ހުސައިން އަމްރު

އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކުރަން ޕީސީބީއަށް ފޮނުވައިފި

Mar 26, 2023
2

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން އަމްރު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުވައިފި އެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަމްރު މަގާމުން ވަކިކުރުމަށް ފޮނުވާފައިވާއިރު، އަމްރު ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ދައުލަތުގެ މީޑިއާގެ ޓީވީ ޕްރޮގްރާމެއް ހުއްޓުވާފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަމްރު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ނަޝީދުގެ ކެމްޕޭންގައި ރަށްރަށަށް ވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދުގެ ކެމްޕޭންގައި އުޅުއްވުމުން އަމްރުއަށް ފާޑުކިޔުންވެސް އަމާޒުވި އެވެ.

އަމްރު އޭރު ވިދާޅުވި ގޮތުގައި ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމަށްފަހު އެވެ.

އެމްޑީޕީގެ ނަމުގައި މިދިޔަ ހަފްތާ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އަމްރު ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވާ ގޮތުގައި ޖޭޕީއާ ބައްދަލުކުރި އެމްޑީޕީގެ ބޭފުޅުންނަކީ ޕާޓީގެ ލީޑަޝިޕަށް އެނގިގެން ޖޭޕީއާ ބައްދަލުކުރި ބޭފުޅުންނެއް ނޫނެވެ.