ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރު: ވާރިސުން ސާބިތުކޮށްފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ޅ. ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތުވެފައިވާތީ މިއަދު ވާރިސުން ސާބިތުކޮށްފި އެވެ.

ބޮޑެތި ޒަހަމްތަކަކާއެކު ގާސިމް މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެއިން ޑިސެމްބަރު 4، 2019ގަ އެވެ. ގާސިމް މަރާލީ އޭނާ ދުއްވަން އިން ޓެކްސީގައި އަދުހަމް ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވެފައިވާކަމަށް ކަނޑައަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އަދުހަމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވުމާއިއެކު މިއަދު ވަނީ ގާސިމްގެ ވާރިސުން ސާބިތު ކުރުމަށް ހެކިންގެ ހެކިބަސް ނަގާފަ އެވެ.

ކޯޓުގައި ހެކިބަސް ދެމުން ހެކިން ބުނެފައިވަނީ ގާސިމް މަރުވިއިރު ދުނިޔޭގައި އޭނާގެ ފަސް ދަރިން ތިބި ކަމަށާއި އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔޭގައި ނެތް ކަމަށެވެ.

ވާރިސުން ސާބިތު ކުރުމުގެ މަރުހަލާއަށްފަހު ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. މި މައްސަލައިގައި ނިޔާ ކަނޑައަޅާނީ ވާރިސުން އެދޭ ގޮތަށެވެ. މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ވީ އެންމެ އަވަހަށް ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވާކަމަށް ގާޒީ އަލީ ނަދީމް ކުރިން އިއްވި ހުކުމުގައި ބުނެފައި ވަނީ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި އަދުހަމް އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް ގާސިމް މަރުވީ އަދުހަމް ގެންގުޅުނު ވަޅިޔަކުން ހަމަލާ ދިނުމުންކަން އެނގޭ ކަމަށެވެ.

ގާސިމް ދުއްވަމުން ދިޔަ ޓެކްސީގެ ފަހަތު ޝީޓުގައި އަދުހަމް އިނދެ ގާސިމުގެ ކަރާ ދިމާލަށް ވަޅި ދިއްކުރިކަން އެނގޭ ކަމަށާއި ކަރަކީ ވަޅިއަކުން ހަމަލާއެއް ދީފިނަމަ މަރުވާނެ ގުނަވަނެއް ކަން ހުކުމްކޮށްގައި ފާހަގަކޮށްފައިވެ އެވެ.

ގާސިމް މަރާލީ ގަސްދުގައި ނޫން ކަމަށް ބުނާތީ ގާޒީ ވަނީ އެ މަރުގައި ގަސްދު އޮތް ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ގާސިމުގެ ކަރުގައި ވަޅި އެޅުމުން އޭނާ އެހީއަށް އެދި ގޮވުމުންވެސް އަޅާނުލައި ކާރުން ފައިބައިގެން އަދުހަމް ފިލުމާއި އަދި އަދުހަމް ގެންގުޅުނު ވަޅިއާއި އެވަގުތު ލައިގެން ހުރި އަންނައުނު ފޮރުވުމަކީ ގަސްދު މަރެއް ފޮރުވުން ކަމަށާއި އެއީ ގަސްދުގައި ކުރި ކަމެއްކަން ގާޒީ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ކުށް ކުރެވުނީ މަސްތުގެ ހާލުގައި ހުރެގެން ކަމަށް އަދުހަމް ތަކުރާރުކޮށް ބުނެފައިވާތީ ހުކުމްގައި ބުނެފައިވަނީ އެއީ އަދުހަމު ކުރި ކުށުގެ ނިޔަތަށް އަސަރު ކުރާނެ ސަބަބެއް ނޫން ކަމަށެވެ.