނޑުގައި ހުރީ ސިއްހީ ބޮޑެތި ބަލިތައް ވެސް ވަނީ ފިލައި ގޮއްސަ އެވެ. އަދި މިހާރު އޭނާއަކީ ވަރަށް ފިޓް މީހެކެވެ.