މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަތަރުވަނަ މޮރޮކޯގެ ރަސްކަމާއި ހަވާލުވެވަޑައިގެންފައިވަނީ އެމަނިކުފާނުގެ ބައްޕާފުޅު ހަސްން ރަސްގެފާނު ދެވަނަ އަވަހާރަވުމާ ވިދިގެން ޖުލައި 23، 1999 ގައެވެ.
ރަސްގެފާނު މުހައްމަދަކީ މޮރޮކޯގެ އަލާވީ ޝާހީ ދަރިކޮޅުން ވަޑައިގެންފައިވާ ބޭފުޅެކެވެ. މޮރޮކޯގައި ރަސްކަން ކުރަމުން އަންނަ މި ޝާހީ އާއިލާ އަކީ ކީރިތި ރަސޫލާ މުހައްމަދު ސއވގެ ދަރިފަސްކޮޅުން ސީދާ ވަޑައިގެންފައިވާ އާއިލާ އެކެވެ.
އަރަބި ޝަރީފައިންގެ މި އާއިލާ އަކީ ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ހަސަން ބިން އަލީ އަށް ނިސްބަތްވާ އާއިލާ އެކެވެ. މިއަދުގެ މޮރޮކޯގެ ތަފީލާލްތް ސަރަހައްދަށް މަދީނާ ސަރަހައްދުން މި ދަރިފަސްކޮޅު މީހުން ހިޖުރަކުރީ 12 ނުވަތަ 13 ވަނަ ގަރުނުގެ ތެރޭގަ އެވެ.
ރަސްގެފާނު މުހައްމަދަކީ ތައުލީމީ ގޮތުން ފުންނާބު އުސް ބޭފުޅެކެވެ. ބައިނަލްއަގުވާމީ ގުޅުމުގެ ދާއިރާއިން ފްރެންޗް ޔުނިވަސިޓީ އޮފް ނީސް އިން އެންމެ މަތީ ދަރަޖައިގައި ޑޮކްޓާ އޮފް ފިލޯސޮފީ ހާސިލް ކުރައްވާފައިވެ އެވެ.
ރަސްގެފާނު މުހައްމަދު ރަސްކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނަކީ ރޯޔަލް މޮރޮކަން އާމީގެ ކާނަލް މޭޖަރެއްގެ މަސްއޫލިއްޔަތު އޮތް ބޭފުޅެކެވެ.
2011 ގައި އަރަބި ދުނިޔެއަށް މަޝްހޫރުވި އަރަބް ސްޕްރިންގްގެ ނުފޫޒު މޮރޮކޯއަށް ވެސް ކުރި އެވެ. މިގޮތުން ރަސްގެފާނު މުހައްމަދު ވަނީ ސިޔާސީ ގޮތުން ގިނަ އިސްލާހުތަކެއް ސަރުކާރަށް ގެންނަވައި ބޮޑުވަޒީރުގެ މަސްއޫލިއްޔަތު އިތުރަށް ފުޅާކުރައްވާފަ އެވެ. ސަރުކާރުގެ ބާރުތަކުގެ މެދުގައި އޮންނަ މިނިވަންކަން ގާއިމުކުރުމުގައި ރަސްގެފާނު މުހައްމަދުގެ ދައުރަކީ މުހިންމު ދައުރެކެވެ.
ރަސްގެފާނު މުހައްމަދަކީ އިސްލާމީ ދުނިޔޭގައި ހަތްވަނައަށް އެންމެ ނުފޫޒުގަދަ ފަރާތް ކަމުގައި ރޯޔަލް އިސްލާމިކް ސްޓްރެޓެޖިކް ސެންޓަރުން މިއަހަރު ކަނޑައަޅާފައިވެ އެވެ.