ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 24 މާރިޗު 2023 އާ ގުޅޭ )

"އަހަރެން ލައިލީއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން. ލައި މަޢާފްކުރަންދެން އަހަރެން މަޢާފަށް އެދޭނަން. އެގޮތުގައު އުމުރު ހުސްވާންޖެހުނަސް ހެޔޮ. އަހަންނަށް އެނގޭ ކޮންމެވެސް ދުވަހަކުން ލައި އަހަންނަށް މަޢާފްކުރާނެކަން." ދަރަކް ބުންޏެވެ.

"ކިޔާދީ. އޭރުން ދަރަކްހާ ތެދުވެރިއަކު ނުހުންނާނެ. އެކަމަކު އޭރުން ލައިލީއަށް ކުރާނެ އަސަރު އެނގޭތަ؟. ޔޫ ވިލް ބްރޭކް ހާ ކޮމްޕްލީޓްލީ." ސިޔާގެ އަޑުގައި ޒާތެއްގެ މާލާމާތުގެ ރާގު ހުއްޓެވެ.

ދަރަކްއަށް އެކަމާ ދެކޮޅު ހެދޭކަށް ނެތެވެ. ހިމޭންވެފައި ދަރަކް އިންދާ ސިޔާ ވާހަކަދެއްކިއެވެ. އެންމެން އެކުގައި ކޮފީއަކަށް އަރަން ރާވާފައި އޮތްކަން ސިޔާ ބުންޏެވެ. ކަމެއް ހަނދާންކޮށްދޭން ސިޔާ އުޅޭހެން ދަރަކްއަށް ހީވިއެވެ. އެއާއެކު ދަރަކް ފައިސާގެ ވާހަކަދެއްކިއެވެ. ފައިސާއާ ހަމައިން ދެމެދުގައި އޮތް ހުރިހާ ގުޅުމެއް ނިމުމަކަށް އަންނާނޭކަން ދަރަކް ތަކުރާރުކޮށްލިއެވެ. ސިޔާ ޖަހާލީ ހިނިގަނޑެކެވެ. ގާޑަންވިއު ހޮޓެލްގެ ރެސްޓޯރެންޓުން އިރާކޮޅުގެ ވަގުތެއްގައި ބައްދަލުވާން ސިޔާ ބުންޏެވެ.

މަންމަގެ ކައިރީ ހުރިއިރު ލައިލީ އެއްފަހަރު ވެސް އިސްވެ ގުޅާނުލައެވެ. އެހެނެއްކަމަކު ލައިލީ ގުޅަންދެން ދަރަކް ނުހުރެއެވެ. އޭނާ ލައިލީގެ ހާލު ބަލައެވެ. ދަރަކް އިންތިހާއަށް ހާސްވެފައިވަނީ ލައިލީ ގޭގައި ހުރި އޭނާގެ ސާމާނުތައް މަންމަމެންގެއަށް ގެންދިޔައީމައެވެ. މަންމަގެ ކައިރިއަށް ދިރިއުޅުން ބަދަލުކުރަން އުޅެނީއޭ ދަރަކްއަށް ހީކުރެވުނީއެވެ. އޭރު ލައިލީ ގެއަށް ނައިސް މާގިނަދުވަސްވެއްޖެއެވެ. އިތުރަށް ދަރަކްއަށް ކެތެއްނުކުރެވުނެވެ. ލައިލީގެ މަންމައަށް ގުޅީ އެހެންވެއެވެ. ލައިލީ އެނބުރި ދަރަކްގެ ގާތަށް ނައިސްދާނޭ ހީވާތީއެވެ. ލައިލީގެ މަންމަ ބައްޔެއްނޫންކަން ދަރަކްއަށް އެނގުނީ ދެނެވެ. ޒިންދުގެ ވާހަކަ ހުރި ގޮތުންނެވެ. ލައިލީ ކޮބާތޯ ދަރަކް އަހާލިއެވެ. އެހާތަނުން ދަރިފުޅާމެދު ކަންބޮޑުވުން ޒިންދު ހާމަކުރިއެވެ. ލައިލީ ރަނގަޅަށް ނުކާކަމާއި ރަނގަޅަށް ނުވެސް ނިދާކަން ބުންޏެވެ. އަބަދު ފެންނަނީ ބޮޑު ފިކުރެއް ކުރާތީކަން ޒިންދު ބުންޏެވެ. ލައިލީ ދޫކޮށްލަން ވިސްނަނީތޯ ޒިންދު އަހާލީ ވަގުތުކޮޅަކަށް މަޑުޖެހިލާފައެވެ. ދަރަކް ވަގުތުން ޖަވާބުދިނެވެ. އެކަހަލަ ވިސްނުމެއްނެތްކަން އޭނާ ވަގުތުން ލައިލީގެ މަންމައަށް ޔަގީންކޮށްދިނެވެ. އެއާއެކު ޒިންދު ބުނީ ލައިލީއާ ވާހަކަދައްކާނެކަމެވެ.

