އެސްޓީއޯ

މަސައްކަތްތައް އަވަސް ކުރަން އެސްޓީއޯ އިން ބާޖަކާއި ޓަގެއް ގެނެއްސި

މަޝްރޫއުތައް އަވަސް ކުރަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބާޖަކާއި ޓަގު ބޯޓެއް ގެނެއްސި އެވެ.

ސަރުކާރާއި އާމު ފަރާތްތަކުން ހިއްސާވާ ކުންފުނި ކަމަށްވާ، އެސްޓީއޯއިން އަލަށް ގެނައި "ފެމުނު" ނަމަކަށް ކިޔާ ޓަގާއި "ފެހުރިހި" ނަމަކަށް ކިޔާ ފްލެޓް ޓޮޕް ބާޖު ގެނެސް، އިފްތިތާހުކޮއްދެއްވީ އިއްޔެ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އަލަށް ގެނައި ޓަގާއި ބާޖުބޯޓުގެ ސަބަބުން އިތުރު ބަޔަކަށް ބަރޯސާ ނުވެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިޔަށް ދާނެ ކަމަށާއި އެކުންފުނިން ކުރާ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"މިގޮތުން އިންޑިއާއިން ގެންނަ ޖެނެރަލް ކާގޯ ހުސް ކުރުމަށާއި މާލެ އާއި މާލެ ކައިރި ހިސާބުތަކުގައި ބަލްކް ކޮށް ކޮންސްޓްރަކްޝަން މެޓީރިއަލްސް އެއްތަނުން އަނެއްތަނަށް ގެންދިއުން ފަސޭހަ ވެގެންދާނެ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން އިއްޔެ ގެނައި މި ޓަގު ބޯޓަކީ ބޮލާރޑް ޕުލް 800 ޓަނު ހިފޭ ޓަގެކެވެ. މިދެއުޅަނދު ބަނދެފައިވަނީ ސްރީލަންކާގެ ކޮލޮމްބޯ ޑޮކް ޔާޑްގައެވެ.