ދީން

އާޚިރަތް ދުވަހަށް އީމާންވުން

Mar 16, 2024

ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ ދަންފަޅި ހަމަކުރުމަށްފަހު މި ދުނިޔެއާ އަލްވަދާއު ކިޔާނޭ މީހެކެވެ. އިންސާނުން ޚަލްގުކުރައްވައި މި ދުނިޔެއަށް ފޮނުއްވުނީ އެއްވެސް ބޭނުމަކާނުލައި ބޭކާރު ގޮތުގައި ކަމަށް ދުށުމީ، ހަމަބުއްދި ހުރި މީހެއްގެ ޟަމީރު ގަބޫލު ކުރާނޭ ކަމެއް ނޫނެވެ.

މުސްލިމުންގެ އަގީދާއަކީ، އާޚިރަތް ދުވަހަކީ ހަމަ ޔަގީނުންވެސް އަންނާނޭ ދުވަހެއް ކަމުގައި ގަބޫލުކުރުމެވެ. ދުނިޔެވީ ހަޔާތުގެ ބޭނުމަކީ ހަމައެކަނި މި ދުނިޔޭގެ އުފަލާއި އަރާމު ހާސިލްކުރުން ކަމުގައި ދެކިގެން ތިބެ މަސައްކަތްކުރުމީ، ތިމާ މި ދުނިޔެއަށް އައި މަގުސަދު އޮޅުވާލުން ކަމުގައި ނޫނީ ނުވާނެ އެވެ.

ދުނިޔެމަތީގައި ތިމާ ކޮށްފައިވާ ކަންތައްތަކަށް ޖަވާބު ދާރީވާންޖެހޭ ދުވަހެއް އަންނާނޭކަން ގަބޫލު ކުރަންޖެހެ އެވެ. އެ ދުވަހީ ހަމަޔަގީނުން ވެސް އާޚިރަތް ދުވަހެވެ. ޚަލްގުތަކުންގެ ވެރި اللهގެ ޙަޟްރަތަށް އެންމެހައި އަމަލުތައް ރުޖޫއަ ކުރެވޭނޭ ދުވަހެވެ. ދުނިޔެމަތީގައި އެބައިމީހުން ކޮށްފައިވާ ކަންތައްތަކުގެ ހިސާބު ބެލެވި އަދުލުވެރި ޖަޒާ ދެވޭނޭ ދުވަހެވެ. މިކަމަށްޓަކައި އެންމެހައި ޚަލްގުތަކުން މަޙުޝަރު މައިދާނަށް އެއްކުރެވޭނޭ ދުވަހެވެ. އެންމެހައި ސިއްރުތައް ފާޅުކުރެވޭނޭ ދުވަހެވެ. އެ ދުވަހު، اللهގެ އިޛްނަފުޅާ ލައިގެން މެނުވީ ހަމަ އެކަކަށް ވެސް ބަސް ބުނުމުގެ އިޚްތިޔާރެއް ނޯންނާނެ އެވެ. އެ ދުވަހުގައި އެއްވެސް މީހަކު ދެވަނަ މީހަކަށް ބަލައެއް ނުލާނެ އެވެ.

އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އާޚިރަތް ދުވަހަށާއި އެ ދުވަހު ވާނޭ ކަމަށް الله އަންގަވާފައިވާ އެންމެހައި ކަންތައްތަކަށް އީމާން ނުވާ މީހަކު މުސްލިމަކު ކަމުގައި ނުބެލެވޭނެ އެވެ. ކަމުގެ މުހިއްމުކަމަށްޓަކައި، ކީރިތި ގުރުއާނާއި ރަސޫލު الله صَلَّى اللهُ عَلَيْهِ وَسَلَّمގެ ޙަދީޘްފުޅުތަކުގައި اللهއަށް އީމާންވުމާ ވިދިގެން އާޚިރަތް ދުވަހަށް އީމާންވުމުގެ ވާހަކަ ވަރަށް ގިނައިން އައިސްފައިވެ އެވެ.

އާޚިރަތް ދުވަހަށް އީމާންވުމަކީ ބުއްދީގެ ހަމަތަކުން ބެލިކަމުގައި ވިޔަސް ގަބޫލުކުރަން ޖެހޭ ކަމެކެވެ. އެ ދުވަހަށް އީމާންނުވާ ގިނަ މީހުން ދެކޭ ގޮތުގައި، މީހާ މަރުވުމަށްފަހު އޭނާގެ ކަށިތައް ފީވެ، ވެއްޔަށްވެ ދިއުމަށްފަހު، އަލުން އެ ކަށިތަކަށް ދިރުމެއް އަތުވެދާނެކަމީ މުސްތހީލު ކަމެކެވެ. އެހެނަސް، ނެތުމުގެ ތެރެއިން ފުރަތަމަ ފަހަރަށް އިންސާނާ ޚަލްގުކުރެވުނު ގޮތާ މެދު ވިސްނާލައިފިނަމަ، ފަނާވެ ދިއުމަށްފަހު އަލުން ދިރުވުމަކީ ވެދާނޭކަ ކަމެއް ކަމުގައި ގަބޫލުކުރަންޖެހެ އެވެ.

ކޮންމެ މީހަކީވެސް ކޮންމެވެސް އެއް ދުވަހަކުން މަރާ ކުރިމަތިލާނޭ މީހެއްކަން ގަބޫލުކުރެވޭއިރު، މަރުވުމަށްފަހު އެހެން ހަޔާތެއް އޮތްކަން ދެނެގަނެ، ވަގުތު ފާއިތުވެ ނުދަނީސް ތިމާގެ އުޚުރަވީ ހަޔާތް ބާއްޖަވެރިކުރަން މަސައްކަތްތަކެއް ކުރަން އަވަސްވެ ގަންނަމާ ހިނގާށެވެ! އުމަރުގެފާނުގެ ބަސްފުޅެއްގައިވެ އެވެ.

"ތިޔަބައިމީހުންގެ ހިސާބުތައް ބެލެވޭ ދުވަސް އައުމުގެ ކުރިން އަމިއްލައަށް ތިމާމެންގެ ހިސާބުތައް ބަލާށެވެ! އަދި ތިޔަބައިމީހުންގެ އަމަލުތައް ވަޒަން ކުރެވުމުގެ ކުރިން ތިމާމެން އަމިއްލައަށް ތިމާމެންގެ އަމަލުތައް ވަޒަން ކުރާށެވެ! އެހެނީ، ދުނިޔެއަކީ އަމަލު ކުރުމުގެ މައިދާނެވެ. ހިސާބު ބެއްލެވުމެއް ދުނިޔެމަތީގައި ނުވެ އެވެ. ނަމަވެސް މާދަމާ ގިަޔާމަތް ދުވަހުން އޮންނާނީ ހިސާބު ބެއްލެވުމެވެ. އެ ދުވަހަކު އަމަލު ކުރުމެއް ނޯންނާނެ އެވެ."