"މަންމަ ނާހާނަންތަ ކީއްތޯވީ." ޖެހިލުންވެފައި ހުރެ ވެސް ދަރަކް އަހާލިއެވެ.

"މަންމަ އެއްޗެއް ބުނާވަރެއްނުވޭ. އިހަށް ދެމަފިރިން އެކަކުއަނެކަކާ ވާހަކަދައްކައިގެން ތިވެގެން އުޅޭ ކަމެއް ހައްލުކުރެވޭތޯ ފުރަތަމަ ބަލާ." ޒިންދު ބުނީ އެވަރަށެވެ.

ލައިލީ އެނބުރި އަންނާނޭ އިރެއްގެ އިންތިޒާރުގައި ދަރަކް ހުއްޓެވެ. ޒިންދު ބުނިހެން ދެމަފިރިންގެ ދެމެދަށް އައިސްގެން އުޅޭ ދުރުކަން ބަދަލުކުރެވޭނީ ދެމެދުގައި ވާހަކަދެކެވިގެންކަން ދަރަކްއަށް އެނގެއެވެ. ނަމަވެސް ދަރަކް ހަޤީޤަތް ހާމަކުރާން ފަސްޖެހެނީއެވެ. ލައިލީ އެނބުރި އައި ނަމަވެސް ތެދު ހާމަކުރެވޭކަށް އޭނާއަށް ނެތެވެ. އެހެންވިޔަސް ލައިލީ އޭނާގެ ގާތަށް އެނބުރި އަންނަން ދަރަކް ބޭނުންވެއެވެ.

