( 26 މާރިޗު 2023 އާ ގުޅޭ )
ލައިލީގެ ސޫރަ ފެނުމުން ދަރަކްއަށް ފުރަތަމަ ޔަގީނެއްނުވިއެވެ. ނަމަވެސް ލައިލީގެ ދެ ލޮލާ ނަޒަރު ސީދާވެލި ހިނދު ދަރަކްގެ ފުރާނަ ހަށިން ނުނިކުތީ ކިރިޔާއެވެ. ލައިލީގެ ނަން ކިޔާލެވުމާއެކު ދަރަކް ސިހުނީ ދުވަހަކު ނުސިހޭވަރަށެވެ. ކުއްލިއަކަށް ގޮނޑިން އޭނާއަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
ސިޔާއަށް ލިބުނު ހައިރާންކަން ހިނދުކޮޅެއްގެ ތެރޭ ފަރުދާކުރިއެވެ. އޭނާގެ ރޭވުމެއްނަމަ ހިނދުކޮޅަކަށް ވިޔަސް އެ މޫނުން އެފަދަ ހައިރާންކަމެއްގެ އަސަރު ނުފެންނާނޭކަން ދަރަކްއަށް އެނގެއެވެ. ލައިލީއަށް އެމީހުން ތިބި ތަނަށް އަންނަން އެނގުނީ ކިހިނެއްބާއޭ ދަރަކް ހިތަށް އެރިއެވެ. އެއާއެކު ދެން ހިތަށް އެރިއެވެ. ލައިލީ ހުރިހާކަމެއް އެނގެނީއެވެ. ސިޔާއާއި ދަރަކްގެ ދެމެދުގައި ހިނގަމުންދާ ކަންތައްތަކެވެ. އެ ދުވަހު ސިޔާއާއި ދަރަކް ބައްދަލުކުރަން ހެމަޖެހިފައި އޮތްކަން ވެސް އެނގެނީއެވެ. ސީދާ އެމީހުންގެ ކައިރިޔަށް އަންނަން އެނގުނީ އެހެންވެއެވެ. އެވަގުތުކޮޅު ވެސް ސިޔާ އަވަހަށް ބެލީ ލައިލީ ދެރަކޮށް ނިކަމެތިކޮށްލެވޭތޯއެވެ. އެންމެންގެ ކުރިމަތީ ލަދުގަންނަވާލެވޭތޯއެވެ. ބަހެއްކިޔަން ދަތިވެފައި ވިޔަސް ސިޔާގެ ވާހަކަތަކަށް ރައްދުދޭން ލައިލީ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަ ފައިބައިގަތީ އެހިނދުއެވެ. ލައިލީގެ ގެނެސް އަތުގެ ތެރެއަށްލާން ދަރަކް ބޭނުންވެ ކުރިޔަށް ޖެހިލެވުނެވެ. އަނބިމީހާއާ ކައިރިވެލަން އަތްދިއްކޮށްލެވުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާއާއި ލައިލީއާ މެދަށް ވަނީ އަކިޔަލްއެވެ. އެއީ ލައިލީއާއެކު ކުރީން ވެސް ދަރަކްއަށް ފެނުނު ޒުވާނާކަން ދެނެގަންނަން އެނގުނެވެ. ލައިލީއާއެކު މަސައްކަތްކުރާ ޒުވާނާއެވެ. އޭނާ ލައިލީއަށް ބަލާގޮތް ދަރަކްއަށް ރަނގަޅަށް އެނގެއެވެ.
"ހުރިހާ ގޮތަކުން ލައިލީއަށް ހިމާޔަތްދޭން އަހަރެން ވަޢުދުވިން. ކީއްވެ... ކީއްވެ... އެންމެ ފަހުވަގުތު ލައިލީއާ އެންމެ ގާތުގައި ހުރި މީހަކީ އަހަންނެއްނޫން." ދަރަކްއަށް މަޑުމަޑުން ކިޔާލެވުނެވެ.
ލޯ މަތިން އަތް ހިއްލާލައިފައި ދަރަކް ތެދުވެލިއެވެ. އެ ދެ ލޮލުގައި މަޑު ރަތްކަމެއް ހުއްޓެވެ. ބާލީސް ނަގައި ބުރަކަށްޓާއި އެނދުގެ ހެޑްބޯޑާ ދޭތެރެއަށް ލައްވާލައި އޭނާ ލެނގިލިއެވެ. ޚިޔާލުތަކުގައި ފީނުމަކުން އެއްވެސް ކަމެއް ބަދަލެއްނުވާނެއެވެ. މާޒީއަށް ދޫވެއްޖެކަމެއް އަލުން އިޔާދަވުމެއްނުވެއެވެ. ވީކަމެއް އެއޮތީ ވެފައެވެ. ލައިލީއަށް ވަގުތު ދޭން ދަރަކް ބޭނުމެވެ. އެކަމަކު އޭނާއަށް އެކަމަށް ކެތެއް ވެސް ނުކުރެވެއެވެ.
ދަރަކްގެ ހަޔާތުން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެކަނިވެރިކަމަށް ބަދަލެއް ނައެވެ. ލައިލީ ނުކުމެގެން ދިޔަތާ ހަފްތާއެއް ފާއިތުވެއްޖެއެވެ. އެނބުރި އަންނާނެ ކަމުގެ އިޝާރާތެއް ދަރަކްއަށް ނުވެއެވެ.
* * * * *
ފެންވަރާލައިގެން ނުކުމެ ލައިލީ ކާމޭޒުދޮށުގައި އިށީނީ ލޯގަނޑުކޮޅާއި މޭކަޕްކުރާ ސާމާނު ހިފައިގެންނެވެ. ޑިއުޓީ ނިންމާފައި ޒިންދު އައިސް ގެއަށް ވަނީ އެވަގުތެވެ. ޓީޝާޓަކާއި ކަށިމައްޗާ ހަމައަށް ހުރި ޓައިޓެއް ލައިގެން އިން ލައިލީ ފެނުމުން ޒިންދު ސުވާލުކުރިއެވެ.
"މިއަދު ހޮޓެލަށް ނުދަންތަ؟." ޒިންދު އަހާލިއެވެ.
"އޯފް ދުވަސް. ހަނދާންނެތުނީ މަންމަ ކައިރީ ބުނަން. ބޭރަށް ދާން މިއުޅެނީ. ސްކޫލު އިރުގެ ގުރޫޕާއެކީ. ޔޫން އެނގެއެއްނު މަންމައަށް. އޭނާ ބަނޑުބޮޑު. އޭނާ ކައިރިޔަށް އެންމެން ގޮސްލަނީ." ލައިލީ ބުންޏެވެ.
"އެހާ ލަސްނުވެ އަންނާތި." ކޮޓަރިއާ ދިމާއަށް އަންނަމުން ޒިންދު ބުންޏެވެ.
"ލަހެއްނުވާނެ. ކުދީން ގޮވައިގެން ދާއިރު އެމީހުން ވެސް ލަސްވަންދެން ނުތިބޭނެ." ލައިލީ ބުންޏެވެ.
ޒިންދު ގޮސް ކޮޓަރިއަށް ވަނުމުން މޭޒުމަތީ ބަހައްޓާލި ލޯގަނޑު ލައިލީ މޫނު ބަލާލިއެވެ. އަދި މީހާ ފެންނަނީ ދިރުން ގެއްލިފައިވާ މީހަކު ހެންނެވެ. މޫނުގެ ދެފަރާތުން ކޯތާފަތުގައި ލައިލީ ދެ އަތުން މަޑުމަޑުން ޖަހާލިއެވެ. ލޯކައިރިން ފާޅުވާ ވަރުބަލިކަން މޭކަޕްއިން ފޮރުވާލަން ލައިލީ މަސައްކަތް ފެށިއެވެ.
