ރައީސް އަބްދުﷲ ޔާމީން

53 މިލިއަން ރުފިޔާގެ މައްސަލައިގެ އިސްތިއުނާފު ބަލައިގެންފި

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ފެބްރުއަރީ މަހު އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވީ މާޗް 13 ވަނަ ދުވަހު އެވެ.

މަނީ ލޯންޑާ ކުރުމަށް ޔާމީން އަމަލުކުރި ކަމަށް ދައުލަތުން ބުނަނީ، އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު އެޗްއެސްބީސީ އަށް ޖަމާކޮށް އިތުރު ފައިސާތަކަކާއިއެކު ބީއެމްއެލްއަށް ޖަމާކުރުމަށްފަހު އަނެއްކާވެސް ފައިސާ އިތުރުކުރުމަށްފަހު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްގެން ކަމަށެވެ.

އިސްލާމިކް ބޭންކަށް ޖަމާކުރި 1،295،000 ޑޮލަރާއެކު ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް އިތުރު ފައިސާއާއި އެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާއާއި އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށެވެ.