( 28 މާރިޗު 2023 އާ ގުޅޭ )
"ކާކު؟. އެޕޮއިންމެންޓެއް އޮތީތަ މިއަދު." ދަރަކް އަހާލިއެވެ. ސަމައިރާ ނޫނެކޭ ބުނެ އައިސް ހުރީ ކާކުކަމެއް އޭނާއަށް ވެސް ނޭނގެއޭ ބުނެ ދެކޮނޑު އަރުވާލީއެވެ.
ކޮރިޑޯގައި މަޑުކޮށްލައިގެން ހުރި އަންހެން މީހާ ދަރަކްއަށް ފެނުނެވެ. ހައިރާންކަން ދަރަކްގެ މޫނުން ފާޅުވެލިއެވެ. ނޫރީ އޭނާ ހޯދަން އެ އޮފީހަށް އައިސް ހުރީމައެވެ.
"ނޫރީ މިތާ ކީއްކުރަނީ؟. ކަމަކުތަ؟." ދަރަކް އަހާލިއެވެ.
"ކިރަންގެ މެސެޖުތަކަށް ދަރަކް ޖަވާބެއް ނުދޭނެހެން ހީވާތީ މިއައީ." ނޫރީ ބުންޏެވެ.
"ރިޕްލައި ނުކުރާކަށްނޫން. މިއަދު ތަންކޮޅެއް ބިޒީކޮށް އަދި މިދަނީ." ދަރަކް ބުންޏެވެ.
"ކިރަން ދައްކަން އުޅޭ ވާހަކަ ދަރަކް އަޑުއަހާލުން ރަނގަޅު. އަހަރެމެން ބޭނުމެއްނޫން ލައިލީއާއި ދަރަކް ވަކިވާކަށް. ފަހަރެއްގައި ކިރަންގެ ވާހަކައިން ދެން ކުރިޔަށް ދާންވީ މަގު ދަރަކްއަށް ސާފު ވެސް ވެދާނެ. ދަރަކް އެކަނި ކިރަންއާ ބައްދަލުކުރާކަށް ނުޖެހޭނެ. އަހަރެން ވެސް ދާނަން. އެހެންވީމަ މި ބުރާސްފަތި ދުވަސް ކިހިނެއްވާނީ. އޮފީސް ނިންމާފައި ވިޔަސް އޯކޭ." ނޫރީ ބުންޏެވެ. އޭނާ ކިތަންމެ ރީތިކޮށް ވާހަކަދެއްކި ނަމަވެސް ދަރަކް ޖެހިލުންވާގޮތް ވިއެވެ. ނޫރީއަށް ނޫނެކޭ ބުނާކަށް ނުކެރޭނެއެވެ. އެހެންވެ އެންމެ ރަނގަޅުކަމަށް ދަރަކް ބުންޏެވެ.
"ފަހެއް ޖަހާއިރު ރަނގަޅުވާނެ." ދަރަކް ބުންޏެވެ.
"އޯކޭ. ބޭރުން އަހަރެމެން ދިމާވާން ހަދާނީ. އަހަރެން ފޮނުވާނަން އަންނަންވީ ތަން." ނޫރީ ބުންޏެވެ. ދަރަކް ހަމައެކަނި ބޯޖަހާލީއެވެ. ނޫރީ އައިކަންތަވުމުން އޭނާ އިތުރަށް އެންމެ ސުކުންތެއް ވެސް މަޑެއް ނުކުރެއެވެ. އެނބުރި އައިކޮޅަށް އޭނާ ހިނގައިގަތީ ދަނީކަމުގައި ބުނަމުންނެވެ.
ވިސްނަންވީ ކިހިނެއްކަމެއް ނޭނގި އިރުކޮޅަކު ދަރަކްއަށް ހުރެވުނެވެ. އެހެން ހުއްޓާ އަފްރާހު ގޮވާލި އަޑު އިވުނެވެ. ނޫރީ ދިޔައީތޯ އޭނާ އަހާލިއެވެ. ދަރަކް އެނބުރި އޮފީސް ތެރެއަށް ވަންނަން އައެވެ. އަދި އަފްރާހުގެ ސުވާލަށް އާނއެކޭ ބުނެލިއެވެ.
"ނަސީބެއްނު. އަހަރެން ނުކުންނަން އައި ވަގުތު ނޫރީ ފެނިގެން އަވަހަށް އެތެރެއަށް ވަނީ." އަފްރާހު ވާހަކަދެއްކިއެވެ. ނަމަވެސް އޭނާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ދަރަކް ނުދެއެވެ. ކިރަން ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އެ ޚިޔާލުގައި ހުރެ މަޑު ހިނގުމުގައި ދަރަކް ވަދެގެން އައިސް އޭނާގެ މޭޒު ދޮށުގައި އިށީނދެއްޖެއެވެ.
ބުރާސްފަތި ދުވަހު އޮފީހުން ނުކުމެގެން ދަރަކްއައީ ނޫރީ ބުނި ރެސްޓޯރެންޓަށެވެ. ފަހެއް ޖަހާއިރަށް އަންނަން އެއްބަސްވިޔަސް އޭނާއަށް އާދެވުނުއިރު ފަސްގަޑި ފަނަރަ ހިނގައިފިއެވެ. ކިރަންއާއި ނޫރީ ތިބި މޭޒުގެ ދޮށުގައި އެމީހުންނާ ކުރިމަތިވާނޭހެން ދަރަކް އިށީނެވެ. އެއްޗެއް ގެންނަންތޯ ނޫރީ އަހާލުމުން ދަރަކް ބޯހޫރާލީއެވެ.
"ޖުނޭއާއި ސިޔާގެ ފަރާތުން އަހަރެން ދަރަކްގެ ކައިރިން މަޢާފަށް އެދެން." ދަރަކްއަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ކިރަން ބުންޏެވެ.
"އެއީ ކިރަން މަޢާފަށް އެދޭންޖެހޭކަމެއްނޫން." ދަރަކް މަޑުމަޑުން ބުނެލިއެވެ.
"އަހަންނަށް ޖޫނޭގެ ފޯނުން ފޮޓޯތައް މާކުރީން ފެނިއްޖެ. އެކަމަކު އެއްވެސް މީހެއްކައިރީ އެ ވާހަކަ ނުބުނެވުނީ." ކިރަން ބުންޏެވެ.
"އެހެން އެވީ ކިރަންއަށް ޚާއްޞަ މުހިންމު މީހަކަށް ޖުނޭވީމަ." ދަރަކް ބުންޏެވެ. އޭނާގެ ވާހަކަތަކުގައި މާބޮޑު އަސަރެއްނެތްކަން ކިރަންއާއި ނޫރީއަށް ވެސް ފާހަގަވިއެވެ. އިތުރަށް އެ މައްސަލައިގައި ދަރަކް ވާނެ މާޔޫސީއެއް ނެތް ފަދައެވެ.
"އޭރު އަހަރެންނަށް ވިސްނުނީ ތިބުނިހެން. އެކަމަކު އަހަންނަކަށް ނޭނގޭ ހިމާޔަތްކުރާން ހަޤީޤަތުގައި ބޭނުންވީ ކޮންކަމެއްކަން. ޖުނޭއަށް އަހަންނަކީ އޭނާގެ ވޮލެޓު. ސިޔާއަށް އަހަންނަކީ ދެގޮތެއްނުވާނޭ އޭނާގެ އެކުވެރިޔާ. އޭނާ ކޮންމެކަމެއްކުރިޔަސް އަހަރެން އޭނާދެކެ ރުޅިއެއް ނާންނާނެ. ކޮންމެ ކަމަކަށް މަޢާފުކޮށްދޭނެ. އެހެންވީމަ ދުވަހަކުވެސް ސިޔާ ރަޙުމަތްތެރިއަކުނެތި އެކަނިވެގެން އުޅޭކަށް ނުޖެހޭނެ... ހަޤީޤަތަކީ އަހަންނަކީ އެ ދެ މީހުންނަށް ވެސް މުހިންމު މީހެއްނޫން. އެކަހަލަ މީހުންނަށް އެމީހުންގެ އަމިއްލަ އެދުން ހާސިލުކުރުމުގައި ފައިދާނުވާ މީހަކީ މުހިންމު މީހަކަށްނުވާނެ." ކިރަން ބުންޏެވެ.