ހަވީރުގެ ވަގުތެވެ. ހުޅުމާލެއަށް އައި ޓެކްސީ ޔޫން ދިރިއުޅޭ ފްލެޓް ކައިރިއަށް މަޑުކޮށްލިއެވެ. ފައިސާ ދީފައި ލައިލީ ޓެކްސީ އިން ފޭބިއެވެ. އަދި ސިޑިން އަރައިގެން އައިސް ޔޫން އުޅޭ ބައިގެ ބެލް އަޅާލިއެވެ. ދޮރު ހުޅުވީ ޔޫންއެވެ. އެކުވެރިޔާ ފެނުމުން ޔޫންގެ މޫނުން އުފާވެރިކަން ފާޅުވިއެވެ. ލައިލީގެ ގައިގާ ބައްދާލާފައި އަވަހަށް ގޭތެރެއަށް ވެއްދިއެވެ. މިހާރު އެ ގޭގައި މަދީ ލައިލީކަން ޔޫން ބުނެލިއެވެ.
"ކިހިނެއްތަ މިހާރު." ލައިލީ އަހާލިއެވެ.
"އަލްޙަމްދުލިއްﷲ. މިހާރު ރަނގަޅު. ހޮޑުވެސް ލެވޭލެއް މަދު. އެކަމަކު މިހާރު އެންމެން ކަންބޮޑުވަނީ ކައިކައިގެން ފަލަވެދާނެތީ. ބަރުދަން އިތުރުވާތީ." ޔޫން ހިނިއައިސްފައި ވާހަކަދެއްކިއެވެ.
"އަޅޭ. އަހަރެން މިއައީ ކޭކެއް ހިފައިގެން." ލައިލީއަށް ބުނެވުނެވެ.
"އެހެން ބުންޏަސް މީރު އެއްޗެހި ނުކައެއް ނުހުރެވޭނެ ދޯ." އެއް ލޯ މަރާލާފައި ލައިލީ އަތުން ނިކަން އަވަހަށް ޔޫން ކޭކު އަތުލައިފިއެވެ. އެކުވެރިޔާގެ ޠަބީޢަތަށް އައިސްފައިވާ ހެޔޮ ބަދަލު ލައިލީއަށް ފާހަގަވެ ހިނިތުންވެވުނެވެ.
"ކޮބާ އިދާން." ލައިލީ އަހާލިއެވެ.
"އޭނާ ގޭގައި ހުރިއްޔާ އަހަރެންގެ ފޫބުޑުން އުޅޭނީ. މިއަދު އެންމެން އަންނަން އުޅޭތީ މޭޒުމަތި ތައްޔާރުކޮށްދިނީ ވެސް އިދާން. އަހަރެން އޭނާ ފޮނުވާލީ. އެކުވެރީންނާއެކީ އޭނާ ވެސް ވަގުތު ހޭދަކުރާންވާނޭ ކިޔާފައި. ނަސީބަކުން ހިނގައްޖެ." ޔޫންގެ ވާހަކަދެއްކުމުގައި އުފާވެރިކަމާއި ހިތްހަމަޖެހުންވިއެވެ.
ސިޓިންރޫމު ސޯފާގައި ދެންތިބި އެކުވެރީން ތިއްބެވެ. ގޭތެރޭގައި އަޑުގަދަކޮށްލާފައި ތަސްލީމާގެ ކުޑަސޮރު ސަކަރާތުގައި އުޅެއެވެ. އެންމެން ލައިލީއަށް އަވަހަށް އަންނާށޭ ގޮވާލިއެވެ. ލައިލީ ނައިސްގެން ސައި ނުފެށިފައިކަން ތަސްލީމާ ބުންޏެވެ. އޭރު ވެސް އޭނާ އުޅެނީ ޔޫންގެ ބަދިގެ ތެރޭގައެވެ. އެންމެން އެކުގައި އައިސް ސައިމޭޒުދޮށުގައި އިށީނެވެ.
"އެމީހުންގެ ޚަބަރެއް އެނގޭތަ؟." ނޫރީ އަހާލިއެވެ. އެތަނުގައި މަދީ ހަމައެކަނި ސިޔާއެވެ.
"އެމީހުން ކުރީ ކުށެއް. ޖަލަށް ނުލިޔަސް ބޮޑު އަދަދަކުން ޖޫރިމަނާކުރާނޭ އަކިޔަލް ކީ. މައްސަލަ އަދިވެސް ކުރިޔަށް ދަނީ." ލައިލީ ބުނެލިއެވެ.
