ރިޒްގަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާންގެއީ "الرَّزَّاقُ" (ގިނަގިނައިން ރިޒްގު ދެއްވާ އިލާހު)އެވެ.
ރިޒްގު ތަނަވަސްވުމުގެ ބައެއް ސަބަބުތަކީ:
އިސްތިޣްފާރު ކުރުމާއި ތައުބާވުން. އިސްތިޣްފާރު ކުރުމާއި ތައުބާ ވުމަކީ ﷲ ލޯބިވެވޮޑިގަންނަވާ ދެ ސިފަ އެވެ. އެ އިލާހަށް ގިނަގިނައިން އިސްތިޣްފާރު ކުރާ އަޅުންނަށް ރިޒްގު ތަނަވަސްވެގެން ވެއެވެ.
ނޫޙު ސޫރަތުގެ 10 ވަނަ އާޔަތާއި 11 ވަނަ އާޔަތުގައި ވަނީ: "ތިމަން ކަލޭގެފާނު (އެބަހީ: ނޫޙުގެފާނު) އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ވެރި ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ! އެކަލާންގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާންގެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ."
ﷲ (عز وجل) އަށް ބިރުވެތިވުން. މާތް ﷲ އަށް ބިރުވެތިވުން މިއީ ރިޒްގު ތަނަވަސްވުމުގެ ސަބަބެކެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުން މީހާ ސަލާމަތް ކޮށްދޭނެ ވެސް ކަމެކެވެ.
އެކަން ބަޔާންކުރައްވައި ޠަލާޤު ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެ އެވެ.
"އަދި اللَّهއަށް ތަގުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާންގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާ ނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާންގެ އޭނާއަށް ރިޒްގު ދެއްވާ ނެތެވެ."
ﷲ އަށް ވަކީލުކުރުމާއި، އެކަމަށް މަސައްކަތްކުރުން. އުމަރުގެފާނުގެ ކިބައިން ރިވާވެގެންވި އެވެ. ރަސޫލު صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި އެވެ.
"ތިޔަބައިމީހުން ހައްގު ގޮތުގައި ﷲ އަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާސޫތްޕަށް ރިޒްގު ދެއްވާ ފަދައިން ތިޔަބައި މީހުންނަށް ރިޒްގު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ." (އިމާމު އަހްމަދު)
ރަހިމުގެ ގުޅުން ދެމެހެއްޓުން. ރަހިމުގެ ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ވެސް އޭގެ ސަބަބުން ރިޒްގު ތަނަވަސްވެގެން އަންނަ ކަމެކެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްކުރެއްވި އެވެ.
"ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާ މީހާ (އެބަހީ ބޭނުންވާ މީހާ) ރަހިމުގެ ގުޅުން ދަމަހައްޓާށެވެ!" (ބުޚާރީ، މުސްލިމް)
ﷲގެ މަގުގައި ހޭދަކުރުން. އަދި ހަމައެހެންމެ، ތިބާގެ މުދާ މާތް ﷲގެ މަގުގައި ހޭދަކުރުމުން ވެސް ރިޒްގު ތަނަވަސްވެގެން އާދެ އެވެ. މިކަން ބަޔާން ކުރައްވައި މާތް ﷲ ވަހީ ކުރައްވަނީ ﴿وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ الرَّازِقِينَﱠ﴾ (سبأ: ٣٩) މާނައީ:- "ތިޔަބައިމީހުން ހޭދަކުޅަ އެއްޗެއްގެ ބަދަލު އެކަލާންގެ ދެއްވާނެ އެވެ. އެއީ އެންމެ ހެޔޮ ރިޒްގު ދެއްވާ އިލާހެވެ."
ލިޔުނީ: އައްޝައިޚް މުހައްމަދު ޝާފިއު އެވެ. މިއީ ދީނުގެމަގުން ނަގާފައިވާ ލިޔުމެކެވެ.