މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޒުވާނުންނާ ކުޑަކުދިންގެ ދާއިރާ ތަރައްގީކުރަން އެޑިއުކޭޝަނާއި އދ. އެއްބަސްވެއްޖެ

Feb 1, 2016

ހަތަރު ދާއިރާއެއްގެ ތަރައްގީއަށް މަސައްކަތްކުރަން ރާއްޖެއިން އދ. އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެކުލަވާލި މަސައްކަތު ޕްލޭންގައި ހިމެނޭ ކުޑަކުދިންނާ ޒުވާނުންގެ ދާއިރާގެ މަސައްކަތް ފެށުމަށް އދ. އާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އދ. ގެ ފަރާތުން ސޮއިކުރެއްވީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ އެއް ކަމަށްވާ ޔުނިސެފް ރާއްޖޭގައި ތަމްސީލުކުރައްވާ އެލިސް އަކުންގާ އެވެ.

ރާއްޖޭގެ ހަތަރު ދާއިރާއެއްގެ ތަރައްގީގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް އދ. އިން ރާއްޖެއާ އެކު އެކުލަވާލާފައިވާ މަސައްކަތު ޕްލޭން އަކީ، ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް އެސިސްޓެންޓް ފްރޭމްވޯކް (އުންޑަފް) އެވެ. އެ މަސައްކަތު ޕްލޭންގެ ދަށުން، ކުޑަކުދިންނާއި ޒުވާނުން ތަރައްގީކުރުމަށާއި، ޖެންޑާގެ ހަމަހަމަކަން ގާއިމްކުރުމަށާއި ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމުގެ އިތުރަށް ދެމެހެއްޓެނިވި ތިމާވެއްޓެއް ބިނާކުރުމަށް މަސައްކަތްކުރާނެ އެވެ.

މިހާރު އަމަލުކުރަމުންދާ އުންޑަފް ޕްލޭން އެކުލަވާލީ މިދިޔަ އަހަރު އެވެ. އެ ޕްލޭންގެ ދަށުން 2020 ވަނަ އަހަރާ ހަމަޔަށް އދ. އާއި ރާއްޖެ ގުޅިގެން މަސައްކަތްކުރާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އުންޑަފްގެ މަގުސަދުތައް ހާސިލުކުރުމަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކުން މަސައްކަތް ކުރާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެކު ދާއިރާތަކާއި ގުޅުންހުރި މިނިސްޓްރީތަކުން އެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

އުންޑަފް ގައި ހިމެނޭ ކުޑަކުދިންނާ ޒުވާނުންގެ ދާއިރާގެ މަސައްކަތްތައް ކުރުމަށް އދ. އާ އެކު ރާއްޖެއިން އެންމެ އިސްކޮށް މަސައްކަތްކުރާނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ ދެ އަހަރުގެ ތެރޭގައި ކުޑަކުދިންނާ ޒުވާނުންނަށް އަމާޒުކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް އެޑުއުކޭޝަން މިނިސްޓްރީން ބުންޏެވެ.