"ސިޔާގެ އޮފީހަށް ވެސް އެކަން އެނގިއްޖެކަމަށްވަނީ. އެ އޮފީސް ކުއްޖަކު އަހަރެން ފެނިގެން އެ ވާހަކަ އެހީ. އެންމެންނަށް ވެސް ފެންނާނެ އަހަރެމެން ދެ މީހުން އަބަދު އެކުގައި އުޅޭތަން." ކިރަން ބުންޏެވެ.
"ސިޔާ މަންމައަކީ އެކަނި އުޅޭ މީހެއް. އޭނާއަށް މިހުރިހާކަމެއް އެނގުނީމަ ވާނޭ ގޮތް ހިތަށް އަރަނީ." ތަސްލީމާ ބުންޏެވެ.
"ޖުނޭއަކަށް ފައިސާއެއް ނުދެއްކޭނެ. އޭނާ ގެންގުޅުނީ މުސްކުޅިވެފައި ހުރި މާމަ. އެމީހާ ބަލަނީ ރަށުގައި ހުރި އެމީހުންގެ ތިމާގެ ބަޔަކު." ކިރަން ބުންޏެވެ.
"ހާދަ ދެރައޭ. ސިޔާގެ ކުށުގެ ރިކޯޑެއް އޮންނާނެ ދޯ މިހެންވީމަ." ޔޫންއަށް ބުނެވުނެވެ.
"އާން. އެކަމަކު އޭނާ ކުރީ މީހަކު އޭނާއާ މެދު ހަމްދަރުދީވާންޖެހޭ ވަރުކަމެއްނޫން. އޭނާ އަމިއްލައަށް ލިބިގަތް ކަމެއް އެއީ." ނޫރީ ވަގުތުން ބުންޏެވެ.
އިޝާ ނަމާދަށް ގޮވަންދެން ހުރިހާ އެކުވެރީން ވާހަކައިގައި ތިއްބެވެ. ނޫރީއާއި ތަސްލީމާ ކުދީން ގޮވައިގެން ގެއަށްދާން ނުކުތީ އޭގެ ފަހުންނެވެ. ތަށިތައް ނަގައި ކާމޭޒާއި ބަދިގެ ސާފުކޮށްދޭން ލައިލީއާއި ކިރަން އުޅެއެވެ. އެމީހުން ވެސް އެކަން ކޮށްފައި ދެން ގެއަށް ދާނީ ކަން ބުންޏެވެ.
"ލައި. އައި އޭމް ސޮރީ. އަހަންނަށް ޖުނޭގެ ފޯނުން ދަރަކްއާއި ސިޔާގެ ފޮޓޯ ދުށީން. އަހަރެންގެ ފޯނަށް އެ ފޮޓޯ ފޯވަޑްކުރީން. ލައިއަށް ދައްކަން ކިތަންމެ ފަހަރަކު ހިތށް އެރި. ޖުނޭ ކުރާ ކަންކަމާމެދު ސުވާލު އުފެދުނު. އައި އޭމް ސޮރީ ލައި. އަހަންނަކީ ވެސް ކުށްވެރިއެއް. އެކަންކަން އެންމެ ފުރަތަމަ އެނގުނު ހިނދު ލައި ކައިރީ ބުނެވުނުނަމައޭ ހިތަށް އަރާ. ލައި ދިރިއުޅުން." ކިރަންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނާ އެއް އަތުން ލޯ މަތި ފޮރުވާލިއެވެ.