އޮފީސްގަޑި ނިންމާފައި ދަރަކް އައިސް އެޕާޓްމެންޓަށް ވަނެވެ. ލައިލީގެ ފައިވާން ފެނުމާއެކު ދަރަކްގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް ބޫޓު ބަލާފައި އެތެރެއަށް ދަރަކް ވަނެވެ. އެހިނދު ބޮޑު ސޯފާގެ ދިގަށް އޮށޯވެލައިގެން އޮތް ލައިލީ އޭނާއަށް ފެނިއްޖެއެވެ. ސޯފާގެ ކައިރިއަށް އައުމާއެކު ދަރަކް ކުޑަކަކޫ މައްޗަށް ތިރިވެލިއެވެ. ނިދިފައި އޮތް ލައިލީއަށް ފަރުވާތެރިކަމާއެކު ދަރަކް ބަލާލިއެވެ. މަޑު އާހެއް ފަދައިން ދަރަކްގެ ދެ ތުންފަތުގެ ދާއިރާއިން ލައިލީގެ ނަން ނުކުތެވެ. ނިދިފައި އޮތް އިރު ވެސް ލައިލީގެ މޫނުވަނީ މިލާފައެވެ. ނިދިނުލިބޭކަމާއި ވަރުބަލިކަމުގެ އަސަރު ވެސް ފެންނަން ހުއްޓެވެ. އެ މޫނަށް ބެލިވަރަކަށް ދަރަކްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވޭލެއް އިތުރުވިއެވެ. ލައިލީއަށް އެހާލު ޖެއްސީ އޭނާއޭ އަމިއްލަ ޟަމީރު ބުނާ ކަހަލައެވެ. އޭނާއަކީ ދޮގުވެރިއެކޭ އަމިއްލަ ނަފްސަށް ދަރަކްއަށް ބުނެވުނެވެ. އޭނާގެ ފިނޑިކަމާއި އަމިއްލަ އެދުން ބޮޑުކަން ހިތަށް އެރިއެވެ. ދަރަކް ދެ ލޮލަށް ކަރުނަތައް ބޮނޑިވަމުން ގޮސް ނުހިފެއްޓުނެވެ. އޭނާއަށް ރޮވެންފެށިއެވެ. ދުވަހަކުވެސް ލައިލީއާ ވަކިވާކަށް އޭނާ ނޭދެއެވެ. ހައްދެއްނެތް މިންވަރަށް ދަރަކް ލައިލީދެކެ ލޯބިވެއެވެ. ނަމަވެސް އެ ލޯބި ބަޔާންކޮށްދިނުމުގައި ދަރަކް ނުކުޅެދުނީއެވެ. އެ ލޯބީގެ އިޙްސާސް ލައިލީއަށް ނުކުރެވުނީ އެހެންވެއެވެ. ނުހަނު ލޯބިން ކުރެވުނު ކައިވެނީގެ ފޭރާމުގައި ޝައްކުގެ ކަތުރުފަނި އަޅާން ފުރުޞަތު ލިބުނު ހަޤީޤީ ސަބަބަކީ އެއީއެވެ. އޭނާ ލައިލީގެ ގާތުން މަޢާފަށް އެދުނެވެ. އަމިއްލަ ނަފްސު ނުހިފެއްޓި ރުއިން ގަދަވާންފެށުމުން ދަރަކް ތެދުވެ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭނާގެ މޫނުގައި ހިފަހައްޓާލައިގެން ހުރެއެވެ.

ލައިލީއަށް ހޭލެވުނީ ދަރަކް އެރޭގެ ކެއުން ތައްޔާރުކޮށް ތަށިތައް ކާމޭޒު މަތީ އަތުރަން އުޅެނިކޮށެވެ. ލައިލީއާ ކުރިމަތިލައި ވާހަކަދައްކަން އުނދަގޫވީ ނަމަވެސް ދަރަކް އެކަން ނުދައްކާވޭތޯ ބެލިއެވެ. ލައިލީ އެނބުރި ގެއަށް އައި ނަމަވެސް ވާހަކަދެއްކުމުގައި އަދިވެސް ހުރީ ދުރުކަމެވެ. އެކުވެރީންނާއެކު ލައިލީ ކޮފީއަށްދާ ވާހަކަ ބުނުމުން ނުދާން ދަރަކް އެދުނެވެ. ސިޔާއާ ލައިލީ ބައްދަލުވާން ނޭދޭތީއެވެ. ސިޔާއަކީ ހެޔޮއެދޭ ރަނގަޅު ރަޙުމަތްތެރިއެއްނޫންކަން ދަރަކްއަށް އެނގޭތީއެވެ. މި ނޫނީ ދުވަހަކުވެސް ލައިލީ ގާތު އޭނާގެ އެކުވެރީންނާއެކު ބާއްވާ ކޮފީއަކަށް ނުދާން ދަރަކް ނުބުނެއެވެ. ނަމަވެސް ލައިލީގެ ރައްދު އައީ ހަރުކަށިކޮށެވެ. އެއީ ލައިލީގެ ޠަބީޢަތަށް އައިސްފައި ހުރި ބަދަލުކަން ދަރަކް ނިކަން އަވަހަށް ދެނެގަތެވެ. ދެމަފިރިންގެ ދެމެދުގައި ޒުވާބު ކުރަންފަށައިފިނަމަ އެއީ އިތުރަށް އެ ގުޅުން ބަލިކަށިވެއްޖެކަމުގެ ރަމްޒެއްކަން ދަރަކަށް ވިސްނެއެވެ. ދަރަކް އެ ވާހަކަ އިތުރަށް ނުދެއްކީ އެހެންވެއެވެ. އޭނާއާއި ލައިލީއާ ދެމެދު ޒުވާބުކުރެވޭތަން ދުށުމަށް ބޭނުންނުވީއެވެ.

