ދީން

އަމާންކަން ލިބެނީ އިސްލާމީ ވެށިން

Mar 14, 2024

އިންސާނީ ހަމަޖެހުމަށް ބޭނުންވާ އަމާންކަން އޮތީ އިސްލާމީ ވެށީގަ އެވެ. އެ ވެށީގައި މީސްތަކުންގެ މުދާ ހިމާޔަތް ވެއެވެ. ވެރިންނަށް އިހްތިރާމާއި ގަދަރު ލިބެ އެވެ. މުސްކުޅިންނަށް އަޅާލުމާއި ޝަރަފު ލިބެ އެވެ. ދަރިންނަށް އޯގާތެރިކަމާއި ކުލުނު ވެއެވެ. އަންހެނުންނަށް އިއްޒަތާއި ހިމާޔަތް ދެއެވެ. މުޅި މުޖުތަމައު މަސަލަސްވެ އަމާން ވެއެވެ.

އިސްލާމީ ވެށީގައި އޮތް އަމާން ކަމަކީ އިންސާނީ ޠަބީއަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ سُبْحَانَهُ وَتَعَالَى ކަނޑައެޅުއްވި ޝަރީއަތެވެ. އެއީ އިންސާނާ ދިރިއުޅެންވީ މަންހަޖެވެ. އޭގައި އެ އިންސާނާ އަށް ރަނގަޅު ހުރިހާ ކަމެއް ހުއްދަ ކުރައްވައި، އޭނާ އަށް ނުރަނގަޅު އެންމެހައި ކަންކަން ވަނީ މަނާވެގެންނެވެ. އެއިން ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ މަތިވެރި އިލާހީ ހިކްމަތްފުޅެއް ވާތީ ތިބާ އަށް ފެންނާނެ އެވެ.

އިސްލާމީ ޝަރީއަތާ އިދިކީލި ނުވާ، އަދި ރައްޔިތުން ދެކެ ލޯބިވާ ވެރިމީހާ އަށް އިހްތިރާމާއި ގަދަރު ކުރަންޖެހެއެވެ. އެފަދަ ވެރިންނަށް ނުކިޔަމަންތެރިވާ މީހާއަށް ބިންމަތީ ފަސާދަ ކުރި ކަމުގެ އަދަބު ދެވެ އެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ކުރާނެ އަމާން ވެއްޓެއް ވެރިންނަށް ލިބެ އެވެ.

މީސްތަކުންގެ މުދާ ނުހައްގުން ފޭރި، ވައްކަންކުރާ މީހާ މުޖުތަމައަށް ދޫކުރެވެނީ އޭނާގެ އަތް، ކުޑަހުޅުން ކަނޑައިލުމަށް ފަހު އެވެ. އެއީ އެހެން މީހުންނަށް ހުރި އިބުރަތެއްގެ ގޮތުގަ އެވެ. އެއީ އޭނާ ދިރުއުޅުމުން މަހްރޫމު ނުކުރުމަށެވެ. މި ކަންކަމުގެ ސަބަބުން މީސްތަކުންގެ މުދަލަށް އަމާން ވެއްޓެއް ގާއިމުވެގެން އާދެ އެވެ.

އަންހެނުންގެ އިއްފަތްތެރިކަން ނަގައިލައި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، ޒިނޭކުރާ މީހުން އަދުލުގެ ކުރިމަށްޗަށް ހާޒިރުކޮށް، ކުށް ސާބިތުވާނަމަ އެ މީހުންގެ ގައިގައި ހައްދުގެ އެތިފަހަރުތައް ޖަހަނީ މުޖުތަމައުގެ ކުޑަކުދިންނާއި، އަންހެނުންނާއި، މުޅި އާއިލާ އަށް އަމާން ވެއްޓެއް ހޯދައިދިނުމަށެވެ. ހައްދު ޖަހާއިރު މުއުމިނުންގެ ބަޔަކު އެ މަންޒަރު ބަލަން ޖެހެނީ އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށެވެ. މުޖުތަމައުގައި އަމާންކަން ދެމެހެއްޓުމަށެވެ.

ނިޒާމެއްގެ ގޮތުން މިއަށްވުރެ ވަކިން ފުރިހަމަ ޝަރީއަތެއް އޮންނާނެ ތޯއެވެ؟ އެކަން އެނގޭނީ މި ޝަރީއަތް ތަޖުރިބާ ކުރި ބަޔަކަށެވެ. އިސްލާމްދީނުގެ ސަލަފުން ވަނީ އެކަން ތަޖުރިބާ ކުރައްވާފަ އެވެ. އިސްލާމީ ތަރަހައިގެ ތެރެއަށް އެކީއެކަށް ވަދެގެން މެނުވީ އެކަން ތަޖުރިބާ ނުކުރެވޭނެ އެވެ. އަމިއްލަ ނަފްސާއި ތިމާގެ އަހުލުންގެ ކިބައިގައި އިސްލާމީ ރިވެތި އުސޫލުތައް ގާއިމު ކުރާށެވެ!