ދީން

އޯގާތެރިވުމުގައި ރަސޫލާ ދެއްކެވި ނަމޫނާ

Mar 13, 2025
މީހަކު ބުޅަލަކާ ވާހަކަދައްކަނީ، އިސްލާމް ދީނުގައި ދިރޭ ކޮންމެ މަހްލޫގަކަށް ހެޔޮކޮށް ހިތުމަށް ވަނީ އަންގަވާފައި
33.3%
66.7%
0%

ކީރިތި ރަސޫލާ މުޙައްމަދު صَلَى اللهُ عَلَيْهِ وَسَلَّم އަކީ އެންމެ އޯގާތެރި އެންމެ ހެޔޮ އިންސާނާ އެވެ. އެކަލޭގެފާނުގެ އޯގާތެރިކަމާއި ހެޔޮކަމަކީ އިންސާނުންނާ ހަމައިން ނިމޭ ކަމެއް ނޫނެވެ. އެކަލޭގެފާނުގެ އޯގާތެރިކަން ވަނީ ކޮންމެ މަޚްލޫޤަކަށް ހުރި ހެވެއް ކަމުގަ އެވެ. އެކަލޭގެފާނު ވަނީ ދިރޭ އެއްވެސް އެއްޗަކަށް އަނިޔާއެއް ދިނުން މަނާކުރައްވައި ބިރުވެރިކަމުގެ އިންޒާރު ކުރައްވާފަ އެވެ. އަދި އޯގާތެރިވާ ފަރާތްތަކަށް ހުރި ނިއުމަތުގެ މަތިވެރިކަން ބަޔާން ކޮށްދެއްވާފަ އެވެ.

ކަރުހިއްކައިގަނެފައިވާ ކުއްތާއަކަށް ފެންދިން މީހާއަށް ފާފަ ފުއްސަވައިދެއްވިކަމާއި ބުޅަލަކަށް ކާންނުދީ އަދި ކާން ދޫނުކޮށް، އެ ބުޅާ ހައްޔަރުކޮށްފައި ބޭއްވުމުގެ ސަބަބުން މީހަކު ނަރަކައަށް ވެއްދެވުނުކަން ބަޔާންކޮށްދެއްވި އެވެ. އަދި މަސައްކަތް ކުރުވާ ޖަނަވާރަށް ވެސް ބުރައަކަށްވާ މިންވަރަށް މަސައްކަތް ކުރުވުން ވަނީ ކީރިތި ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم މަނާ ކުރައްވާފަ އެވެ.

ހެވިކަންފަދަ ޝަރުއު ކުރެއްވިގެންވާ ކަންކަން ދަސްކުރުމަށް އަމާޒުފަތްގަނޑަކަށް ވެސް ފުރާނައެޅުއްވި ތަކެތި ނުހެދުމަށް އެންގެވި އެވެ. ދިރޭތަކެތި އޭތީގެ މައި އެއްޗާ ވަކިކުރުން ނަހީ ކުރެއްވި އެވެ.

އެއްޗެއް މަރާލުން ހުއްދަވާ ފަދަ ހާލަތުގައި މަރާލުމުގައާއި ކަތިލުން ޝަރުއު ކުރައްވާފައިވާ ތަކެތި ކަތިލުމުގައި ވެސް އޯގާތެރިވުމަށް ރަސޫލުﷲ صَلَى اللهُ عَلَيْهِ وَسَلَّم އުންމަތަށް އިރުޝާދު ދެއްވައި ހަދީޘް ކުރެއްވި އެވެ.

"إنَّ اللَّهَ كَتَبَ الإحْسانَ على كُلِّ شيءٍ، فَإِذا قَتَلْتُمْ فأحْسِنُوا القِتْلَةَ، وإذا ذَبَحْتُمْ فأحْسِنُوا الذَّبْحَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيحَتَهُ"

މާނައީ:-"ހަމަކަށަވަރުން މާތްﷲ ކޮންމެ އެއްޗެއްގެ މައްޗަށް އިހްސާންތެރިކަން ކަނޑައެޅުއްވި އެވެ. ތިޔަބައިމީހުން އެއްޗެއް މެރިކަމުގައި ވިޔަސް މެރުމުގައި އިޙްސާންތެރި ވާށެވެ. އަދި ކަތިލިޔަސް ކަތިލުމުގައި އިހްސާންތެރިވާށެވެ. އަދި ކަތިލުމަށް ބޭނުންކުރާ ތިލަ ރަނގަޅަށް ތޫނުކުރާށެވެ. އަދި ކަތިލެވޭ އެއްޗަށް ލުއިކަންދޭށެވެ!" އަދި ބަކަރިއެއް ކަތިލުމަށް ބާއްވައިގެން އޭގެ ކުރިމަތީގައި ހުރެ ވަޅި ތޫނުކުރައްވަމުން ގެންދެވި ސަހާބީއަކަށް ރަސޫލުﷲ صَلَى اللهُ عَلَيْهِ وَسَلَّم ހަދީޘް ކުރެއްވިއެވެ.

"ތިބާ އަށް މީގެކުރިން ތިޔަކަން ނުކުރެވޭނެ ހެއްޔެވެ؟ ތިބާ ތިއުޅެނީ އޭތި ދެ މަރުން މަރާލަން ހެއްޔެވެ؟

މިއީ އޯގާތެރި ކަމުގައި ރަސޫލުﷲ صَلَى اللهُ عَلَيْهِ وَسَلَّم އުންމަތަށް ދެއްކެވި ރިވެތި ނަމޫނާގެ ބައެއް މިސާލެވެ. އުންމަތަށް ހެޔޮކަން އޮތީ އެކަލޭގެފާނު ދެއްވި އިރުޝާދުތަކަށާއި އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345