ލައިލީ އެކުވެރީންނާއެކީ ކޮފީއަށް ދިޔަރޭ ދަރަކް އޮފީހަކަށް ނުދެއެވެ. ލައިލީ ގާތު ކޮފީ ނިމުމުން ގުޅަން ވެސް ދަރަކް ބުންޏެވެ. އޭނާ ނިދަން ނޫޅެ އިނީ އެހެންވެއެވެ. އަނެއްކޮޅުން ވީހާ އަވަހަށް ސިޔާގެ ކަންތައްތައް ނިމުމަކަށް ގެންނަން ދަރަކް ބޭނުންވެފައި ވިއެވެ. އޭނާ އެއްބަސްވުން ތައްޔާރުކުރާން ލެޕްޓޮޕް ހިފައިގެން ނުކުމެ ކާމޭޒުދޮށުގައި އިނެވެ. ލައިލީ ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިނދެ ސިޔާއާ މެދު ވިސްނަމުން މިހާތަނަކަށް ކަންކަން ހިނގާފައިވާ ގޮތާމެދު އަލުން ދަރަކް ހަނދާންކުރަމުންދިޔައެވެ. ފޯނުގައި ސިޔާ ފޮނުވާފައި ހުރި ފޮޓޯތައް އޭރު ވެސް ހުއްޓެވެ. އެ ފޮޓޯތައް ބަލަމުންދިޔައިރު ދަރަކްއަށް ފާހަގަވީ އެތަނުން އެއް ފޮޓޯ ނަގާފައި ހުރި ގޮތުން އެއީ އަމިއްލައަށް ނަނގާފައިވާ ފޮޓޯއެއް ނޫންކަމެވެ. އެ އޭންގަލްއިން ސިޔާއަށް ސެލްފީއެއް ނުނެގޭނޭ ކަމެވެ. ކުރީން ނުއުފެދޭ ސުވާލެއް ދަރަކްގެ ހިތާއި ސިކުނޑީގައި ކުއްލިއަކަށް އުފެދުނެވެ. ސިޔާ އަމިއްލައަށް ނަގާފައިނޫންކަން ދަރަކްއަށް ޔަގީންވާއިރު އެ ފޮޓޯ ނެގީ ކާކުބާއޭ ދަރަކްއަށް ސުވާލު އުފެދުނެވެ. ދަރަކް ސިކުނޑީގައި ކަންކަން ރާވާލިއެވެ.

އެޕާޓްމެންޓްގެ ދޮރު ހުޅުވުނު އަޑު އިވުނީ ދަރަކް ކޮޓަރީގައި ހުއްޓައެވެ. ހަލުވިކޮށް ނުކުތީ ލައިލީ ކޮފީ ނިންމާފައި އައީއޭ ހީކޮށެވެ. އަދި ސުވާލު އުފެދިފައި ހުރީ ލައިލީ ނުގުޅީމައެވެ. ނަމަވެސް ހުރިހާކަމަކަށްވުރެ ބޮޑު ސިހުމެއް ދަރަކްއަށް ލިބުނީ ގޭތެރެއަށް ވަދެ ހުރި ސިޔާ ފެނުނީމައެވެ. ޚާއްޞަކޮށް ލައިލީ އަތުލަފިކޮށްލައިގެން ހުރިގޮތެވެ. މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ކަހަލައެވެ. ލައިލީއަށް ކިހިނެއް ހެދީބާއޭ ދަރަކް ހިތަށް އެރިއެވެ. ނަމަވެސް ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް ލައިލީ އަރިއަޅާލައިފިއެވެ. އަނބިމީހާ އުފުލާލައިގެން ދަރަކް އެނބުރިލަންވީއިރަށް ސިޔާ ގޮސް ނިދާކޮޓަރިއަށް ވަދެއްޖެއެވެ. ދަރަކްއަށް ވަގުތުން ދަތްކުނޑިވިކާލެވުނެވެ. އެއީ އޭނާއާއި ލައިލީއަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެކެވެ. އެތަނަށް ސިޔާ ވަނުމަކީ ދަރަކް ރުހޭނެކަމެއްނޫނެވެ.