"ހޭ... ނުރޮއްޗޭ. އެކަން އެ ނިމުނީ. އެމީހަކާ ކަމެއް ދިމާވީމާ އެނގޭނީ ހުރި ހިތްވަރަކާއި ޖެހިލުންކުޑަ ކަމެއްވެސް. ހަޤީޤަތުގައި އަހަރެމެން އިންސާނުންނަކީ ނިކަން ފިނޑިބައެއް. ހަޤީޤަތް އެނގެން ވެސް ބޭނުންވޭ އެކަމަކު އެ ހަޤީޤަތް ޤަބޫލުކުރުމަކީ ފަސޭހަކަމެއްނޫން. ޖުނޭދެކެ ކިރަން ލޯބިވާކަން އެނގޭ. ލޯބިވާ މީހުންނާމެދު ގޯސްކޮށް ހީކުރުމަކީ ކުރަން ވަރަށް އުނދަގޫކަމެއް. އަހަރެން ކިރަންއާމެދު ހިތްނުބައެއް ނުކުރަން." ކިރަންގެ ކޮނޑުގައި އެއް އަތުން ހިފަހައްޓާލައިގެން ހުރެ ލައިލީ ވާހަކަދެއްކިއެވެ. ކިރަން ދެ ލޯ ފުހެލާފައި ލައިލީއަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް އޭނާ ލައިލީއާ ބަދަލުކޮށްލިއެވެ.
"އެ ދުވަހުގެ ފަހުން އަހަރެން ޖުނޭއާ ވާހަކައެއް ނުދައްކަން. އޭނާއާ އެއްކޮށް ގުޅުން ކަނޑާލައިފިން. އޭނާ ރަނގަޅުވެގެން އަޔަށް ދެން އޭނާއާ ގުޅުމުގެ ވިސްނުމެއްނެތް. ސިޔާ ފަދަ ރަޙުމަތްތެރިއަކު ވެސް އަހަރެން ބޭނުމެއްނޫން. ރަނގަޅު ރަޙުމަތްތެރިއަކު އެކުވެރިޔާގެ ދިރިއުޅުން ހަލާކުކޮށްލާކަށް ނުވިސްނާނެ. އޭނާ ނޫނަސް އަހަރެންގެ އެކުވެރީން އެބަތިބި މިހާރު. ލައިއަށް އެނގޭތަ... ފުދޭ ވަރަކަށް ދުވަސް ވެއްޖެ އަހަރެން އޭނާއާ މެދު ވިސްނާތާ." ކިރަން އެންމެފަހުން ބުނެލި އެއްޗަކުން ލައިލީ ޝައުގުވެރިއެވެ.
"ކާކު؟. އަވަހަށް ބުނޭ." ލައިލީ ނިކަން ޖޯޝާއެކު ބުނެލިއެވެ.
"އަހަންނާ އެއް އޮފީހެއްގައި މަސައްކަތް ކުރަނީ. އަކްރަމް ކިޔަނީ. މިހާތަނަށް އަހަރެންނާ ބައްދަލުވި ހުރިހާ ފިރިހެނުންނާ ތަފާތު. އޭނާގެ ވިސްނުމާއި ވާހަކަދެއްކުމުގައި ވެސް ނިކަން ހަރުދަނާ ގޮތެއް ހުރޭ. ހިތް ބުނޭ އޭނާއަށް އިތުބާރު ކުރެވިދާނޭ. އޭނާ ރައްޓެހިވާން އެހީމައި އަހަރެން ފުރަތަމަ ނޫނެކޭ ބުނީ. އެކަމަކު އަދިވެސް އޭނާ ހުރީ ހަމަ އެގޮތުގައި." ކިރަން ރަކިވެފައި ހުރި ކަހަލަ ގޮތަކަށް އެކުވެރީންނަށް ކިޔާދިނެވެ.
"ކީއްވެ ރައްޓެހިނުވާންވީ؟." ޔޫންގެ އަޑު އައީ ލައިލީއާއި ކިރަންގެ ފަހަތުންނެވެ.
"ޔޫން." ކިރަންއަށް ކިޔާލެވުނެވެ. ޔޫން އައިގޮތަށް ހިފީ ކިރަންގެ ދެއަތުގައެވެ.
