ދުނިޔެ

ނަތަންޔާހޫ އަމާންދެއްވައި ފަހަތަށް ޖެހިވަޑައިގެންފި

އިޒްރޭލުގެ ޝަރުއީ ނިޒާމު ޒަމާނަށް ފެއްތުމަށް ކަމަށް ބުނެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާ ދެކޮޅަށް މުޅި އިޒްރޭލު ތެދުވުމާ ގުޅިގެން، ސަރުކާރުން އެ ބިލް އަނބުރާ ގެންގޮސްފި އެވެ.

ޝަރުއީ ނިޒާމަށް ގެންނަން ހުށަހަޅާފައި ހުރި ބަދަލުތަކުގެ ސަބަބުން ކޯޓުތަކާއި ފަނޑިޔާރުންގެ ބާރު ކެނޑި، ސަރުކާރުގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ފުރޮޅިގެންދާނެ އެވެ. އަދި ބޮޑެތި މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށް އިޒްރޭލުގައި މިހާރު އޮތް ކޯލިޝަން ސަރުކާރަށް އިމްތިޔާޒުތަކެއް ލިބިގެންދާނެ އެވެ.

ގާނޫނު ހަދާ މަޖިލީހަށް މި ބިލް ފޮނުވުމާ އެކުއެކީހެން އާންމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން ގެންދާތާ މެދުކެނޑުމެއް ނެތި 12 ހަފުތާ ވަނީ ވެފަ އެވެ.

އެހެން ނަމަވެސް، އާންމުގެ އިހުސާސްތަކަށް ސަރުކާރުން ދޫދިނުމެއް ނެތި ކުރިއަށް ގެންދިއުމުގެ ސަބަބުން އަމަން ބަލަހައްޓާ އޮފިސަރުންނަށް ވެސް ހަމަނުޖެހުންތައް ކޮންޓްރޯލްކުރެވޭ ގޮތް އޮތީ ނުވެފަ އެވެ.

މި ބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލައިފިނަމަ އެ މީހަކު ސައިޒުކޮށް ނުވަތަ މަގާމުން ދުރުކުރުމުގެ ވިސްނުމެއް ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅުއްވި އެވެ. އަދި އެއީ މަސްލަހަތަށްޓަކައި ބުނި ބުނުމެއް ނަމަވެސް، ނަތަންޔާހޫގެ ވިސްނުމަކީ އެ މީހަކީ ސަރުކާރާ ދެކޮޅު މީހެއް ގޮތުގައި ލޭބަލްކުރެއްވުމެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް މަގާމުން ދުރުކުރެއްވީ ވެސް ވަޒީރު ދެއްވި މިފަދަ ހިޔާލެއްގެ ސަބަބުންނެވެ.

ސަރުކާރުގެ ނިޔަތަށް އެއްވެސް ބަދަލެއް ނުގެނެސް ބިލް ފާސްކުރަން އޮތީ ހިފާފަ އެވެ. މިކަމާ ގުޅިގެން ދެން ހިނގައިދިޔަ މަރުހަލާގައި ހޮސްޕިޓާތަކާއި އާންމުންނަން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތައް އަދި ސްކޫލްތައް ވެސް ވަނީ ސަރުކާރަށް ޕްރެޝަރުކުރުމުގެ ގޮތުން ބަންދުކޮށްފަ އެވެ.

އަނެއްކޮޅުން އިޒްރޭލުގެ ރައީސް އައިސާކް ހަރްޒޮގް ވެސް ވަނީ މި ބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ނަތަންޔާހޫގެ އަމިއްލަ ވަކީލު ވެސް ވަނީ ނަތަންޔާހޫއަށް އިންޒާރުދެއްވައި، ބިލަށް ބަހުސްކުރަން ފަށައިފިނަމަ މަގާމު ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫއަށް ގައުމުގެ ތެރެއިންނާއި ބޭރުން ޖެހިވަޑައިގެންނެވި ޕްރެޝަރަށް އޮބިނޯވެގެން ވަނީ ބިލަށް ބަހުސް ނުކުރާ ގޮތަށް އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އެހެންނަމަވެސް، ޝަރުއީ ނިޒާމު އިސްލާހްކުރުން ސަރުކާރުން މުޅިން ދޫކޮށްލި ކަމަކަށް އަދިވެސް ނުބުނެ އެވެ.