ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސާއި ނައިބްރައީސް ގައުމުން ބޭރުގައި

Mar 28, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް އީވާ އަބްދުﷲ އެއްވަގުތެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުން އަވަސްއަށް އެނގިފައިވާ ގޮތުގައި އަމިއްލަ ދަތުރުފުޅެއްގައި ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އީވާ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑްގަ އެވެ.

މަޖިލީހުގެ ޖަލްސާތަކުގައި މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބް ރައީސް އެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުންނަމަ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން މެންބަރަކަށެވެ. އެއިން މެންބަރަކަށްވެސް ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް ކަމަށްވެސް މިމާއްދާގައި ބުނެފައިވެ އެވެ.

މާދަމާ ބާއްވާ ޖަލްސާއަށް ފަހު މަޖިލީހުގެ ރައީސް ނޫނީ ނައިބް ރައީސް ފިޔަވާ އިތުރު ބޭފުޅަކަށް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ދެން ބެލެހެއްޓޭނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށްފަހު އެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނެތް ހާލަތެއްގައި ދެން ރިޔާސަތާ ހަވާލުވާ މެންބަރު ރިޔާސަތާ ހަވާލުވަނީ ޖަލްސާއެއްް ފެށޭއިރު ކަމުގައިވާނަމަ، އެ ޖަލްސާއެއް ފެށުމުގެ ވަގުތު ޖެހުމާ އެކު، ސަބަބު ބަޔާންކޮށް، މަޖިލީހުގެ އަމީންއާންމު އެކަން ޖަލްސާއަށް އިއުލާންކުރަން ވާނެ ކަމަށެވެ. މަޖިލީހުގެ އިއްޔެއާއި މިއަދުގެ ޖަލްސާ ފެށީ ގަވައިދުގައިވާ ގޮތަށް އަމީންއާންމު އިއުލާންކުރައްވަންޖެހޭ ސަބަބު އިއުލާންކުރުމަށްފަހު އެވެ.

މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މިވަގުތު ރާއްޖޭގައި ނެތުމުން މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން މިރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަވަސްއާ ވާހަކަދެއްކެވި ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް އެއްވަގުތެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ގަބޫލުކުރެވޭނެ ހަމައެއް ނޫން ކަމަށެވެ.