މީހުން

ރަސްގެފާނު ހަމަދް: ބަހުރައިނަށް ޒަމާނީ ބަދަލުތައް ގެންނެވި

Mar 11, 2024

ބަހުރައިންގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާ ބަހުރައިންގެ ރަސްކަމަށް އިސްވެވަޑައިގަތީ އެމަނިކުފާނުގެ ބައްޕާފުޅު އަމީރު އީސާ ބިން ސަލްމާން އަލް ހަލީފާ އަވަހާރަވުމާ ގުޅިގެން މާޗް 6، 1999 ގައެވެ.

ބަހުރައިންގެ ވެރިޔާގެ ނަން ރަސްގެފާނުގެ ނަމަށް ބަދަލުކުރެވިގެން ދިޔައީ ފެބްރުއަރީ 14، 2002 ގައެވެ. އޭގެ ކުރިން ބަހުރައިންގެ ވެރިޔާ އަށް މުހާތަބް ކުރެވެނީ އަމީރުގެ ނަމުންނެވެ. އެގޮތުން ރަސްގެފާނު ހަމަދް ބިން ސަލްމާން އަލް ހަލީފާ އަކީ މާޗް 6، 1999 އިން ފެށިގެން ބަހުރައިންގެ އަމީރެވެ. އަދި އެއިގެ ފަހުން ގެނެވުނު ބަދަލާއެކު މިއަދު އެއީ ބަހުރައިންގެ ރަސްގެފާނެވެ.

1783 ވަނަ އަހަރުން ފެށިގެން ބަހުރައިންގައި ވެރިކަން ހިންގަމުން އަންނަނީ އަލް ހަލީފާ ދަރިކޮޅުގެ މީހުންނެވެ. އަލް ހަލީފާގެ މިދަރިކޮޅަކީ އުތުރު އަރަބިކަރައިގެ އަދްނާން ވަންހައިގެ ދަރިކޮޅުން އައިސްފައިވާ ބައެކެވެ. އަދްނާން އަކީ އިސްމާއީލް އަލައިހިއްސަލާމްގެ ދަރިފަސްކޮޅުން އައިސްފައިވާ އަރަބިންގެ އަސްލާއި ނަސްލު ބިނާވާ އެންމެ މުހިންމު އެއް ބޭފުޅެކެވެ. އެދަރިކޮޅަކީ ކީރިތި ރަސޫލާ މުހައްމަދު ސއވ ނިސްބަތްވާ ދަރިކޮޅުވެސްމެ އެވެ.

ރަސްގެފާނު ހަމަދް އަލް ހަލީފާ އަކީ އިނގިރޭސި ވިލާތުގެ ގޮޑަލްމިންގެ ސަރީ އަދި ކެމްބްރިޖްގެ ލީސް ސްކޫލުން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން މިލިޓަރީ ތަމްރީން އަދި ލީޑަޝިޕް ތަމްރީން ހޯއްދަވާފައިވަނީ އިނގިރޭސި ވިލާތާއި އަދި އެމެރިކާއިންނެވެ. ބަހުރައިންގެ ޑިފެންސް މިނިސްޓަރުކަމާއި އަސްކަރިއްޔާގެ ކޮމާންޑަރުކަމާއި ވަކީން ހާއްސަކޮށް ބަހުރައިންގެ އެއާފޯސް ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވެ އެވެ.

ރަސްގެފާނު ހަމަދް އަލް ހަލީފާ އަކީ އެމަނިކުފާނު އަމިއްލަފުޅަށް ހެލިކޮޕްޓަރު ދުއްވުމަށް ކުޅަދާނަ ބޭފުޅެކެވެ.

އަރަބް ސްޕްރިންގެ އޮއިވަރު ބަހުރައިނަށްވެސް ވަރަށް ބޮޑަށް ކޮށްފައިވެ އެވެ. އެއާއެކު ރަސްގެފާނު ހަމަދް އަލް ހަލީފާ ވަނީ ސިޔާސީގޮތުން ބަހުރައިންނަށް އިސްލާހުތަކެއް ގެންނަވައި ރައްޔިތުންގެ އިހުސާސްތަކަށް ޖަވާބުދާރީވެވެވޭނެ އާ ގޮތްތައް ފަހިކޮށްދެއްވާފަ އެވެ.

ރަސްގެފާނު ހަމަދް އަލް ހަލީފާ ރަސްކަމާ ހަވާލުވެވަޑައިގެންވެސް ބޮޑެތި ބަދަލުތަކެއް ސިޔާސީގޮތުން ބަހުރައިންނަށް ގެންނެވި އެވެ. އޭގެ ދަށުން ބަހުރައިންގެ ސިޔާސީ އެތައް ބަޔަކަށް މިނިވަންކަން ދެއްވާފައިވެ އެވެ.

ރަސްގެފާނު ހަމަދް އަލް ހަލީފާ އަށް 28 ގައުމަކުން އެގައުމުތަކުގެ އެންމެ މަތީ ޝަރަފް އަރުއްވާފައިވެ އެވެ. ރަސްގެފާނު ހަމަދް އަލް ހަލީފާގެ ހަތަރު އަނބިކަނބަލުންނަށް ބާރަ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.