ރައްޔިތުންގެ މަޖިލިސް

ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ އަވަސްކުރަން ގޮވާލާ ގަރާރެއް

ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.

ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅުވާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ވައުދެއްކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ހިތަދޫ އާއި ކުނަހަންދޫއަކީ މަސްވެރިކަމާއި ދަނޑުވެރިކަންކުރާ ދެ ރަށް ކަމަށާއި ދެރަށުގެ ރައްޔިތުން އަބަދުވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހޭ ކަމަށެވެ.

މި ދެރަށް ކޯޒްވޭއަކުން ގުޅުވާލުމަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރުވެސް މި ވައުދު ނުފުއްދޭ ކަމަށެވެ.

އެމްޓީސީސީއާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް ހަވާލުކުރި ނަމަވެސް ކޯޒްވޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ނުދާތީ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.