ސިޔާސީ މައިދާން ސާފުވަމުންދާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި މިވަގުތު އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މިއަދު ފޯމު ހުށަހެޅުއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ފައްޔާޒު ވިދާޅުވީ ވިދާޅުވީ ސިޔާސީ މައިދާނުން ކުރިން ނޭނގި ހުރި ބައެއް ކަންކަން މަޑުމަޑުން އެނގި އިންތިހާބަށް މައިދާން ތައްޔާރުވެފައިވާ ކަމަށެވެ.
ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމުގައިވީ ނަމަވެސް އެކުގައި ކުރިއަށް ނުދެވޭތީ ހިތާމަކުރައްވާ ކަމުގައިވެސް ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު އެ އިޝާރާތް ކުރައްވަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެ އެވެ. ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންދާއިރު ނަޝީދު ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެއްކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ.
ފައްޔާޒު މީގެކުރިން ވިދާޅުވި ގޮތަށް މިއަދުވެސް އިތުރަށް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް -- ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރްއެމް އިން އަދި އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހެދުމަށް ނިންމާފައެއް ނުވެ އެވެ. ނަމަވެސް ވެރިކަން ކުރާ ކޯލިޝަން ހިމެނޭ އަދާލަތު ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިއުމަށް ނިންމާފަ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު ކަން ކުރައްވަމުން ގެންދަވާ އަހްމަދު ސިޔާމު މުހައްމަދުގެ އެމްޑީއޭ އިން ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ.