ދީން

އިނގިރޭސި ކުޑަކުއްޖަކު ގުރުއާން ހިތު ދަސްކުރިގޮތް!

އިނގިރޭސިވިލާތުގެ ލޫޓަންއަށް ނިސްބަތްވާ މާރިޔާ ނަމަކަށް ކިޔާ ހަތް އަހަރުގެ ކުޑަ އަންހެންކުއްޖަކު ދެ އަހަރުގެ ތެރޭގައި ކީރިތި ގުރުއާން ހިތުދަސްކޮށްފި އެވެ.

މާރިޔާއަށް ގުރުއާން ހިތުދަސްކޮށްދިނުމުގައި ރެއާ ދުވާލު މަސައްކަތްކުރި އޭނާގެ މަންމަ "އިލްމް ފީޑް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅު އެންމެ ފުރަތަމަ ގުރުއާން ހިތުދަސްކުރަން ފެށީ އުމުރުން ފަސް އަހަރުގައި ކަމަށެވެ. އޭރުވެސް މާރިއާ ވަނީ ސީރިއާ އަށް ފައިސާ ހޯދުމަށް ބޭއްވި ގުރުއާން މުބާރާތަކަށް ޔާސީން ސޫރަތް ނުބަލައި ދަސްކޮށްފަ އެވެ. މާރިޔާއަކީ އާދަޔާ ހިލާފަށް ހިތުން ދަސްކުރުމުގެ ބާރު ގަދަ ކުއްޖެއްކަން ފާހަގަވީ އެ ދުވަސްވަރު ކަމަށާއި ދަރިފުޅަށް ގުރުއާން ދަސްކޮށްދޭން އޭނާ އަޒުމް ކަނޑައެޅީ އެ ސަބަބާ ހެދި ކަމަށް މާރިޔާގެ މަންމަ ބުނެފައިވެ އެވެ.

ލޫޓަންގެ ސްކޫލަކުން ގުރުއާނުގެ ބައެއް ދަސްކުރުމަށްފަހު މާރިޔާގެ މަންމަ ބޭނުންވީ މާރިޔާ ހާފިޒާ އަކަށް ހެދުމަށް އެކަމަށް ހާއްސަ ކްލާހަކަށް ފޮނުވާށެވެ. ނަމަވެސް ގުރުއާން އެއްކޮށް ހިތުދަސްކޮށްދޭ ކުލާސްތަކެއް މާރިޔާ ދިރިއުޅުނު ހިސާބުގައި ނެތުމުން އޭނާގެ މަންމަ ގަސްތުކުރީ މާރިޔާ އަށް އަމިއްލަޔަށް ކިޔަވައިދިނުމަށެވެ.

ފަސް އަހަރުގެ ކުޑަކުއްޖަކަށް ގުރުއާން އެއްކޮށް ހިތުން ދަސްކޮށްދިނުމަކީ ކިހާ ވަރެއްގެ އުނދަގޫކަމެއްކަން އެނގުނަސް މާރިޔާއަށް ގުރުއާން ދަސްކޮށްދިނުން ވެގެންދިޔައީ އޭނާގެ މަންމަ ހީކުރި ވަރަށް ވުރެ ބޮޑު އުނދަގޫ ކަމަކަށެވެ. މާރިއާ އަކީ ގުރުއާން ކިޔަވަން ޝައުގު ހުންނަ ކުއްޖަކަށް ވިޔަސް، ސްކޫލް ފިލާވަޅުތައް ކިޔަވައިދިނުމުގެ އިތުރަށް، ދުވާލަކު ފަސް ގަޑިއިރު ދަރިފުޅު ފޫހިނުވާ ގޮތަށް އޭނާ އަށް ގުރުއާން ކިޔަވައިދީ، ދަސްކުރި ތަކެތި މުތާލިއާ ކުރުމަށް މުޅިން އާ ޓައިމްޓޭބަލަކަށް މާރިޔާ އާދަކުރުވަން ޖެހުނެވެ.

"ދަރިފުޅުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަހަރެން ބޭނުންވީ ހަމައެކަނި ކެތްތެރިކަން. އަޅުގަނޑަށް އެ ކެތްތެރިކަން ދެއްވިކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރަން. ދަރިފުޅުގެ ގަޑިތައް އަހަރެން ރާވާފައިވަނީ ކޮންމެ ދުވަހަކުވެސް މެންދުރު ސްކޫލަށް ދިއުމުގެ ކުރިން މާރިއާ ގުރުއާނުގެ ތަންކޮޅެއް ދަސްކުރާނެ. ސްކޫލުން އައިސް އެ ދަސްކުރި ހިސާބު ފަރިތަ ކުރާނެ. ރޭގަނޑު ނިދުމުގެ ކުރިން، ކުރިން ދަސްކޮށްފަ ހުރި އެކި ތަންތަން މުތާލިއާ ކުރާނެ" މާރިޔާގެ މަންމަ ބުންޏެވެ.

މާރިއާ އާއި އޭނާގެ މަންމަގެ ދެ އަހަރުގެ ބުރަ މަސައްކަތަށްފަހު ގުރުއާން އެއްކޮށް ހިތުދަސްކޮށް، ހާފިޒާ ކަމުގެ ސެޓްފިކެޓް މާރިޔާ ހޯދީ އޭނާގެ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. މާރިޔާގެ ކާމިޔާބީ ފާހަގަކުރުމަށް އޭނާ ދިރިއުޅޭ އަވަށުން ވަނީ ރަސްމިއްޔާތެއް ބާއްވައި އެވޯޑުވެސް ދީފަ އެވެ.

މާރިޔާގެ މަންމަ މިހާރު އުންމީދުކުރަނީ އޭނާގެ ދަރިފުޅު ކުޑަކުއްޖެއްގެ ގޮތުގައި ދެއްކި ނަމޫނާ، ދިރިއުޅުމުގެ ހުރިހާ އުމުރެއްގައިވެސް ދެއްކުމުގައި ގާއިމްވެ ހުރުމަށެވެ.

"އަޅުގަނޑުގެ ދަރިފުޅަށްޓަކައި ފަޚުރުވެރިވަން. އަބަދުގެ އުންމީދަކީ ދަރިފުޅު ހެޔޮ މަގުގައި ކުރިއަށް ދިއުން. ދަސްކުރި އިލްމު އޭނާގެ ފަހު ވިންދާ ހަމަޔަށް ތާޒާކަމާއެކު ހަނދާނުގައި ބެހެއްޓުން. އަދި އެ ގޮތަށް އަމަލުތައް ބެހެއްޓުން،" މާރިޔާގެ މަންމަ ބުންޏެވެ.