ދެކެވެމުންދިޔަ ވާހަކަ ފަރުވާތެރިކަމާއެކު ދަރަކް އަޑު އަހަމުންދިޔައެވެ. ސިޔާގެ ހަޤީޤީ އިޙްސާސްތަށް ގުޅިފައިވަނީ ކޮންކަމަކާކަމެއް ދަރަކްއަކަށް އަދިވެސް ނޭނގެއެވެ. އޭނާ ބޭނުންވާ ކަންތައްނުވުމުން ކުޑަކުދީންހެން ރޮއެ ބޮޑާ ހާކައިގެން އެކަމެއް ހާސިލުވެދާނޭ ސިޔާއަށް ވެސް ހީވަނީ ތޯއްޗެކެވެ. އޭނާ ހަޤީޤަތުގައި ވެސް އެކުވެރީންދެކެ ނަފުރަތުކުރާނަމަ އެމީހުންނާ އޮތް ގުޅުން ކަނޑާލާން ކިތަންމެ ފުރުޞަތެއް ލިބޭނެކަން ދަރަކް ޤަބޫލުކުރެއެވެ. ސުކޫލު ދައުރުން ފެށިގެން އުފެދިފައި އޮތް އެމީހުންގެ އެކުވެރިކަމަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީއިރު އެހާ ނަފުރަތުކުރާ ބަޔަކާ އެކީ ސިޔާ ހަމަ އުޅެފާނެބާއެވެ.
"އަހަރެމެންގެ ތެރޭގައި ވެސް އެންމެންނަށް އެނގޭ އެކަމަކު ނުދައްކާ ވާހަކަ ހުންނާނެ. ސިޔާގެ ޠަބީޢަތުގެ ސަބަބުން އޭނާއާ އެކުވެރިވާން ވަރަށް މީހުން ބޭނުންނުވާނެ. ސިޔާ ބޮޑުވީ ޢާއިލާއެއްގެ ލޯތްބެއް ނުލިބި. މައިންބަފައިންގެ ލޯބި ނުލިބި... ސިޔާގެ ބައްޕަ މަރުވީ އެކްސިޑެންޓެއްގައި. އޭނާއަށްވުރެ ދެ އަހަރު ދޮށީ ދައްތައެއް ހުރި. ސިޔާއާއި ސާރާއަކީ ދެބެންނަށް ވިޔަސް ހުރިހާ ގޮތަކުން ވެސް އެމީހުން ތަފާތު. މީހުން ފަސޭހައިން ބަލައިގަންނަ ގޮތެއް ސާރާގެ ހުރޭ. އަނެއްކާ ސިޔާއަށްވުރެ ސާރާ ރީތި. މަޑުމައިތިރި ހިތްހެޔޮ ގޮތެއް ހުންނާނީ. ހިނިތުންވެލައިގެން ހުންނަތަން އަބަދުވެސް ފެންނާނީ. އަހަރެމެންނަށް ވެސް ސުކޫލުން ސާރާއާ ދިމާވޭ. ސިޔާއަށްވުރެ އެންމެންގެ ސަމާލުކަން ސާރާއަށް ލިބެންފެށުން މައްސަލައަކީ. މަންމަ ވެސް ސިޔާއަށްވުރެ ސާރާދެކެ ބޮޑަށް ލޯބިވޭ. އަހަރެމެންނަށް އެކަން ފާހަގަވެފައި ވެސް އެބަހުރި. ސިޔާގެ ޠަބީޢަތާއި އޭނާގެ އުޅުމާއި މިޒާޖަށް ބަދަލުތައް އަންނަންފެށީ އޭރު. ޓީނޭޖަކީ އެންމެ ރިބެލިއަސް އޭޖް. ސިޔާ ބައެއްފަހަރު ޝަކުވާކުރާނެ. ދައްތައަކު ހުރީތީ އޭނާއަށް ގިނަފަހަރު މިޖެހެނީ ދައްތަ ބޭނުންކޮށް ބާކޮށްފައި ހުންނަ އެއްޗެހި ބޭނުންކުރާށޭ. އޭނާ ވަރަށް ގިނައިން ކިޔާނެ ދައްތަގެ އަތުން އެއްދުވަހަކުން ހުރިހާ އެއްޗެއް ވަގަށްނަގާނަމޭ. އެކަމަކު ސިޔާއަށް ނޭނގުނީ އޭނާ އެހެން ހެދުމުން މަންމަގެ ސަމާލުކަން ލޯތްބަށްވުރެ ރުޅިއާއި ނަފްރަތަށް ބަދަލުވެދާނެކަން. އިހުނަށްވުރެ ވެސް ބޮޑަށް މަންމަ ސާރާއަށް އަޅާލަންފަށާނެކަން. އެކަންވީ ވެސް ހަމައެގޮތަށް. އެހެންވިޔަސް ސިޔާ ކުރާ ގޯނާތަކުން ސާރާއަށް ބަދަލެއް ނާދޭ. ސާރާއާ ލައިލީގެ ވައްތަރު ގޮތެއް ހުރޭ. އުޅޭ އުޅުމާއި ޠަބީޢަތާއި މީހުންނާ ގުޅުން އުފެއްދުމުގައި ވެސް. ހިތްހެޔޮކަމާއި އޯގާތެރިކަން ފެނޭ. ކިޔެވުމުގައި ވެސް އޭނާއާއި ޔޫން އެންމެ ކުރީގައި އުޅޭނީ. އެކުގައި އުޅޭ ކްލާސްމޭޓްސްއާއި އެހެން ކުދީން ވެސް ލައިލީދެކެ ވަރަށް ލޯބިވޭ. ސިޔާގެ ސަމާލުކަން ލައިލީއަށް ހުއްޓުނީ އެހެންވެގެންހެން ވަރަށް ބޮޑަށް ހީވޭ. އޭނާއަށް ލައިލީ ސިފަކުރެވެންފެށީ ސާރާގެ ގޮތުގައި. އެންމެންގެ ތެރޭ އޭނާ ބާކީވެ ލައިލީއަށް ހުރިހާ ސަމާލުކަމެއް ލިބިދާނޭ ހީވެ ހަސަދަވެރިވާންފެށީ. މިހެން ބުނަން އަހަންނަށް އެނގުނީ އޭރުއްސުރެ ކަންކަން ހިނގަމުން އައި ގޮތުން. އޭރު ސިޔާ ކުރާ ކަންކަމާމެދު ވިސްނާ ފިކުރުކުރާ އުމުރެއްގައެއްނޫން އަހަރެމެން ވެސް ތިބީ. އެކަމަކު އަހަރެމެންނަށް ވެސް ބޮޑުކަމެއްކަމުގައި ފާހަގަވި ލައިލީ ސުކޫލުން ނެގި ބޯއިފްރެންޑްއާ ދެމެދަށް ސިޔާ ވަނުމުން. އޭގެ ފަހުން ލައިލީ ކުއްޖަކާ ރައްޓެހިނުވާން ހުރީ. ސާރާ ރައްޓެހިވެގެން އުޅުނު ކުއްޖާދެކެ ވެސް ލޯބިވެގެން ސިޔާ އުޅުނު. އޭނާ އެ ފިރިހެން ކުއްޖާއަށް މަޖުބޫރުކުރަމުން އައީ ސާރާއާ ރުޅިވެފައި އޭނާއާ ރައްޓެހިވުމަށް. އެކަން ސާރާއަށް އެނގި ވަރަށް ކަންކަން ގޯސްވި. އޭގެ ފަހުން ސިޔާއާ ދެމީހުން އެކީގައެއް ނުފެނޭ. އެހެންނޫނީ ސުކޫލު