ދީން

އީމާންކަމުގެ ފޮނިކަން ލިބުމަށް އެދޭ މީހާ

Mar 13, 2024

އަޅުގަނޑުމެން އެންމެންނަކީ ވެސް މުއުމިނުންނެވެ. އީމާންކަމުގެ ހަ ރުކުނަށް އަޅުގަނޑުމެން އީމާންވަމެވެ. މިއީ އަޅުގަނޑުމެން ދިވެހިންގެ ރިވެތި އިސްލާމީ އަޚްލާގިއްޔަތުގައި އަށަގެންފައިވާ އަގީދާގެ ވަރަށް މުހިއްމު އަސާސެކެވެ. ހަމަ އެހެންމެ އީމާންކަމަކީ އަބަދުމެ އެއްވަރެއްގައި ހުންނަ އެއްޗެއް ނޫނެވެ. ބައެއް ހާލަތްތަކުގައި އީމާންކަން މަތިވެ އެވެ. އަދި ބައެއް ހާލަތުގައި އީމާންކަން ދަށްވެ އެވެ.

އީމާންކަން މަތިވަނީ ތިމާ ކުރާ އަޅުކަންތަކުންނާއި އެހެނިހެން ވެސް ހެޔޮ އަމަލުތަކުންނެވެ. އަދި އީމާންކަން ދަށްވަނީ ތިމާއަށް އަރައިގަނެވޭ ކުށްފާފަތަކުންނެވެ. އެހެންކަމުން ފާފަތަކުން ތައުބާވެ، އަބަދުވެސް މަތީ ހަރުފަތެއްގައި އީމާންކަން ބެހެއްޓުމަށް މަސައްކަތްކުރާން ވާނެ އެވެ.

މުއުމިނަކަށް އޭނާގެ އީމާންކަމުގެ ހަގީގީ ލައްޒަތާއި ފޮނިކަން ލިބުމަކީ ނުހަނު އުފާވެރި އިހުސާސްތަކެއް އޭނާއަށް ގެނުވާނެ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އީމާންކަމުގެ ފޮނިކަން ލިބިގަންނާނެ ގޮތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ އަޅުގަނޑުމެންނަށް އަންގަވާފައިވެ އެވެ.

އޭގައި ވަނީ ވަރަށް ފަސޭހަ ތިން ކަމެކެވެ. އަނަސް ބުނު މާލިކު ރިވާކުރެއްވި އެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީސްރެއްވި އެވެ.

"(މި ކަންތައްތައް) ނުކުރަނީސް އެއްވެސް މީހަކަށް އީމާންކަމުގެ ފޮނިކަން ނުލިބޭނެ އެވެ. އެއީ އޭނާ މީހަކު ދެކެ ލޯބި ވާއިރު، ހަމައެކަނި ﷲއަށް ޓަކައި އެ މީހަކު ދެކެ ލޯބިވުމެވެ. އަދި އޭނާ އަލިފާންގަނޑަކަށް އެއްލައިލެވެން ނަފުރަތު ކުރާ ފަދައިން، ﷲ އޭނާ ކުފުރުން ސަލާމަތްކުރެއްވުމަށް ފަހު އޭނާ ކުފުރަށް އެނބުރި ދިޔުމަށް ނަފުރަތު ކުރުމެވެ. އަދި އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ﷲއާއި އެ އިލާހުގެ ރަސޫލާ ދެކެ ލޯބިވުމެވެ." (متفق عليه)

މުސްލިމެއް ކަމަށްވާ ނަމަ ﷲއާއި އެ އިލާހުގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ދެކެ އިންތިހާއަށް ލޯބިވުމަކީ އީމާންކަން ސައްހަވުމުގެ ޝަރުތެކެވެ. އަދި ﷲއާއި އެއިލާހުގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ދެކެ ލޯބިވުމަކީ އީމާންކަމުގެ ފޮނިކަން އެ މީހާއަށް ލިއްބައިދޭ ސަބަބެކެވެ. އަދި ހަމައެހެންމެ، މީހަކު ދެކެ ލޯބިވާއިރު، ދުނިޔަވީ ވަކި މަންފާއެއް ހާސިލްކުރުމުގެ އެދުންވެރިކަމެއް ނެތި މާތް ﷲއަށް ޓަކައި މީހަކު ދެކެ ލޯބިވާ މީހުންނަކީ ވަރަށް މާތް ބައެކެވެ.

ގިޔާމަތް ދުވަހުން ﷲ تعالى ހިޔާ އަޅުއްވާ ފަރާތްތަކުގެ ތެރޭގައި ވެސް ﷲއަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ މީހުން ހިމެނެ އެވެ. އެހެންކަމުން އަޅުގަނޑުމެން ރަހްމަތްތެރިކަމުގެ ގުޅުންތައް މިފަދަ ގޮތަކަށް ރާވައިގެން އުޅެން މަސައްކަތްކުރަން ވާނެ އެވެ. ހަމަ އެއާ އެކު، އެއްވެސް މީހަކު ނަރަކައަށް ދާން ބޭނުން ނުވާނެ ކަމީ ޔަގީންކަމެކެވެ.

ވުމާ އެކު، ނަރަކައަށް އެއްލައިލެވެން ތިމާ ނޭދޭ ފަދައިން ކުފުރުގެ ޒައްރެއްގެ މިންވަރު ވެސް އެކަމެއްގެ ތެރޭގައި ހިމެނޭ ކަމެއްގެ ތެރެއަށް ވަދެގެން ނުވާނެ އެވެ. އެހެން ނޫނީ އޭގެ ސަބަބުން އީމާންކަމުގެ ފޮނިކަމުން މީހާ މަހުރޫމް ވެދާނެ އެވެ.

ދުއާ އަކީ، މާތް ﷲ އަޅުގަނޑުމެން އެންމެންނަކީ އީމާންކަމުގެ ފޮނިމީރުކަން ލިބޭ ހަގީގީ މުއުމިނުން ކަމުގައި ލެއްވުމެވެ. އާމީން!