"ކިރަން އެހެން މީހުންނަށް އަޅާލައި އެމީހުންގެ ކަންކަން ފުރިހަމަކޮށްދިނުން ހުއްޓާލަންވެއްޖެ. ކިރަން ހޯދަންވީ ކިރަންއަށް އެފަދައިން އަޅައިލާ ލޯބިދޭނޭ މީހަކު. އަކްރަމްއަކީ އެކަހަލަ މީހަކަށް ވެދާނެ. ފުރުޞަތެއް ފަހިވީމާ އެއީ ރަނގަޅު ފުރުޞަތެއްކަމުގައި ހިތަށް ފެންނަންޏާ ޓްރައި ކުރުމަކުން މައްސަލައެއް ނެތެއްނު. އަނެއްކާ ތިބުނީ ތި އޮފީހުގައި އޭނާ ވެސް އުޅެނީ. ވަޒީފާއެއް އޮތުމަކީ އާމްދަނީ ލިބޭނެ މަގެއް ޔަގީންވުން. އެކަމާ ވެސް ކިރަން ވިސްނާކަށް ނުޖެހޭނެ." ޔޫން ފައްޗަކަށް އަމުނާލިއެވެ.
"އަހަންނަށް އުޅެވޭނެބާއޭ ހިތަށް އަރަނީ." އަމިއްލަ ނަފްސުގެ މައްޗަށް ޔަގީންނުވެފައި ހުރެ ކިރަން ބުންޏެވެ.
"އިންޝާﷲ. ރަނގަޅުވާނެ. އޭނާ އަދިވެސް ހުރީ ކިރަންގެ ފަރާތުން ޖަވާބެއް ލިބޭނެކަމަށޭ ތިބުނީ. ޔޫ ޝުޑް ސޭ ޔެސް. ކުޑަ އިތުބާރެއް އޮތަސް އެ އިތުބާރުގައި ހިފަން އަހަންނަށް ފެންނަނީ. ކީކޭ ލައި ބުނަނީ." ޔޫން ބަލާލީ ގާތުގައި ހުރި ލައިލީއަށެވެ. ހިނިތުންވެ ހުރެ ލައިލީ ވެސް ބޯޖަހާލީއެވެ.
"އޯކޭ އޯކޭ... އަކްރަމްއަކީ ހުތުރު މީހެއް ވެސް ނޫން. ނިކަން ފިރިހެން ގޮތެއް ހުރޭ. ރަނގަޅުވާނޭކަމަށް ލައިއާއި ޔޫންއަށް ފެންނަންޏާ އަހަރެން ވެސް މިފަހަރު ތަފާތުކޮށްލަން ބޭނުން." ކިރަން މިހެންބުނެ ހީނލިއެވެ.
"އަހަރެމެންނަށް ދައްކަންވާނެ." ޔޫން ނިކަން ފޯރީގައި ބުންޏެވެ.
"ލައި... އަދިވެސް މަންމަ ކައިރީތަ؟. ދަރަކް ކައިރިއަށް ނުދާންތަ ތިހުންނަނީ." ކިރަން އަހާލިއެވެ. އެއާއެކު ލައިލީގެ މޫނުން އިހު ފެންނަން ހުރި ހިނިތުންވުން ގެއްލިއްޖެއެވެ.
"އަހަރެން ވިސްނާލަން ދުވަސްކޮޅެއް ބޭނުންވީ." ލައިލީ ބުންޏެވެ.
"ކޮންކަމަކާ ވިސްނަން." ކިރަން އަހާލިއެވެ. ޔޫން ވެސް ބަލަން ހުރީ އެ ސުވާލުގެ ޖަވާބު ބޭނުންވެފައި ހުރި ފަދައިންނެވެ.
ދަރިއުޅުމާމެދު ވިސްނިޔަސް ލައިލީ ހޯދަން އެދޭ ޖަވާބެއް ނުފެނެއެވެ. އޭނާ ބޭނުންވަނީ ކޮންކަހަލަ މުސްތަޤްބަލެއްކަމެއް ހާސިލުކުރާން އެދެނީ ކޮންކަމެއްކަން މިހާރު އޭނާއަށް އޮޅިފައިވާކަހަލައެވެ.
"ދަރަކް ހުރިހާކަމެއް ސިއްރުކުރި. ދޮގު ވެސް ހެދި... އެކަމަކު އޭނާ ވެސް އެކަން ކުރީ ލައިއަށް ޓަކައި. ނޫންތަ؟. އޭނާ ބޭނުންވީ އެ ހުރިހާކަމަކުން ލައި ރައްކާތެރިކުރާން." ކިރަން ބުންޏެވެ.