ނިންމާފައި ގެއަށްދާނީ އަބަދުވެސް އެ ދެމީހުން އެކީގައި. މާގިނަ ދުވަހެއްނުވެ އަޑުއިވުނީ ސާރާ އެކްސިޑެންޓްގައި މަރުވީ ޚަބަރު. ތުންތުންމަތިން އިވުނު ވާހަކައަކީ މަގުން އައި ވެހިކަލްގެ ކުރިމައްޗަށް ސިޔާ ދަނޑިވަޅުބަލާފައި ސާރާ ކޮށްޕާލީކަމަށް. އަހަރެމެން އެންމެން ސަހަރާއަށް ދިޔައީން. އޭނާގެ މަންމަ ނުކުމެގެން ދިޔައީ. އެމީހުންގެ ތިމާގެ މީހެއް ސިޔާ ކައިރީ ހުރީ. އޭގެ ފަހުން ސިޔާއާ މަންމަ ވާހަކައެއް ނުދައްކައޭ ބުނި. އަދިއަދަށް ވެސް ސިޔާގެ މަންމަ އޭނާއާ ވާހަކައެއްނުދައްކާ. އެހެންވެ ވަޒީފާ ލިބުނު ގޮތަށް އޭނާ ވަކިން އުޅޭންފެށީ. އެ ދުވަހު ސަހަރާ ތެރޭ ހުރެފައި ވެސް ސިޔާ ބުނީ ވަރަށް އެހެންކަހަލަ ވާހަކައެއް. އަހަރެމެން އެންމެން ކައިރީ ހުރެފައި... ބުނީ ސާރާ މަރުވީ ސިޔާއަށް ހައްޤުވާންޖެހޭ އުފާވެރިކަން ފޭރިގަތީމައޭ. ސާރާގެ މަރަށްފަހު އޭނާ ކުރިޔަށްވުރެ ވެސް އެކަނިވީކަން އަހަރެން ދެނަހުރިން. އޭނާއަށް އަޅައިލާ ލޯބިދޭނޭ މީހަކުނުވި. އަދިވެސް އޭނާގެ ދިރިއުޅުމުން އުނިވެފައިވާކަމަކީ އެއީ. ޝީ ސްޓިލް ފީލްސް އަންފުލްފިލްޑް. އޭނާ ހީނހީނފައި އެންމެންނާ ވާހަކަދައްކާފައި އުޅުނަސް އެނބުރި ގެއަށް އައުމަށްފަހު އޭނާއަކީ ވަރަށް ބޮޑު އެކަނިވެރި. އެކަމަކު އޭނާގެ އެ ސިފަ އެހެން މީހުންނަކަށް ނުދައްކާ." ކިރަން ވާހަކަ މެދުކަނޑާލަމުން ފުންނޭވާއެއް ހަށިފުރާ ދޫކޮށްލިއެވެ.
"ސިޔާ ފެންބޮވައިގަނެފައިވަނީ އިޝްޤީ ލޯތްބަކަށްނޫން. އޭނާ އެވަނީ އޭނާއަށް އަޅާލައި އޯގާތެރިވާނޭ ފަރާތަކަށް ބޭނުންވެފައި. އޭނާގެ ވާހަކަތައް އަޑުހައި އޭނާއަކީ މުހިންމު މީހެއްކަން އިޙްސާސްކޮށްދޭނޭ ފަރާތަކަށް ބޭނުންވެފައި. އެކަމަކު އެ ފުރުޞަތުން އޭނާ މަހުރޫމް އެވީ އަމިއްލައަށް. އެހެންއެވީ އޭނާގެ ހިތުގައި ހަސަދަވެރިކަން ބޮޑުވެގެން ގޮސް." ދަރަކް އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.
