ބޮލީވުޑް

ފިރިމީހާއާ މައްސަލަ ޖެހުނަސް ރާކީ އިސްލާމް ދީން ދޫކޮށްނުލާނެ!

ރާކީ ސާވަންތު އިސްލާމް ދީން ޚިޔާރުކުރީ ފިރިމީހާ އާދިލްއާ ކައިވެނިކުރަން ބޭނުންވެގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ. ނަމަވެސް ރާކީ މިހާރު ބުނަނީ އޭނާ އިސްލާމްވީ ހިތުގެ އަޑިން ދީން ގަބޫލުކޮށްގެން ކަމަށެވެ.

ރާކީ ބުނި ގޮތުގައި ޝަހާދަތުގެ ދެ ކަލިމަ ކިޔައި އޭނާ މިހާރު އިސްލާމް ވެއްޖެ އެވެ. އަދި ނަމާދުކުރަންވެސް ދަސްކުރަމުންދާ ކަމަށާއި އަދި މުޅިން ދަސްނުވާ ކަމަށެވެ.

"އަހަރެން އިސްލާމް ދީނަށް ވެއްދީ އަހަރެންގެ ފިރިމީހާ. އެކަމަކު މިހާރު އިސްލާމް ދީނަށް މި އުޅެނީ އަހަރެން ބޭނުންވެގެން. އަހަރެން އުފަންވީ ހިންދޫއެއްގެ ގޮތުގައި. ފަހުން މަންމައާ ދެ މީހުން އުޅުނީ ނަސާރާ ދީނަށް. އަދި އާދިލްއާ ކައިވެނިކުރުމަށްފަހު އިސްލާމް ދީނަށް ވަނީ. އާދިލް އެއް މިހާރު އަހަރެންގެ ހަޔާތަކު ނެތް. އެކަމަކު އިސްލާމް ދީނަކީ މިހާރު އަހަރެންގެ ހަޔާތުގެ ބައެއް. އަހަރެން ނަމާދުކުރަން. ރޯދަ ހިފަން. އަދި ރަނގަޅު މުސްލިމެއްގެ ގޮތުގައި ދިރިއުޅެވޭތޯ އެބަ މަސައްކަތް ކުރަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް މަސައްކަތް ކުރާނަން. އިސްލާމް ދީނަށް އުޅެގެން އަހަރެންގެ އަމިއްލަ ނަފްސަށް ހަމަޖެހުން ލިބެނީ،" ރާކީ ބުންޏެވެ.

ރާކީ ބުނި ގޮތުގައި އޭނާގެ ހިތް މިހާރު އެދި އެދި ހުރީ އުމްރާއަށް ދިއުމަށެވެ. ނަމަވެސް އަދި އޭނާއަށް އުމްރާ ވުމަށް ސައޫދީ އަރަބިޔާއަށް ދެވޭނެ އެއްވެސް މަގެއް ނުފެނެ އެވެ. ސަބަބަކީ އޭނާއަކީ ކުރިން ހިންދޫ އަކަށް ވާތީ އެވެ.

"އަހަރެން ޝަހާދަތް ކިޔައި އިސްލާމް ވެއްޖައިން. އަހަރެން ނަމާދުކޮށް ރޯދަ ހިފަން. އަހަރެންގެ މިހާރުގެ ނަމަކީ ފާތިމާ. އެކަމަކު އަދިވެސް މުސްލިމަކަށްވީ ކަމުގެ ސެޓްފިކެޓް އަހަންނަކަށް ނުލިބޭ. ހައްޖަށްދާ މީހުން ކައިރީ އަހަރެން ބުނަން އަހަރެންނަށް ހެޔޮ ދުއާ ކޮށްދޭން،" ރާކީ ބުންޏެވެ.

ރާކީ ބުނި ގޮތުގައި އޭނާގެ މަންމަ މަރުވުމުންނާއި ފިރިމީހާ ބޭވަފާތެރިވުމުން ވަރަށް ރޮއިރޮއިފައި އުޅުނު ރާކީ ކުއްލިއަކަށް މާއުފަލެއް ވެފައި ހުންނަތަން ފެނުމުން ސޯޝަލް މީޑީއާގައި ވަރަށް ގިނަ ބަޔަކު އޭނާއަށް މަލާމާތް ކުރެ އެވެ.

"މީހުން އެބަ ކިޔާ އަހަރެން ހާދަ އަވަހޭ ބަދަލުވީލެއް. އަހަންނަށް ފާޑުކިޔާ މީހުން މީ ކޮން ކަހަލަ ބައެއްތަ؟ އެމީހުން އަހަރެން އުފަލުގައި ހުންނަން ބޭނުން ނުވަނީތަ؟ އަހަރެން އަޅާ ހެދުމާއި އުޅޭ އުޅުމާ މެދު ފާޑުކިޔުން ހުއްޓާލަން ޖެހޭ،" ރާކީ ބުންޏެވެ.