ބޭކާރު އެތައް ވާހަކައެއް ދެއްކޭތޯ އެ ފުރުޞަތުގައި ސިޔާ ބެލިއެވެ. އެހެންވިޔަސް ދަރަކް ބެލީ އޭނާ އެ އެޕާޓްމެންޓުން އަވަހަށް ބޭރުކުރެވޭތޯއެވެ. ދޮރާ ހަމައަށް އާދެވެންވީއިރު ސިޔާ ކުއްލިއަކަށް ދަރަކްގެ ގައިގާ ބައްދައިގަނެއްޖެއެވެ. ގައިގާ އޮޅާލި ހަރުފައަށް ދަރަކް ހުރީ ވިސްނައިގެންނެވެ. ކުއްލިއެއް ޖެހިގެން ސިޔާގެ އަތުގައި ހިފައި ދަމައިގަތް ގޮތަށް އެޕާޓްމެންޓް ދޮރު ހުޅުވާލިއެވެ. އަދި ދޮރުން ބޭރަށް ސިޔާ ކޮށްޕާލިއެވެ.

މާދަމާ ހުރިހާކަމެއް ނިމޭނޭ ދަރަކްގެ ހިތުގައި އޮތެވެ. އޮފީސް ނިންމާފައި ސިޔާއާ ބައްދަލުކުރާން ދާނީކަން ދަރަކް ހުރީ ނިންމައިގެންނެވެ. ކުއްލިއަކަށް އަފްރާހު އުޅެންފެށީ އެހެންޏާ ނޫޅޭ ގޮތަކަށެވެ. ވަރަށް ސުވާލު ގިނަވެގެން އުޅޭ މީހަކުހެންނެވެ. އަދި އޭނާ ދަރަކްގެ ލެޕްޓޮޕް ދަބަހަށް ސަމާލުކަންދޭތީ އެކަން ވެސް ފާހަގަވިއެވެ. އަފްރާހު ފޯނަށް އިރުއިރުކޮޅާ ބަލައެވެ. އޭނާގެ މޫނުގެ ކުލަ އެއިން ކޮންމެ ފަހަރަކު ބަދަލުވެއެވެ. ސަމައިރާ ވެސް އަފްރާހުގެ ކައިރިއަށް އަންނަތަނެއް ނުފެނެއެވެ. އެހެންނޫނީ އެ ދެމީހުން އެކުގައި ނުފެންނަ ވަގުތެއްނުދާނެއެވެ.

"ދަރަކް... ލައިލީ ކަހަލަ އަނތްބެއް ލިބޭނީ ނަސީބުވެރިއަކަށް. އެކަމަކު އަނބިމީހާއަށް އަޅާލަންޖެހޭ ވަރަށް އަޅާނުލެވޭނަމަ އޭނާ ވެސް އަބަދަކު އެއްގޮތެއްގައި ނުހުންނާނެ. ވަގުތު ފާއިތުވާފަހުން ދެރަވިޔަސް ކުރެވޭނެކަމެއް ނޯންނާނެ."

އަފްރާހުގެ ވާހަކައިން ދަރަކް ނިކަން ހައިރާންވިއެވެ. ޚާއްޞަކޮށް އަފްރާހު ކަހަލަ މީހަކު އެފަދަ ނަޞޭޙަތެއް ދިނީމައެވެ. ދަރަކްއަށް އުނދަގޫ އިޙްސާސެއް ކުރެވުމުން އޭނާއަށް މަސައްކަތަށް ސަމާލުކަންދޭން އުނދަގޫވިއެވެ. އޭރު އޮފީސް ގަޑި ވެސް ނިމިއްޖެއެވެ. މޭޒުދޮށުން ތެދުވެ ދަރަކް ހިނގައިގަތެވެ. އަފްރާހު ބަހެއް ނުކިޔާ ދަރަކްއަށް ބަލަން އިނީއެވެ.

ފާޚާނާއަށް ވަދެފައި އައި ދަރަކްއަށް އޭނާގެ މޭޒު ކައިރިޔަށް ގުދުވެގެން އުޅުނު އަފްރާހު ފެނި ސުވާލު އުފެދުނެވެ. އޭނާ ކުރީ ކީއްކަމެއް ދަރަކްއަށް ޔަގީނެއްނުވެއެވެ. އަފްރާހަށް ގޮވާލުމުން ވަގު ހިފުމުން ފާޅުވާ ކަހަލަ ސިހުމެއް އޭނާގެ މޫނުން ފާޅުވިއެވެ. އޭނާ ގެންގުޅުނު ގަލަން ވެއްޓުނީއޭ އަފްރާހު ބުނެލީ ނިކަން އަވަހަށެވެ. ދަރަކް އަޅައެއްނުލިއެވެ. ލެޕްޓޮޕް ދަބަސް ނެގުމާއެކު ދާން އުޅޭކަން ދަރަކް ބުނެލިއެވެ. އެއާއެކު އަފްރާހު ވެސް ތެދުވެއްޖެއެވެ. އޭނާ ވެސް ގެއަށް ދާނީކަމުގައި ބުނެލިއެވެ.

އޮފީހުން ނުކުމެ ދެ ޒުވާނުން ހިނގައި ގަތީ މަގުގެ ދެކޮޅަށެވެ. ވަކި ހިސާބަކަށް އާދެވުމުން ދަރަކް ދަބަސް ހުޅުވާލިއެވެ. އޭގެ ތެރެއިން އެއްވެސް އެއްޗެއް މަދުވެފައި ވޭތޯއެވެ. ތަފާތެއް ފާހަގަނުވުމުން ޒިބު ދަމާލާފައި އަލުން ކޮނޑުގައި އަޅުވާލައިފިއެވެ. އޭނާ ދެން ގުޅީ ސިޔާއަށެވެ.

ގާޑަންވިއު ހޮޓެލްގެ ރެސްޓޯރެންޓު ބައިން ދަރަކްއާއި ސިޔާ ބައްދަލުކުރިއެވެ. ދަބަހުގެ ތެރެއިން ދަރަކް ނެގި އެއްބަސްވުމުގެ ލިޔުން ސިޔާއަށް ދައްކާލިއެވެ. އެއްވެސް ކަހަލަ މަޢުލޫމާތެއް އިތުރު ފަރާތަށް ހާމަކޮށްފިނަމަ ސިޔާގެ މައްޗަށް ދަޢުވާކުރެވޭނެކަން އެ އެއްބަސްވުމުގައި އޮތެވެ. އެ ޕޮއިންޓު ކިޔާފައި ސިޔާ ހީނގަތެވެ. ނަމަވެސް އޭނާގެ ހުނުން ކުއްލިއަކަށް ހުއްޓުނީ ދަރަކް ދެން ބުނި ވާހަކައަކުންނެވެ. ސިޔާގެ މޫނުން ހިނދުކޮޅަކަށް ފާޅުވެލި ނަމަވެސް އެ ސިހުމުގެ އަސަރު ދަރަކްއަށް ސިއްރެއް ނުވިއެވެ.

"އަހަރެން ދެ ކޮޕީ ގެނައިން. އެއް ކޮޕީ ސިޔާއަށް. އަނެއް ކޮޕީ އަހަރެމެން ދެ މީހުންގެ ފޮޓޯ ނެގި މީހާއަށް." ދަރަކް ބުންޏެވެ.

"ވަޓް ޑޫ ޔޫ މީން. އެއީ އަހަރެންގެ ފޯނުން ނެގި ފޮޓޯ." ސިޔާ ބުނެލިއެވެ.

"އަހަންނަށް ތިން ފޮޓޯ ފޮނުވިއިރު އެތަނުން ދެ ފޮޓޯއަކީ ސެލްފީ. އެކަމަކު މި ފޮޓޯ މިގޮތަށް ނޭނގޭނީ ދުރުގައި މަންޒަރު ބަލަން ހުރި މީހަކަށް." ދަރަކްގެ ފޯނުން ފޮޓޯ ދައްކާލިއެވެ. ސިޔާ އަޖައިބުވިއެވެ.