"ދަރަކް. ސިޔާ އަހަރެންނާ ވާހަކަދައްކަމުން އޭނާއަށް އެރޭ ބުނެވުނީ އޭނާ އެންމެ ފުރަތަމަ ލޯބިވި ކުއްޖާއާ ދަރަކް ވައްތަރޭ. އެހެންވެ ކަންނޭނގެ އޭ ލައިލީއާ ދަރަކް ގުޅުނީ ވެސް. އޭނާ އެންމެ ފުރަތަމަ ލޯބިވި ކުއްޖާއޭ އެބުނީ ސާރާ އޭރު ރައްޓެހިވެގެން އުޅުނު ކުއްޖާގެ ވާހަކަ. އަހަރެމެން އެކަކަށް ވެސް ރެއަކާނުލީ ތި ދެ މީހުންނާ މެދު ސިޔާގެ ހިތުގައި އުފެދެމުން އައި ރުޅިވެރިކަމަކީ ސާރާއަށް އަމާޒުވެފައި އޮތް ރުޅިވެރިކަމެއްކަން." ކިރަން ބުންޏެވެ. ދަރަކް ވަރަށް ހައިރާންވިއެވެ.
"ލައިލީއާ މެދު އޮތް ހަސަދަވެރިކަން ބޮޑުވީ ދަރަކްއާ ގުޅުނު ހިސާބުންނޭ އަހަރެން ބުނާނީ. އަހަރެންގެ މިވާހަކަތަކުގެ މަޤްޞަދަކީ ސިޔާއާ މެދު ހަމްދަރުދީ އުފެއްދުމެއްނޫން. އެކަމަކު ތީގެ ދެމީހުންނާމެދު ސިޔާ އެފަދަ ނުބައި ރޭވުމެއް ރޭވި ސަބަބު އަހަރެންނަށް ކޮންމެވެސް ވަރަކަށް ވިސްނިފައި އޮތީމައި، ދަރަކްއަށް ވެސް ކިޔާދިނުން. ސިޔާއާ އެންމެ ކައިރީ އޭނާގެ އެންމެ ގިނަ ސިއްރުތައް އެނގޭ މީހަކީ އަހަރެން." ކިރަން ބުންޏެވެ.
"ކޮންމެ ސަބަބާ ހުރެ ވިޔަސް އޭނާ ކުރީ މަޢާފްކުރެވޭވަރު ކަމެއްނޫން. އަހަރެންގެ ދިރިއުޅުމަށް އެކަމުގެ ނުބައި އަސަރު ނުހަނު ބޮޑަށް މިވަނީ ކޮށްފައި." ދަރަކް މަޑުމަޑުން ބުނެލިއެވެ.
"ގޯސް ހެދީ ހަމައެކަނި ސިޔާއެއްނޫން. ދަރަކްއަށް ވެސް ގޯސްތަކެއް ހެދިއްޖެ. އެހެންވެ މިހެންމިވީ. މީހަކު ބްލެކްމެއިލްކޮށް އިންޒާރެއް ދޭއިރަށް އެމީހާ ބުނާހާ ގޮތެއް ހެދުމުގެ ނަތީޖާ މިފެންނަނީ. ފިރިހެނަކަށްވެ ހުރެ މިކަން ހުއްޓުވޭނެ ކިތަންމެ ފުރުޞަތެއް ދަރަކްއަށް ލިބުނު." ނޫރީ ބުންޏެވެ.
"އާން..." ދަރަކް ލަސްގޮތަކަށް ބޯޖަހާލިއެވެ.
"ލައިލީ އޭނާގެ މަންމަ ކައިރިޔަށް ބަދަލުވެއްޖެ." އިސްޖަހާލައިގެން އިނދެ ދަރަކް ބުނެލިއެވެ.
"ކުރީން ދުވަހު ޔޫންމެންގޭން އަހަރެމެން ދިމާވެގެން ލައިއާ ވާހަކަދެއްކިން." ނޫރީ ބުންޏެވެ.
"އައި ސީ... ލައި... ކިހިނެއް؟. ރަނގަޅުތަ؟." އަހަން ނާހަން އުޅެފައި ދަރަކް ބުންޏެވެ. އޭނާއާއި ލައިލީއާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވޭކަން ލައިލީގެ ރައްޓެހިންނަށް އެނގެންވީމާ ދަރަކްގެ ހިތަށް އުނދަގޫވީއެވެ.
"ލައި ބައްޔެއްނޫން. އެކަމަކު އޭނާ ހެޕީއެއްނޫން." ކިރަންގެ އަޑުގައި ނުތަނަވަސްކަމެއް ވިއެވެ.
