މީހުން

އިބްރާހީމް ރައީސީ: އިރާނުގެ މުސްތަގުބަލް

އިރާނުގެ ރައީސް އިބްރާހީމް ރައީސީ އިރާނުގެ ރިޔާސީ އިންތިހާބު 2019 ވަނަ އަހަރުގެ ޖޫން މަހު 19 ވަނަ ދުވަހު ބޭއްވުނު އިންތިހާބު ކާމިޔާބު ކުރައްވައި އިރާނުގެ ރައީސް ކަމަށް ވަޑައިގަތެވެ.

އިބްރާހީމް ރައީސީ އަކީ ކީރިތި ރަސޫލާ މުހަމައްދު ސއވގެ ދަރިފަސްކޮޅުން ވަޑައިގެންފައިވާ ބޭފުޅެކެވެ.

އިރާނުގައި ކަޅުކުލައިގެ ޓާބަން ބޮލުގައި އެޅުއްވުމަކީ ކީރިތި ރަސޫލާ ސއވގެ ދަރިފަސްކޮޅުން ވަޑައިގެންފައިވާ ބޭފުޅުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކެވެ. އެ ނޫން މީހުން އަޅާނީ ކަޅު ނޫން ކުލައިގެ ޓާބަން އެވެ.

އިބްރާހީމް ރައީސީ އަކީ ހުއްޖަތުލް އިސްލާމްގެ ހައިސިއްޔަތު އޮންނަ ބޭފުޅެކެވެ.

އިބްރާހީމް ރައީސީ ރައިސްކަމަށް ވަޑައިގަތުމުގެ ކުރީގައި އެއީ އިރާނުގެ އެންމެ އިސް ފަނޑިޔާރެވެ.

އިބްރަހީމް ރައީސީ އަކީ އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް ބޭފުޅެކެވެ. އިރާނުގެ އެންމެ އިސް ލީޑަރުގެ މަގާމަށް 1989 ގައި ވަޑައިގަތް މިހާރު އުމުރުފުޅުން 82 އަހަރުގެ އާޔަތުﷲއަށް ފަހު އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅަކީ ވެސް އިބްރާހިމް ރައީސީ އެވެ.

އިބްރާހީމް ރައީސީ އަކީ އިސްލާމީ ގާނޫނާއި އުސޫލުތަކުގައި ވަރަށް ވަރުގަދައަށް ހިއްޕަވާ ބޭފުޅެކެވެ.

"މުޖްތަމައުގައި އަހުލާގީ ހަމަތައް ދެމެހެއްޓުމަކީ އިސްލާމީ ޝަރީއާގެ އަދި ގާނޫނު ތަކުގެ އަދި މަދަނީ ހައްގުތަކުގައިވެސް އޮންނަ ކަމެއް،" ރައީސީ ވިދާޅުވެފައިވެ އެވެ.

އިބްރާހީމް ރައީސީ އަކީ ކޮރަޕްޝަނާއި ދެކޮޅަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

"އަހަރެމެން ވައްކަން ކުރާ މީހުންގެ ހަމައެކަނި އިނގިއްޔެއް ނޫން ކަނޑާނީ، އެމީހުންގެ އަތްތައް ވެސް ބުރިކޮށްލާނަން،" ރައީސީ މިދިޔަ އިންތިހާބުގައި ވިދާޅުވެފައިވެ އެވެ. ހަމައެހެންމެ ސަރުކާރުގެ މާލީ އެހީތައް ފަގީރުންނަށް އިތުރުކުރުމަށް ބާރު އަޅުއްވަ އެވެ.

ރައީސީ ވިދާޅުވެފައިވަނީ އިރާނުން ބޭރުގެ އިންވެސްޓްމަންޓްތަކަށް އިންތިޒާރުކޮށް ބޭރުމީހުން އިރާނުގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ދުށުމަކީ ނުބައެއް ކަމަށެވެ.

ރައީސީގެ އިގްތިސޯދީ ސިޔާސަތަކީ އިރާން ވާންޖެހޭނީ އިރާންގެ އަމިއްލަފައިމައްޗަށް ތެދުވެ އޮންނަ ބޭރުގެ ފަރާތްތަކަށް ބަރޯސާ ނުވާ ގައުމެއް ކަމުގައި ދެމިއޮތުމެވެ.

އިބްރާހީމް ރައީސީ އަކީ އުމުރުފުޅުން 19 އަހަރުގައި އިރާނުގެ 1979 ގައި ގެނެވުނު އިންގިލާބުގައި ހުޅަނގުގެ ތާއީދު އޮތް ޝާހްގެ ވެރިކަން ބަދަލުކޮށްލުމުގެ މުޒާހަރާގައި ބައިވެރިވެވަޑައިގަތް ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.