މީހުން

އަމީރު ތަމީމު: ދުނިޔޭގައި ގަތަރުގެ ނުފޫޒު ވަރުގަދަކުރި

ޝައިޚް ތަމީމް ބިން ހަމަދް އަލް ތާނީއަށް ގަތަރުގެ އަމީރުކަން ލިބިވަޑައިގަތީ އުމުރުފުޅުން އެންމެ 33 އަހަރުގައި 2013 ވަނަ އަހަރު އެމަނިކުފާނުގެ ބައްޕާފުޅު އަމީރު ހަމަދް ބިން ހަލީފާ ވެރިކަން ދޫކޮށްލައްވައި އެމަނިކުފާނާ ވެރިކަން ހިންގެވުމުގެ ހުރިހާ ބާރެއް ހަވާލުކުރެއްވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޖޫން ތިންވަނަ ދުވަހު 42 އަހަރު ފުރިފައިވާ ޝައިޚް ތަމީމް އަކީ އަމީރު ހަމަދްގެ ހަތަރުވަނަ ފިރިހެން ދަރިކަލުންނެވެ.

އެމަނިކުފާނު ވަލިއްޔުލް އަހުދު ކަމަށް ކަނޑައެޅުއްވީ 2003 ވަނަ އަހަރު އެމަނިކުފާނުގެ ބޭބޭފުޅު ޝައިޚް ޖާސިމް ވަލިއްޔުލް އަހުދުކަން ބޭނުންފުޅުވެވަޑައި ނުގެން ދޫކޮށްލެވުމުންނެވެ.

ގަތަރުގެ ވެރިކަން ކުރަމުންދާ ޝާހީ އާއިލާ ތަމީމް ދަރިކޮޅު މީހުންނަކީ 19 ވަނަ ގަރުނުގައި ދޯހާ އަށް ހިޖުރަކުރި ބައެކެވެ.

ތަމީމް މި ދަރިކޮޅަކީ ގަދީމީ އަރަބިންގެ އެންމެ ބޮޑު އެއް ދަރިކޮޅެވެ. އަދި މިދަރިކޮޅަކީ އަރަބިކަރައިގެ އަދްނާންގެ ދަރިކޮޅުން މުޟަރު ވަންހައިގެ ދަރިފަސްކޮޅުން އައިސްފައިވާ ބައެކެވެ. އަދްނާން އަކީ އިސްމާއީލް އަލައިހިއްސަލާމްގެ ދަރިފަސްކޮޅުން އައިސްފައިވާ ބޭފުޅެކެވެ. އެދަރިކޮޅަކީ ކީރިތި ރަސޫލާ މުހައްމަދު ސއވ ނިސްބަތްވާ ދަރިކޮޅުވެސްމެ އެވެ.

ގަތަރުގައި މިދިޔަ ޑިސެމްބަރުގައި ބޭއްވުނު ވޯލްޑް ކަޕް ދުވަސްވަރު ތަމީމް ވަންހައިގެ މި އާއިލާއިން އިސްލާމް ދީނާއި ހިލާފް ކަންކަން މަނާކުރި ގޮތުން ގޮތް އެއީ އިސްލާމީ އެހެން ގައުމުތަކަށް މިސާލެކެވެ. އަމީރު ޝައިޚް ތަމީމް ވަނީ އެލްޖީބީޓީ އާއި ފާޅުގައި މުޅި ހުޅަނގާއި ދެކޮޅަށް ދެކޮޅުހަދައި ގަތަރުގެ ފަސްގަނޑުގައި އެ މުޑުދާރު ހަރަކާތްތަކަށް ޖާގަ ނުދީފަ އެވެ. މީގެ އިތުރުން އިސްލާމް ދީނާ ހިލާފް އެއްވެސް ކަމަކަށް އެދުވަސްތަކުގައި ބޭރުން އައިސްތިބި މީހުންނަށް ޖާގަ ނުދީފަ އެވެ. އޭގެ ނަތީޖާއަކީ ގަތަރަށް އެދުވަސްވަރު އައި ބޭރު މީހުންގެ ފަރާތުން ގަތަރުގެ އަމާންކަމާއި ކުރިއެރުމާއި ހަމަޖެހުމާއި އުފާވެރިކަމުގެ ވާހަކަ މުޅި ދުނިޔެއަށް އިވިގެން ދިއުމެވެ.

ޝައިޚް ތަމީމް ކިޔަވާ ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުންނެވެ. ވަކީން ހާއްސަކޮށް މިލިޓަރީ ތަމްރީން ސޭންޑްހާސްޓް ރޯޔަލް މިލިޓްރީ އެކަޑަމީ އިން ހާސިލްކުރައްވާފައިވެ އެވެ. ކިޔަވާ ވިދާޅުވުމަށްފަހު ގަތަރުގެ އަސްކަރިއްޔާގެ ކޮމާންޑަރުކަމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާފައިވެ އެވެ.

ގަލްފްގެ އެހެން ގައުމުތަކާއި ހިލާފަށް ގަތަރުން އިސްލާމީ އެހެން ގައުމުތަކާ މެދު އޮންނަ ގުޅުމާ ހާއްސަކޮށް އިރާނާއި ތުރުކީ އަދި އަފްއާނިސްތާން އާއި ޔަމަން ފަދަ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން 2017 ގައި ޑިޕްލޮމެޓިކް ގަޑުބަޑެއް ގަލްފް ކޯޕަރޭޝަން ކައުންސިލް ގައުމުތަކާއި ދެމެދު ހިނގާފައިވެ އެވެ. އެމައްސަލަތައް ހައްލުވެފައިވަނީ ގާތްގަނޑަކަށް ތިން އަހަރު ފަހުން މިދިޔަ 2021 ގައެވެ. އެ މައްސަލައިގެ ތެރޭގައި ދިވެހިރާއްޖެއިންވެސް އެއިރު ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް މިއަދު އެ ގުޅުންވަނީ އަލުން އިއާދަކޮށްފަ އެވެ.

ޝައިޚް ތަމީމް ވަނީ ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ގަތަރުގެ ނަން އުހަށް ޖައްސަވައި މަގުބޫލ\ުކުރައްވާފަ އެވެ. އެމަނިކުފާނަކީ ކުޅިވަރުގެ މައިދާނުގައި ގަތަރުގެ ނަން ގުގުމާލުމަށް ބޮޑެތި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ކުޅިވަރުގެ މައިދާނުގައި ބޮޑެތި އިންވެސްޓްމަންޓް ކުރައްވައި ކުޅިވަރުގެ ބޮޑެތި ކުލަބްތައް ކަމުގައިވާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން ފަދަ ކްލަބްތައް ބައްލަވައިގެންފައިވެ އެވެ.

ޝައިޚް ތަމީމް ވަނީ އެމަނިކުފާނުގެ ބައްޕާފުޅު ހަމަދް ބިން ހަލީފާ ފެއްޓެވި މަސައްކަތް އިތުރަށް ވަރުގަދަކުރައްވައި އިސްލާމީ ދުނިޔޭގެ ނަން ދުނިޔޭގެ ގައުމުތަކުގެ ސަފުގެ މެދުގައި ވަރުގަދަކުރައްވައި ސަރަހައްދުގައި ސުލްހައިގެ ރޯލް އަދާކުރައްވައި ގަލްފް ސަރަހައްދުގައި ގަތަރުގެ ދައުރު ފުޅާކޮށް ގައުމު ކުރިއަރުވައި ބާރުގަދަކުރައްވާފަ އެވެ.