އިންޑިއާގެ އެންމެ ނުފޫޒުގަދަ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް ޖިނާއީ އަބުރުގެ ކުށް ސާބިތުވެ ދެ އަހަރަށް ޖަލަށް ލާން ގުޖުރާތުގެ ސޫރަތު ސިޓީ ކޯޓުން މާޗް 23، 2023 ގައި އޮތީ ހުކުމްކޮށްފަ އެވެ.
ރާހުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ -- ލޯކް ޝަބާގައި އޭނާ ދަމަހައްޓާ ގޮނޑި ވަނީ ގެއްލިފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ބަޔާނަކުން ރާހުލްއަށް މިހާރު ވަނީ މިކަން އަންގާފަ އެވެ.
އާންމު ވޯޓަކުން އިންތިޚާބުކޮށްފައި ހުންނަ މެމްބަރަކަށް ދެ އަހަރު އަދި އެއަށް ވުރެ މުއްދަތު އިތުރު ހުކުމެއް ކޮށްފި ނަމަ މަގާމު ގެއްލޭ ގޮތަށް އޮންނަ މާއްދާއެއް އިންޑިއާގެ ގާނޫނު އަސާސީގައި އޮވެ އެވެ.
އެހެން ނަމަވެސް، ބައެއް މީހުންގެ ނަޒަރިއްޔާގައި ކޯޓުގެ ހުކުމަކީ ރާހުލްއަށް އިއްވިގެން ވާނެ ހުކުމަކަށް ނުވާތީ މަޖިލީހުގެ ގޮޑިއެއް ނުގެއްލޭނެ އެވެ.
ރާހުލް ގާންދީ، 52، އަކީ ކޮންގްރެސް ޕާޓީން އިންޑިއާގެ ވެރިކަށް ތައްޔާރުކުރާ ކެންޑިޑޭޓެވެ. އެހެން ނަމަވެސް، ރާހުލްގެ މައްޗަށް މިހާރު އޮތް ހުކުމް، މަތީ ކޯޓަކުން ބާތިލްނުކުރާހާ ހިނދު އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެ އެވެ.
ރާހުލް ގާންދީގެ މައްޗަށް އަބުރުގެ ދައުވާ ސާބިތުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްވާ ގޮތަށް -- އަދި މޯދީ އަކީ ވަގެއް ކަމަށް ދޭހަވާ ގޮތަށް 2019 ގައި ކަރުނާޓަކާގައި އޮތް ކެމްޕޭން އެއްވުމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ރާހުލްގެ ވާހަކަތަކުގައި ސުވާލުކުރެއްވީ މީހެއްގެ ފުރަތަމަ ނަމުގެ ފަހަތަށް މޯދީ އޮންނަ ކޮންމެ މީހަކު ވަގަކަށް ވަނީ ކީއްވެތޯ އެވެ. މި ސުވާލަށް ދެއްވާނެ ފަސޭހަ ވަކި ޖަވާބެއް ނެތް ނަމަވެސް މިކަން މިގޮތަށް ހިނގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލު ޖައްސަވަމުން ރާހުލް ވިދާޅުވީ ފުރަތަމަ ނަމުގެ ފަހަތަށް މޯދީ އަންނަ ބައެއް މީހުންގެ ނަންތަކެވެ. އެއީ ނިރާވް މޯދީ އާއި ލަލިތު މޯދީ އެވެ. މި ދެ މީހުންނަކީ ވެސް އެ މީހުންގެ މަސައްކަތާއި ވިޔަފާރީގައި ވަގު ހަދާ އޮޅުވާލުގެ ބޮޑެތި ކުށްތައް އޮތް ދެ މީހުންނެވެ.
ރާހުލްއަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށް ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި މީހަކާ ދިމާއަށް ވަގަށް ގޮވިކަން ސާބިތުކުރެވޭނީ ސީދާ އެ މީހަކާ ދިމާއަށް ވަގަށް ގޮވައިގެންނެވެ. އާންމު ތަނެއްގައި އަދި އެތައް ބަޔަކު ޝާމިލުވާ ގޮތަށް ވަގަށް ގޮވުމަކުން އެއީ ވަކި މީހަކަށް އަމާޒުކުރެވޭ ތުހުމަތަަކަށް ވެގެން ނުވާނެ އެވެ.
ރާހުލްއަށް މިވަރުގެ ހުކުމެއް އިއްވި ސަބަބެއް ކަމަށް އަންދާޒާކުރާ މީހުން ދެކެނީ އިންޑިއާގައި ކުރިއަށް ހުރި އިންތިހާބުތައް އޭނާއަށް ގެއްލުވާލުމެވެ.
ރާހުލް އަކީ އިންޑިއާގައި މިހާރު އޮތް ސަރުކާރަށް އެންމެ ޕްރެޝަރު ބޮޑު ސިޔާސީ ލީޑަރު ކަމަށް ވުމަކީ ވެސް އޭނާއަށް ހުރި ފުރުސަތުތައް ސަރުކާރުން ބަންދުކުރާ ސަބަބެއް ކަމަށް ވެސް އޮތީ ގަބޫލުކުރެވިފަ އެވެ.