"އަހަންނަށް އެނގޭ ދަރަކް ވެސް ލައީއާ މެދު ކަންބޮޑުވެފައިކަން ތިހުންނަނީ. އަނެއްކާ ދަރަކް އެއްވެސް ވާހަކައެއް ނުދެއްކީ ލައިއަށް ވާނޭ ގޮތެއް ހިތަށް އަރުވާފައިކަން ވެސް ވިސްނޭ. އޭނާ ރައްކާތެރިކުރަން އޭނާއަށް ރަނގަޅަށް ދޮގު ހެދިޔަސް، ދޮގެއްވާނީ ހަމަ ދޮގަކަށް. ދެމަފިރިން އެކުގައި ދިރިއުޅޭއިރު ދެމީހުންކުރެ މީހަކު އަނެކާއަށް ކަމެއް ސިއްރުކުރާނަމަ އެކަން ނޭނގިއެއް ނުހުންނާނެ. ޝައްކު އުފެދޭނެ. ލޯބިވާ މީހާއަށް އިތުބާރު ނުކުރެވޭ ހިސާބަށް ދިއުމުން ކުރި ހުރިހާ އުންމީދެއް ގެއްލި ލިބޭ ހިތްދަތިކަން އެއީ އެހާ ފަސޭހައިން ހަނދާންނައްތާލެވިދާނޭ އިޙްސާސެއްނޫން. އެ ތަދު އެތައް ޒަމާނަކަށް ނުފިލާ ހުރެދާނެ. ދަރަކް ބޭވަފާތެރި ނުވިޔަސް ލައިގެ ހިތަށް ލިބިފައިވަނީ މިބުނާ ފަދަ ހިތްދަތިކަމެއް. ދަރަކް އޭނާއަށް ކަންކަން ސިއްރުކުރަމުން އައީތީ އޭނާގެ ހިތް ހަލާކުވެފައިވަނީ. އޭނާ ބޭނުންވީ ކޮންމެކަމެއް ދެމެދުގައި ޚިއްޞާކުރާން. ނުދެކެވޭ އެއްވެސް ވާހަކައެއް ނޯންނަން. ލައިއަށް އަދި ދެތިން ދުވަސް ދީ. އޭނާ ހަމަޖެހޭނެ." ނޫރީ ބުންޏެވެ.
"އެހެންވީމަ ލައިގެ ނިންމުން ޤަބޫލުކޮށްގެން މިހެން އިންތިޒާރުގައި ހުރުންތަ އޮތީ." ދަރަކްއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އެހިނދު އަނެއްކާ ވެސް ނޫރީގެ އަޑު އިވުނެވެ.
"އޭގެ ފަހުން ލައިއަށް ގުޅާ. ދެ މީހުން ވާހަކަދައްކާ. މަތިއޮމާން ކުރާން އުޅޭމީހެއްހެންނޫން. ދަރަކްގެ ހަޤީޤީ އިޙްސާސްތަކުގެ ވާހަކަ ލައިލީއާ ދައްކަންވީ. ދަރަކް ވިސްނާ ގޮތާއި ބޭނުންވާ ގޮތް އޭނާއަށް ކިޔައިދޭންވީ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ދޮގުތަކެއް ހަދައި ސަބަބުދައްކަން އުޅުމަށްވުރެ ހަޤީޤަތަށް ހުރިހާ ވާހަކައެއްދެއްކުން އެންމެ ރަނގަޅީ. ލައިލީ ބޭނުންވާގޮތް ބުނާއިރަށް އެގޮތަކަށް އެއްބަސްވުމުގެ ކުރީން ދަރަކްގެ ޚިޔާލު ވެސް އޭނާއަށް މުހިންމުވާނެ. އެނގެން ވެސް ބޭނުންވާނެ." ނޫރީ ބުންޏެވެ. އޭނާ ދެއްކި ވާހަކައަށް ދަރަކް އިސްޖެހިފައި އިނދެ ބޯޖަހަމުން ދިޔައެވެ.
(ނުނިމޭ)