"ލައިދެކެ ދަރަކް ވަރަށް ލޯބިވޭ. އަހަރެން އަބަދުވެސް ކިޔަމެންނު ދަރަކް ކަހަލަ ފިރިއެކޭ ހޯދަންވީ. ލައި... އިޓްސް ޓްރޫ. އޭނާ ލައިދެކެ ލޯބިވާވަރު އަހަރެމެންނަށް ފެނޭ. ތި ދެމީހުން ވަކިވާވަރު ކަމެއްނޫން މިވީ. އަހަންނަށް ތި ދެ މީހުން ވަކިން ސިފަ ވެސް ނުކުރެވޭ. ތި ދެމީހުން ވެސް އެކަކުއަނެކަކުދެކެ ނުލާހިކު ލޯބިވޭ." ޔޫން ބުންޏެވެ.
ޔޫންގެ ވާހަކަ ލައިލީއަށް ޤަބޫލުކުރެވެއެވެ. އޭނާގެ ހިތުގައި ދަރަކްގެ މައްޗަށް ހިނގާ އިޙްސާސްތަކަށް ބަދަލެއް ނާދެއެވެ. އަދިވެސް އެ ލޯތްބަށް ބަދަލެއް ނާދެއެވެ. އިހު އުޅުނު އުފާވެރި ހަމަޖެހޭ ދިރިއުޅުން އުޅޭން ލައިލީ ނުހަނު ބޭނުމެވެ. އެހެންވިޔަސް ކުރިޔަށް ނުދެވި އޭނާ އެވަނީ ހުއްޓިފައެވެ. އެއީ ކީއްވެކަން ވެސް ޚުދު ލައިލީއަކަށް ބުނާކަށް ނޭނގެއެވެ.
* * * * *
މަސައްކަތުގައި އިން ދަރަކްގެ ސަމާލުކަން އަތުލީ މޮނީޓާރ ކައިރީ މޭޒުމަތީ އޮތް އޭނާގެ ފޯނަށް މެސެޖެއް އައި އަޑުންނެވެ. ފޯނު ނަގައި ބަލާލިއިރު އޭނާއަށް މެސެޖު ކުރީ ލައިލީގެ އެކުވެރިޔާ ކިރަންއެވެ. މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވާކަން ކިރަންގެ މެސެޖުގައި އޮތެވެ. ނަމަވެސް އެ މެސެޖަށް ޖަވާބެއްދޭން ދަރަކް ފަސްޖެހުނެވެ. ލައިލީގެ ރައްޓެހިންނާ ވާހަކަދައްކަން އޭނާ ޖެހިލުންވަނީއެވެ. ޖަވާބެއް ނުދީ އޭނާ އަލުން ފޯނު ބާއްވާލީއެވެ.
މެންދުރުގެ ވަގުތެވެ. ސަމައިރާ އައިސް ދަރަކްއަށް ގޮވާލިއެވެ. ދަރަކްއާ ބައްދަލުކުރާން މީހަކު އައިސް ހުރިކަމުގައި ސަމައިރާ ބުންޏެވެ.
"ކާކު؟. އެޕޮއިންމެންޓެއް އޮތީތަ މިއަދު." ދަރަކް އަހާލިއެވެ. ސަމައިރާ ނޫނެކޭ ބުނެ އައިސް ހުރީ ކާކުކަމެއް އޭނާއަށް ވެސް ނޭނގެއޭ ބުނެ ދެކޮނޑު އަރުވާލީއެވެ.
ކޮރިޑޯގައި މަޑުކޮށްލައިގެން ހުރި އަންހެން މީހާ ދަރަކްއަށް ފެނުނެވެ. ހައިރާންކަން ދަރަކްގެ މޫނުން ފާޅުވެލިއެވެ. ނޫރީ އޭނާ ހޯދަން އެ އޮފީހަށް އައިސް ހުރީމައެވެ.
"ނޫރީ މިތާ ކީއްކުރަނީ؟. ކަމަކުތަ؟." ދަރަކް އަހާލިއެވެ.
(ނުނިމޭ)