ހަބަރު

ގާސިމަށް ހަމަލާދެވުނީ މަސްތުވެ ހުރެ، މާފުކޮށްދީ: އަދުހަމް

ޓެކްސީ ޑްރައިވަރު ގާސިމް އިބްރާހިމަށް ވަޅިން ހަމަލާ ދެވުނު ކަމަށާއި އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށް ބުނެ ވާރިސުންގެ ކިބައިން އަދުހަމް މުހައްމަދު މާފަށް އެދިއްޖެ އެވެ.

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދުހަމްގެ މައްޗަށް މިއަދު ދައުލަތުން ދައުވާ އިއްވި އެވެ.

އަދުހަމް ވަނީ ތަހުގީގު މަރުހަލާގައި ވެސް ދައުވާއަށް އިއުތިރާފުވެފަ އެވެ. މިއަދު ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވުމުން ވެސް އަދުހަމް ބުނީ ދައުވާ ވަރަށް ސާފު ކަމަށާއި ދައުވާއަށް އިއުތިރާފު ވެސް ވާ ކަމަށެވެ. އެކަމަކީ އޭނާއަށް ކުރެވުނު ކަމެއް ކަމަށާއި މިހާރު އެކަމާ ހިތާމަ ކުރާ ކަމަށެވެ.

"އެއީ އަޅުގަނޑަށް ކުރެވުނު ކަމެއް، އޭރު ހުރީ މަސްތުގެ ހާލަތުގައި، ފަހުން ކުރެވުނު ކަމާ ދެރަވި، ތައުބާވެ ނަމާދު ވެސް ކުރިން، އަޅުގަނޑު މިއަދު މާފަށް އެދެން، އާއިލާއިން އަޅުގަނޑަށް މާފުކޮށް ދިނުމަށް އެދެން،" އަދުހަމް ބުންޏެވެ.

އަދުހަމް ވާހަކަ ދައްކަމުން ދިޔައީ ލޮލުން އަންނަ ކަރުނަތައް އިރުއިރުކޮޅާ ގަމީހުން ފޮހެލަމުންނެވެ. ބިޑި އަޅުވާފައި ޝަރީއަތުގައި މަޖިލީހުގައި ބައިންދާފައި އިން އަދުހަމް ގިނަ ވަގުތު އިނީ އިސް ޖަހައިގެންނެވެ. އަދުހަމް، ގާސިމްގެ އާއިލާ ކިބައިން މާފަށް އެދުނު ގާސިމްގެ ގިނަ ވާރިސުން ޝަރީއަތުގެ މަޖިލިސް އަޑުއަހަން ވަދެ ތިއްބެވެ.

އަދުހަމް އިއުތިރާފުވެ، ދައުލަތާއެކު ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. މިއީ މަރުގެ މައްސަލައެއް ކަމުން އެ އެއްބަސްވުމަށް އަމަލު ކުރެވޭނީ ގާސިމްގެ ވާރިސުން އަދުހަމަށް މާފުދީފިނަމަ އެވެ. އަދުހަމްގެ ކިބައިން ގިސޯސް ނުހިފައި މަރުގެ ދިޔައަށް ވާރިސުން އެދިއްޖެނަމަ، އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާއަށް އަންނާނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަމަށް ޝަރީއަތުގައި ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި އެވެ.

ކުށަށް އިއުތިރާފުވެއްޖަނަމަ، އެ މައްސަލައެއް ގެންދަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. ހެކި ހުށަހެޅުމާ އެއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާއެއް ނޯންނާނެ އެވެ. ނަމަވެސް ދައުލަތުގެ އެދުމުގެ މަތިން އަދުހަމްއާ ދެކޮޅަށް ހުރި ހެކިތައް މިއަދު ދައުލަތުގެ ވަކީލް ވަނީ ހާމަ ކުރައްވާފަ އެވެ.

އެގޮތުން ގާސިމް މަރާލި ދުވަހު، އަދުހަމް ހުޅުމާލެ ދިޔަ ޕިކަޕްގެ ޑްރައިވަރާއި އަދުހަމް އެރި އެހެން ޓެކްސީއެއްގެ ޑްރަވައިރާއި އަދުހަމްގެ ރައްޓެއްސެކާއި އަދުހަމްއަށް ލާނެ ގަމީހެއް ދިން މީހަކާއި އަދުހަމް، ވަޅިއެއް ނެގި ކެފޭއެއްގައި އުޅޭ ތިން މީހަކު ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ނަމަވެސް އިއުތިރާފުވެފައިވާތީ އެމީހުންގެ ހެކި ބަހެއް ނުނަގާނެ އެވެ.

ކިތާބީގެ ހެކީގެ ގޮތުގައި ވެސް ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އަދުހަމް ދީފައިވާ ތަހުގީގު ބަޔާން ފާހަގަކޮށްލެވެ އެވެ. އެ ބަޔާނުގައި އެ ދުވަހުގެ ހާދިސާ ހިނގައިދިޔަ ގޮތް އަދުހަމް ވަރަށް ތަފްސީލްކޮށް ކިޔައިދީފައިވެ އެވެ. އެ ބަޔާންގެ ހުލާސާއެއް ދައުލަތުގެ ވަކީލް ޝަރީއަތަށް އިއްވި އެވެ.

ބަޔާނުގައި އަދުހަމް ކިޔައިދީފައިވާ ގޮތުގައި ޖަލުގައި ހުކުމެއް ތަންފީޒުކޮށް ނިންމުމަށްފަހުނ އަދުހަމް އުޅެމުން ދިޔައީ މާލޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެ ކޮޓަރީގެ ކުލި އޭނާ ދައްކަނީ ރައްޓެހިން އަތުން ފައިސާ ހޯދައިގެންނާއި ވައްކަމާއި ފޭރުމުގެ ތެރެއިން ހޯދާ ފައިސާއިންނެވެ. އެގޮތުން ގާސިމް މަރާލި ދުވަހަކީ ކުލި ދައްކަން ޖެހޭ ދުވަހެއް ކަމާއި ކުލި ނުދައްކައިފިނަމަ އެ ގެއިން ނެރެލާނެ ކަމަށް އެ ދުވަހު ބުނެފައި އޮތް ކަމަށެވެ.

އެހެންވެ އަދުހަމް އެ ދުވަހު ހުޅުމާލެއަށް ދިޔައީ ފޭރިގެން ފައިސާތަކެއް ހޯދުމަށެވެ. ހުޅުމާލޭގައި އެކި ގޮތްގޮތުން ފޭރެން އެ ދުވަހު ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެހެންވެ ކެފޭއަކުން ވަޅިއެއް އޭނާ ހޯދި އެވެ. އަދި އެއާޕޯޓަށް ދާން ޓެކްސީއަކަށް އެރި އެވެ. އެ ޓެކްސީ ޑްރަވައިރަށް ވަޅިން ބިރު ދެއްކޭ ގޮތެއް ނުވި އެވެ. އެއާޕޯޓްގައި ވެސް އެކަން ކުރެވޭ ގޮތެއް ނުވި އެވެ. ދެން ނިންމީ އަނެއްކާވެސް ހުޅުމާލެ ދިޔުމަށެވެ. އެއާޕޯޓް ޓެކްސީ ކިޔުއަށް އަދުހަމް ގޮސް ތަންކޮޅެއް ދުވަސްވީ ޓެކްސީ ޑްރަވައިރެއް އިން ކާރެއް ހޯދި އެވެ. އެއީ ގާސިމްގެ ޓެކްސީ އެވެ.

ގާސިމްގެ ޓެކްސީއަށް އަރައި ހުޅުމާލޭގެ ޑްރަގް ރީހެބްއަށް ގެންގޮސްދިނުމަށް ބުންޏެވެ. އެ ތަނެއް ގާސިމަކަށް ނޭނގެ އެވެ. އެހެންވެ ގާސިމް ދުއްވަމުން ދިޔައީ އަދުހަމް ބުނި މަގުތަކުންނެވެ. ތަންކޮޅެއް އަނދިރި މީހުން ނެތް ހިސާބަކަށް ދެވުމާއެކު އަދުހަމް ވަޅި ނެގި އެވެ. އަދި ހަޅޭނުލަވައި ފައިސާތައް ދިނުމަށް އަދުހަމް ބުންޏެވެ. އެކަމާ ގާސިމް ދެކޮޅު ހަދައި ވަޅީގައި ހިފެހެއްޓި އެވެ. އޭނާގެ އަތް ޒަހަމްވީ އެ ވަގުތު އެވެ. ދެން ވެސް ހަޅޭނުލެވުމަށް އަދުހަމް އެންގުމުން ގާސިމް ގެންދިޔައީ އެހީއަށް ގޮވަމުންނެވެ.

ދެން އަދުހަމްގެ ހަމަލާ އަމާޒުވީ ގާސިމްގެ ކަރުގެ ވާތް ފަރާތަށެވެ. ގާސިމްގެ ކަރަށް ވަޅި ހަރާލުމާއެކު އޭނާ ވަޅި ދަމައިގަތެވެ. އެ ވަގުތު ގާސިމްގެ މުޅި ގަޔަށް ލޭތައް އޮހޮރިގެން ދިޔަ އެވެ. އަދި އަދުހަމްގެ ގަޔަށް ވެސް ލޭ ބުރައިގެން ދިޔަ އެވެ. އަދުހަމް ވަގުތުން ޓެކްސީއިން ފައިބާ ދުއްވައިގަތެވެ. އަދި ވަޅި އެ ތަނާހުރި ވަޅުގަނޑަކަށް އެއްލާލި އެވެ. އޭރު ކަރުގައި އަތް އަޅައިގެން ގާސިމް އެހީއަށް އެދި މަގުމަތީ ދުވަނީ އެވެ.

އަދުހަމް ލައިގެން ހުރި ނޫކުލައިގެ ގަމީސް ބާލައި ސައިކަލެއް މަތީ ބޭއްވި އެވެ. އަދި އޭނާގެ ރައްޓެއްސެއްގެ ފްލެޓަށް ގޮސް ގަމީހެއް ލައިގެން އައިސް ނޫކުލައިގެ ގަމީސް ކުނި ބަސްތާއެއްގެ ތެރެއަށްލާ ފޮރުވި އެވެ. މި ވާހަކަތައް ވަކީލް ކިޔައިދެމުން ދިޔައި ޝަރީއަތުގައި ތިބި ގާސިމްގެ އާއިލާގެ މީހުންނަށް ފުން އަސަރުތަކެއް ކުރަމުން ދިޔަ އެވެ. އަދުހަމް އިނީ އިސް ޖަހައިގެންނެވެ.

އެ ވާހަކަތައް ވަކީލް ކިޔައިދިނުމުން އެއިން އެއްވެސް ކަމަކާ ދެކޮޅު ހަދަންތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު، އަދުހަމް ސުވާލު ކުރެއްވި އެވެ. އަދުހަމް ބުނީ އެއީ މުޅިން ވެސް ހަގީގަތް ކަމާއި ކަން ހިނގައިދިޔަ ގޮތް ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ރިޕޯޓްތަކެއް ވެސް ގަބޫލު ކުރާ ކަމާއި ސުވާލެއް ނުއުފައްދާ ކަމަށް ވެސް ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ފަސް ދުވަސް ފަހުން އަވަސް ނިޔާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި އަދުހަމްއަށް ހުކުމް އިއްވައި ވާރިސުންގެ ބަސް ހޯދާނެ އެވެ. އަދި އެއަށްފަހު އޭނާގެ މައްޗަށް އަދަބު ވެސް ކަނޑައަޅާނެ އެވެ.