"އެއީ... އެއީ އަހަރެން... އާން... އެއީ ޓައިމާ ޖައްސާފައި ފޯނު ދުރުގައި ބާއްވާފައި." ސިޔާއަށް ކުއްލިއަކަށް ޖަވާބުދޭން ދަތިވީ ނަމަވެސް އޭނާ ވާހަކައެއް ހަދަން މަސައްކަތް ކުރިއެވެ.

"ނުވާނެ އެހެނެއް. ކެމެރާ ޕޮޒިޝަން އެ ހުރީ ވަރަށް އުސްކޮށް ނަގާފައި ހުރިހެން. ސިޔާ އުޅެނީ އަބަދު ކެމެރާ ސްޓިކް ހިފައިގެންތަ؟. އެހެންވިއްޔާ ކުރީން ރާވައިގެން އެ ޑުރާމާ ކުޅޭން ބޭނުންވާ ސާމާނު ވެސް ހިފައިގެން ކުރިކަމެއް ދޯ އެއީ." ދަރަކް ބުންޏެވެ.

"ނޭނގެ މަށަކަށް ދަރަކް ތި ކިޔަން އުޅޭ އެއްޗެއް." ސިޔާ ބުންޏެވެ.

"އެނީވޭ... މިއިން އެއްވެސް ކަމެއް ލައިލީއަށް އެނގިއްޖެނަމަ ދެން އިތުރަށް އަހަންނަށް ގެއްލޭނޭ އެއްޗެއް ނެތް. އެހެންވެއްޖެނަމަ އަހަރެން ކަލެއަށް އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަން. ފައިސާ ދިނުމުން އޭގެ ފަހުން ކަލޭ ކަމެއްކުރާން އުޅެފިނަމަ އަހަރެން ދުވަހަކުކޮޅުން ވެސް ކަލެއަށް މަޢާފެއްނުކުރާނަން. އަދި ބުނަން. އެ ދުވަހަކުން އަހަރެން ހަމަނޭވާލާނީ ކަލޭއަށް ހައްޤުވާވަރުގެ ބޮނޑިއެއް ދިނުމަށްފަހު. އެހިސާބަށް ދިއުމަށް ޓަކައި ކޮންމެ ފަދަ ކަމެއް ކުރާން ޖެހުނަސް ވަރިހަމަ. ކޮންމެ ފަދަ ހާލަތަކަށް ވެސް އަހަރެން ވެއްޓިދާނަން. ކަލޭގެ ކައިރިން ހުރިހާކަމެއްގެ ބަދަލު ހިފާނަން. މުޅި އުމުރަށް އަހަރެން ލޯބިވާ މީހުންނާ ވަކިވާން ޖެހުނަސް ހެޔޮ. މުޖުތަމައަށް މޫނު ދައްކާލަން ނުކެރޭވަރު ވިޔަސް ފަރުވާލެއްނެތް." ދަރަކް ބުންޏެވެ.

"އެހާ ވެސް ކަލެއަށް ލައިލީ މުހިންމު. ހަމަ އޭނާ އެހާ ވޯތްތަ؟." ސިޔާއަށް އަހާލެވުނެވެ. އޭނާއަށް މީގެ ކުރީން ދަރަކްގެ ފުށުން ނުފެންނަ ޔަގީންކަމެއްގެ އަސަރު ފެންނަމުންދިޔައެވެ.

"އަހަންނަށް ލައިލީ މުހިންމުވަރެއް އެއީ ސިޔާ ބަލަން ޖެހޭ އަދި އެނގެން ޖެހޭ ވެސް ކަމެއްނޫން. އަދި އެއްކަންތަ. މިހާރުން ފެށިގެން ކަލޭ ލައިލީއާ ދުރުގައި ހުންނަން ޖެހޭނީ. އެކަމަށް އިތުރަށް ފައިސާ ދޭނަން." ދަރަކް ބުނެލިއެވެ.

"ވާއޮ! ލައިލީގެ އެކުވެރީންނަށް ތިބެންޖެހޭ މީހުން ވެސް ކަނޑައަޅަންފެށީތަ." ސިޔާ ބުންޏެވެ.

"ކަލެއަކީ ޔަގީނުން ވެސް ލައިލީގެ ރަޙުމަތްތެރިއެއްނޫން. އެވަރު އަހަރެންނަށް އެނގޭތީ މިބުނީ ދުރަށްދާށޭ." ދަރަކް ބުންޏެވެ.

"ބަލަ ރައްޓެހިންނެއް ކަމަކު އެންމެންގެ ޚިޔާލު އެއްގޮތެއް ނުވާނެ. ލައިކްވާ ކަންތައްތަކަކާއި ކަމުނުދާ ކަންކަން ކޮންމެ މީހެއްގެ ތަފާތުވާނެ. އެންމެންގެ މެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ އިޙްސާސް ވެސް ތަފާތުވާނެ." ސިޔާ ބުންޏެވެ.

"ކަލޭ ތީ ހައްދުފަހަނައަޅަފައި ހުތި އަންހެނެއް. އަހަރެންނަށް އެނގޭ ކަލޭ ލައިލީއާ މެދު ހަސަދަވެރިވަނީކަން. އޭނާއަށް ކަލޭ ނަފުރަތުކުރޭ. ކީއްވެކަން ބުނެބަލަ. ލައިލީ ކުރީ ކީއް؟. މިހެން އަހާއިރަށް ކަލޭ ފަށަނީ ކޮންމެވެސް އެހެން ވާހަކައެއް." ދަރަކް ބުންޏެވެ.

"ތީ ދަރަކްއަށް ހީވާ ހީވުމެއް. އަހަންނަކަށް ނޭނގެ." ސިޔާ ފަރުވާކުޑަ ރާގެއްގައި ބުނެލިއެވެ.

"ވައި އާ ޔޫ ސޯ އޮބްސެސްޑް ވިތް ލައިލީ." ދަރަކް މިފަހަރު އަހާލީ ނިކަން ހަރުކަށިކަމާއެކުއެވެ.

"އޮބްސެސްޑް އޭ... ތިހެން ބުނީމަ ހަމަ ހިނިއަންނަނީ." ސިޔާ ފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ.

"ކަލޭ ފެނުނަސް އަހަރެން މިއޮއްވާ ފޫއްސެއް އެނގޭތަ. ހިތަށް އަރާ ކަލެއާ ލައިލީ ދިމާނުވިނަމައޭ. ދުވަހަކުވެސް ކަލެއާ ލައިލީ ރަޙުމަތްތެރި ނުވިނަމައޭ. ޔޯ ޕްރިސެންސް އިޒް އަ ނިއުސެންސް ޓު މީ." ދަރަކްގެ އަޑުގައިވީ އިންތިހާ ފޫހިކަމެވެ. ސިޔާއަށް ލިބުނު ސިހުމުގައި ދެ ލޯ ބޮޑުކޮށްލަމުން ދަރަކްއަށް ބަލަން އިނެވެ.

މޭޒު ކައިރިއަށް މީހަކު އައިހެން ހީވީ އެވަގުތެވެ. ދަރަކްއާއި ސިޔާގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލީ އެކުއެކީއެވެ. ލައިލީގެ ސޫރަ ފެނުމުން ދަރަކްއަށް ފުރަތަމަ ޔަގީނެއްނުވިއެވެ. ނަމަވެސް ލައިލީގެ ދެ ލޮލާ ނަޒަރު ސީދާވެލި ހިނދު ދަރަކްގެ ފުރާނަ ހަށިން ނުނިކުތީ ކިރިޔާއެވެ. ލައިލީގެ ނަން ކިޔާލެވުމާއެކު ދަރަކް ސިހުނީ ދުވަހަކު ނުސިހޭވަރަށެވެ. ކުއްލިއަކަށް ގޮނޑިން އޭނާއަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

(ނުނިމޭ)