ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަކީލުން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު އެވެ.
ހައި ކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީނުގެ ވަކީލު ވިދާޅުވީ އާރަށު މައްސަލައިގެ ހުކުމުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނަގަން އަމުރުކޮށްފައިނުވާ ކަމަށެވެ. މައްސަލަ ނިމުނުފަހުން އެ ގަޒިއްޔާގެ ދަށުން އަމުރެއް ނެރުން ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފު ކަމަށް ވިދާޅުވި އެވެ.
ދައުލަތަށް މުދަލާ ފައިސާ ނަގާނަމަ ކުށް ސާބިތުވުމުން ކުރާ ހުކުމްގައި އެކަން ހިމެނުމަށް ޔާމީންގެ ވަކީލު އެދިވަޑައިގެންނެވި އެވެ.
ހައި ކޯޓުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މައުލޫއީ މައްސަލައިގެ ފަހުން މިފަދަ އަމުރެއް ނެރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މަނީ ލޯންޑާ ކުރުމަށް ޔާމީން އަމަލުކުރި ކަމަށް ދައުލަތުން ބުނަނީ، އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު އެޗްއެސްބީސީ އަށް ޖަމާކޮށް އިތުރު ފައިސާތަކަކާއިއެކު ބީއެމްއެލްއަށް ޖަމާކުރުމަށްފަހު އަނެއްކާވެސް ފައިސާ އިތުރުކުރުމަށްފަހު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްގެން ކަމަށެވެ.
އިސްލާމިކް ބޭންކަށް ޖަމާކުރި 1،295،000 ޑޮލަރާއެކު ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް އިތުރު ފައިސާއާއި އެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާއާއި އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށެވެ.