ހުސައިން އަމްރު

އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފި

Mar 26, 2023

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން އަމްރު މިއަދު ވަކިކޮށްފި އެވެ.

އަމްރު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުވާފަ އެވެ.

އެސްޓީއޯ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެވަޑައިގެންނެވީ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމު އެވެ.

އަމްރު މަގާމުން ވަކިކޮށްފައިވާއިރު، އަމްރު ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ދައުލަތުގެ މީޑިއާގެ ޓީވީ ޕްރޮގްރާމެއް ހުއްޓުވާފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަމްރު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ނަޝީދުގެ ކެމްޕޭންގައި ރަށްރަށަށް ވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދުގެ ކެމްޕޭންގައި އުޅުއްވުމުން އަމްރުއަށް ފާޑުކިޔުންވެސް އަމާޒުވި އެވެ.

އަމްރު އޭރު ވިދާޅުވި ގޮތުގައި ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމަށްފަހު އެވެ.

އެމްޑީޕީގެ ނަމުގައި މިދިޔަ ހަފްތާ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އަމްރު ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވާ ގޮތުގައި ޖޭޕީއާ ބައްދަލުކުރި އެމްޑީޕީގެ ބޭފުޅުންނަކީ ޕާޓީގެ ލީޑަޝިޕަށް އެނގިގެން ޖޭޕީއާ ބައްދަލުކުރި ބޭފުޅުންނެއް ނޫނެވެ.