ޖުމްހޫރީ ޕާޓީ

ވަލީދާގެ ތާއީދު ރައީސް ސޯލިހްއަށް

އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގަތުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ވަލީދާ ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ހޮވުމަށް މި ސަރުކާރާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށްޓަކައި ޖޭޕީން ވަކިވާން ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސްކަން ދެ ދައުރު ފުރުއްވި ވަލީދާއަކީ 2011 ވަނަ އަހަރުން ފެށިގެން އެ ޕާޓީގެ މެންބަރެކެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމަށް ނިންމުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރެއްވުމަށް ނިންމަވާފަ އެވެ.